ސިޓީ، ޓޮޓެންހަމް އަދި ރެއާލް މެޑްރިޑް ދެ ވަނަ ބުރަށް

Advertisement

ސިޓީ، ޓޮޓެންހަމް އަދި ރެއާލް މެޑްރިޑް ދެ ވަނަ ބުރަށް

ޢަލީ ޝަހީމް
ބެންޒެމާ ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނުކުތް ނަތީޖާއާ އެކު މެންޗެސްޓަރ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާސް އަދި ރެއާލް މެޑްރިޑް ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ. ރޭ ސިޓީއާ ޝަކްތާ ޑޮނެސްކް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި 4-2 އިން އޮލިމްޕިއާކޯސް ބަލިކޮށްފަ އެވެ. ރެއާލަށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވީ ގްރޫޕް އޭގެ ތިން ވަނައިގައި އޮތް ކްލަބް ބުރޫޖާއި ގަލަތަސަރާއީ 1-1 އިން އެއްވަރުވުމުންނެވެ. އެ ދެޓީމުގެ މެޗަށް ފަހު ރެއާލުން ރޭ ޕީއެސްޖީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ރޭ ޝަކްތާ ޑޮނެސްކާ ދެކޮޅަށް ކުޅުނު މެޗަށް ސިޓީން ނުކުތީ އަނިޔާގެ ސަބަބުން ފޯވާޑް ސާޖިއޯ އަގުއޭރޯ ނުލަ އެވެ. އަގުއޭރޯގެ އަނިޔާއާ ގުޅިގެން އޭނާއަށް މެޗުތަކެއް ގެއްލޭނެކަމަށް ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ. ރޭގެ މެޗުގެ 56 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ އިލްކާއީ ގުންޑޮގާން އެވެ. މެޗުގައި ޝަކްތާއިން އެއްވަރުކުރި ގޯލު 69 ވަނަ މިނެޓުގައި ޖެހީ މެނޯ ސޮލޮމަން އެވެ. ސިޓީ ގްރޫޕުގައި ހިމެނޭ އެޓަލާންޓާ ރޭ ވަނީ 2-0 އިން ޑީނަމޯ ޒަގްރެބް ބަލިކޮށްފަ އެވެ. ބާކީ އެއް މެޗު އޮއްވައި މި ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ސިޓީ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތީ ހަ ޕޮއިންޓް ލިބިފައިވާ ޝަކްތާ އެވެ. މި ގްރޫޕުގެ ތިން ވަނައިގައި ފަސް ޕޮއިންޓާއެކު ޒަގްރެބް އޮތްއިރު ފުލުގައި އޮތް އެޓަލާންޓާއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.

Advertisement

ސިޓީގެ ގުންޑަގާން ރޭގެ މެޗުގައި ގޯލު ޖަހަނީ. ސިޓީ ވެސް ވަނީ އަނެއް ބުރުން ފުރުސަތު ހޯދާފައި

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި އަމިއްލަ ދަނޑުގައި ރޭ ކުޅުނު ފުރަތަމަ މެޗުން 4-2 އިން އޮލިމްޕިއާކޯސް ބަލިކޮށް ޓޮޓެންހަމް އަނެއް ބުރުގެ ޖާގައެއް ކަށަވަރުކުރީ ފަސް މެޗުން ހޯދި 10 ޕޮއިންޓާއެކު އެވެ. މި ގްރޫޕުގެ އެއް ވަނައިގައި އޮތީ ސައްތައިން ސައްތަ ރެކޯޑަކާއެކު ނަތީޖާ ނެރެމުން އަންނަ ބަޔާން މިއުނިކް އެވެ. ރޭ ރަށުން ބޭރުގައި ރެޑް ސްޓާ ބެލްގްރޭޑާ ދެކޮޅަށް ކުޅުނު މެޗު 6-0 އިން ކާމިޔާބުކޮށް ބަޔާނުން ވަނީ 15 ޕޮއިންޓާއެކު ގްރޫޕް ބީގެ އެއް ވަނަ ކަށަވަރުކޮށްފަ އެވެ. މި ގްރޫޕުގެ ތިން ވަނައިގައި ތިން ޕޮއިންޓާއެކު ބެލްގްރޭޑް އޮތްއިރު ފުލުގައި އޮތީ ޕޮއިންޓެއް ލިބިފައިވާ އޮލިމްޕިއާކޯސް އެވެ.

