ދެން އޮތީ ޕްރިމިއާ ލީގަށް ސަމާލުކަން ދިނުން: ގާޑިއޯލާ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ކޮލިފައިވުމަށް ފަހު މެންޗެސްޓަރ ސިޓީގެ ސަމާލުކަން ދެން ދޭނީ އިނގިރޭސި ޕްރިމިއާ ލީގަށް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. ރޭ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި 1-1 އިން ޝަކްތާ ޑޮނެސްކާ ވާދަކުރި މެޗު އެއްވަރުވުމުން ސިޓީ ވަނީ 11 ޕޮއިންޓާއެކު ގްރޫޕުގެ އެއް ވަނަ ކަށަވަރުކޮށްފަ އެވެ.
ރޭ ހޯދި ކާމިޔާބާއެކު ސިޓީ ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ޖާގަ ޖެހިޖެހިގެން ހަތް ސީޒަނުގައި ހޯދާފަ އެވެ. އޭގެތެރެއިން ހަތަރު ސީޒަނުގައި އެޓީމު ދެ ވަނަ ބުރަށް ކޮލިފައިކޮށްދިނީ ގާޑިއޯލާ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އެޓީމު ކެޓީ ކުއާޓާ ފައިނަލުގައި ހިތްދަތި ގޮތަކަށް ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވުމުންނެވެ.
“އަހަރެމެން މި މުބާރާތުގައި އަނެއް ބުރަށް މިއޮތީ ދެވިފައި. ކަޕް މެޗުތައް އައުމުގެ ކުރިން ދެން ސަމާލުކަން ދޭނީ ޕްރިމިއާ ލީގަށް. މިރޭ ބޭނުންވީ ޗެމްޕިއަންސް ލީގުގެ އަނެއް ބުރަށް ދާން” ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ސިޓީއަށް ބާކީ އޮތީ ރަށުން ބޭރުގައި ކްރޮއޭޝިއާގެ ޑީނަމޯ ޒަގްރެބްއާ ދެކޮޅަށް ރަށުން ބޭރުގައި ވާދަކުރާ މެޗެވެ. އެއް ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ލިބިފައި އޮތުމާއެކު އެ މެޗުގައި ގާޑިއޯލާ ވަރުގަދަ ޓީމެއް ނެރޭނެ ކަމަކަށް ނުބެލެވެ އެވެ. އެކަމަކު ގާޑިއޯލާ ބުނީ ކްރޮއޭޝިއާގައި ކުޅެންޖެހޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ގެންދާނީ ސިޓިގެ ވަރުގަދަ ޓީމު ކަމަށާއި އެއީ ގްރޫޕުގައި ދެންތިބި ޓީމުތަކަށް ކުރާ އިހުތިރާމެއްގެ ގޮތުގައި ކުރާނެ ކަމެއް ކަމަށެވެ.
ސިޓީގެ ފަހަތުން ގްރޫޕުގައި އޮތް ޝަކްތާ އާއި ޒަގްރެބް އަދި އެޓަލާންޓާއަށް ވެސް ވަނީ އަނެއް ބުރަށް ދިއުމުގެ ފުރުސަތު ހުޅުވިފަ އެވެ. ދެ ވަނައިގައި ހަ ޕޮއިންޓާއެކު ޝަކްތާ އޮތްއިރު ތިން ވަނައިގައި އޮތް ޒަގްރެބްއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. މި ގްރޫޕުގެ ފުލުގައި އޮތީ ހަތަރު ޕޮއިންޓް ލިބިފައިވާ އެޓަލާންޓާ އެވެ. ގްރޫޕުގެ ފަހު މެޗުގައި ސިޓީން ޒަގްރެބްއާ ދެކޮޅަށް ނުކުންނައިރު ޝަކްތާ އާއި އެޓަލާންޓާ ވާދަކުރާނެ އެވެ.
“ފަހު މެޗުގައި ބޭނުންކުރާނީ ފުރަތަމަ ޓީމުގެ ކުޅުންތެރިން. ސިޓީން އެ ގައުމަށް ދަތުރުކުރާނީ މޮޅެއް ހޯދަން. ޝަކްތާ އާއި އެޓަލާންޓާއަށް ކުރާ އިހުތިރާމެއްގެ ގޮތުގައި އަހަރެމެން ޖެހޭނެ ރަނގަޅު ޓީމެއް އެ މެޗުގައި ނެރެން” ބާސެލޯނާއާ އެކު ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ގާޑިއޯލާ ބުންޏެވެ.
ޕްރިމިއާ ލީގުގައި ނަތީޖާ ރަނގަޅު ކުރުމަށް ގާޑިއޯލާ އަމާޒު ހިފިއިރު އެޓީމު މިވަގުތު އޮތީ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެ ނުވަ ޕޮއިންޓް ފަހަތުން ތާވަލުގެ ތިން ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި 37 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ދެ ވަނައިގައި އޮތީ 29 ޕޮއިންޓާއެކު ލެސްޓަ ސިޓީ އެވެ. 28 ޕޮއިންޓާއެކު ސިޓީ ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތީ 26 ޕޮއިންޓް ލިބިފައިވާ ޗެލްސީ އެވެ.
މިދިޔަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ސިޓީން ހޯދީ ވާދަވެރި ރޭހަކަށް ފަހު ލިވަޕޫލަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ. އެކަމަކު މި ސީޒަނުގައި މިހާތަނަށް ނުކުމެފައިވާ ނަތީޖާތަކަށް ބަލާއިރު އަމިއްލަ ބާރުގައި ލީގު ހޯދުމުގެ ބޮޑު ފުރުސަތެއް ލިވަޕޫލަށް ވަނީ ލިބިފަ އެވެ.
“ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތަކަށް ދާއިރު ޓީމު އޮންނާނެ ހާލަތެއް އަދި ނޭނގެ. އެކަމަކު މިއީ މުޅި ކްލަބް ޕްރިމިއާ ލީގަށް ސަމާލުކަން ދޭންވީ ވަގުތު” ގާޑިއޯލާ ބުންޏެވެ.
Advertisement


Leave a Reply