ރޭ ޓޮޓެންހަމުން މެޗު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ކުރީކޮޅު ޔޫސުފް އެލް-އަރާބީ އާއި ރުބެން ސެމޭޑޯގެ ގޯލުތަކުން އޮލިމްޕިއާކޯސް އިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރައި ޖެހި ހަތަރު ގޯލުންނެވެ. ޓޮޓެންހަމްގެ ހަތަރު ގޯލުގެ ތެރެއިން ހެރީ ކޭން ދެ ގޯލު ޖެހިއިރު އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ ޑެލި އަލީ އާއި ސާޖް އޮރިއޭ އެވެ. ރޭގެ މެޗާއެކު ކޭން ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ މަދު މެޗުން 20 ގޯލު ހަމަކުރި ކުޅުންތެރިޔާއަށެވެ. މި ރެކޯޑް ކުރިން އޮތީ 26 މެޗުން 20 ގޯލު ޖެހި ކުރީގެ މަޝްހޫރު ފޯވާޑް އެލެސަންޑްރޯ ޑެލް ޕިއޭރޯ އަތުގަ އެވެ. އެކަމަކު ކޭން 20 ގޯލު ހަމަކުރީ އެންމެ 24 މެޗުންނެވެ.

ޓޮޓެންހަމް ހިމެނޭ ގްރޫޕުގައި ރޭ ބަޔާނުން ހަ ގޯލު ޖެހިއިރު ރޮބާޓް ލެވަންޑޯސްކީ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. ރޭގެ މެޗުގައި 14 މިނެޓާއި 31 ސިކުންތުގައި ލެވަންޑޯސްކީ ޖެހި ހަތަރު ގޯލަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ރެކޯޑެވެ. މެޗުގައި ލެވަންޑޯސްކީ ގޯލުތައް ޖެހީ 53، 60، 64 އަދި 67 ވަނަ މިނެޓުގަ އެވެ. މިއީ މި ސީޒަނުގައި ކްލަބާއި ގައުމަށް ކުޅެދިން 24 މެޗުގައި ލެވަންޑޯސްކީ ކާމިޔާބުކޮށްދިން 30 ވަނަ ގޯލެވެ. މި 30 ގޯލުގެ ތެރެއިން ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ފަސް މެޗުގައި 10 ގޯލު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ލިއޯން ގޮރެޓްޒްކާ އާއި ކޮރެންޓިން ޓޮލީސޯ އެވެ.

ލެވަންޑޯސްކީ ގޯލު ޖެހުމަށް ފަހު. ރޭގެ މެޗުގައި އޭނާ ޖެހި ހަތަރު ގޯލަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ އަވަހަށް ކުޅުންތެރިޔަކު ޖެހި ހަތަރު ގޯލު

ގްރޫޕް އޭގައި ރޭ ކްލަބް ބުރޫޖާއި ގަލަތަސަރާއީ ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން ޕީއެސްޖީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ރެއާލަށް ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފަ އެވެ. އެކަމަކު ޕީއެސްޖީ ބަލިކުރަން އަމިއްލަ ދަނޑުގައި ނުކުތް ރެއާލް ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ރޭގެ މެޗުގައި ކަރީމް ބެންޒެމާގެ ދެ ގޯލުން ރެއާލް ލީޑު ނަގާފައިވަނިކޮށް ޕީއެސްޖީން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ފަހު 10 މިނެޓުގަ އެވެ. މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލު 81 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ޖެހިއިރު އޭގެ ދެ މިނެޓު ފަހުން އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޕަބްލޯ ސަރާބިއާ އެވެ.

ގްރޫޕް އޭގައި ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދައި ޕީއެސްޖީ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ފުރުސަތު ހޯދިއިރު ރެއާލް ދެ ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ހޯދީ އަށް ޕޮއިންޓާއެކު އެވެ. މި ގްރޫޕުގެ ތިން ވަނައިގައި ތިން ޕޮއިންޓާއެކު އޮތް ކްލަބް ބުރޫޖާއި ދެ ޕޮއިންޓާއެކު ފުލުގައި އޮތް ގަލަތަސަރާއީ ވަނީ ކަޓައިފަ އެވެ.

ރޭ އަމިއްލަ ދަނޑުގައި 1-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ޔުވެންޓަސް ވަނީ ގްރޫޕް ޑީގެ އެއް ވަނަ ކަށަވަރުކޮށްފަ އެވެ. މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ރަނގަޅު ފޯމެއްގައި ހުރި ޕައޮލޯ ޑިބާލާ އެވެ.

ރޭގެ މެޗުން ބަލިވުމުން އަނެއް ބުރަށް ދިއުމަށް އެތުލެޓިކޯ ކުރަން އޮތް މަސައްކަތް ވަނީ އިތުރުވެފަ އެވެ. ގްރޫޕް ޑީގެ އެއް ވަނަ ޔުވެންޓަސް ކަށަވަރުކުރީ ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ޔުވެންޓަސްގެ ފަހަތުން އެތުލެޓިކޯ ހަތް ޕޮއިންޓާއެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތް ބަޔާން ލެވަކޫސަނަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި ލޮކޮމޯޓިވް މޮސްކޯއަށް ފަސް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ވަނީ އަނެއް ބުރަށް ދިއުމުގެ ފުރުސަތު ގެއްލިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *