ހޭންޑްބޯލް ޓީމް ޖަކާޓާ ގައި، ކްރިކެޓް ޓީމް ސީދާ ނޭޕާލަށް

Advertisement

ހޭންޑްބޯލް ޓީމް ޖަކާޓާ ގައި، ކްރިކެޓް ޓީމް ސީދާ ނޭޕާލަށް

ޢަލީ
ގައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމް މިއަދު ނޭޕާލުގައި. މިއީ އަންހެން ކްރިކެޓް ޓީމުގެ ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތް. - ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާދަމާ ނޭޕާލުގައި ފަށާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ހޭންޑްބޯލް ޓީމުތައް މިހާރު އިންޑޮނީޝިއާގެ ޖަކާޓާގައި ތަމްރީނުތައް ފުރިހަމަކުރަމުންދާއިރު، ރާއްޖޭގެ އަންހެން އަދި ފިރިހެން ކްރިކެޓް ޓީމް މިއަދު ނޭޕާލުގެ ކަތުމަންޑޫއަށް އައިސްފި އެވެ.

ސައުތު އޭޝިއަން ގޭމްސް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު އަންނަ މަހުގެ އެއް ވަނަ ދުވަހަށް ތާވަލުކޮށްފައިވީނަމަވެސް މުބާރާތުގައި ވާދަކުރާ 26 ކުޅިވަރުގެ ތެރެއިން ވޮލީބޯޅަ މުބާރާތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތުގައި ވާދަކުރާ ގައުމީ އަންހެން އަދި ފިރިހެން ހޭންޑްބޯލް ޓީމު އިންޑޮނީޝިއާއަށް ދިއުމަށް ފުރާފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އިންޑޮނީޝިއާގައި ކޭމްޕް ކުރުމަށް ފަހު ގައުމީ ޓީމުތަކުގެ ފުރަތަމަ ފަރިތަކުރުން މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ހޭންޑްބޯޅައިގެ ދެޓީމު ވެސް ނޭޕާލަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މިފަހަރުގެ ގޭމްސްގައި އަންހެން އަދި ފިރިހެން ހޭންޑްބޯލް އިވެންޓުގައި ހަ ގައުމަކުން ވަނީ ބައިވެރިވެފަ އެވެ. ރާއްޖޭގެ ފިރިހެން ހޭންޑްބޯލް ޓީމު ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝްއާ އެކު ގްރޫޕް އޭގަ އެވެ. ފިރިހެން އިވެންޓުގެ ގްރޫޕް ބީގައި ހިމެނެނީ ޕާކިސްތާން ނޭޕާލް އަދި ސްރީ ލަންކާ އެވެ. އަންހެން ބައިގައި ރާއްޖެ ހިމެނެނީ އިންޑިއާ އަދި ޕާކިސްތާނާ އެކު ގްރޫޕް އޭގަ އެވެ. އަންހެން އިވެންޓުގެ ގްރޫޕް ބީގައި ހިމެނެނީ ނޭޕާލް، ސްރީ ލަންކާ އަދި ބަންގްލަދޭޝް އެވެ.

ގައުމީ އަންހެން ހޭންޑްބޯލް ޓީމް މިއަދު ޖަކާޓާގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން. – ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ރާއްޖޭގެ ކްރިކެޓް ޓީމު މިއަދު ކަތުމަންޑޫއަށް އައިސްފައިވާއިރު މިއީ ގައުމީ އަންހެން ކްރިކެޓް ޓީމު ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމީ އަންހެން ކެރިކެޓް ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ސްރީ ލަންކާގެ ގައުމީ ޓީމަށް ކުޅެފައިވާ ޕަދްމާ ކަރުނަރަތުނޭ އެވެ. ރާއްޖޭގައި ގައުމީ ފެންވަރުގައި އަންހެން ކުޅުންތެރިންނަށް މުބާރާތެއްގެ ސިފައިގައި ކްރިކެޓްގެ ތަޖުރިބާ ލިބެ ފެށީ މީގެ ތިން އަހަރު ކުރިން ފެށި ގައުމީ މުބާރާތުންނެވެ.

މިފަހަރުގެ ގޭމްސްގެ އަންހެން ކްރިކެޓްގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން ނޭޕާލާއި ބަންގްލަދޭޝް އަދި ސްރީ ލަންކާ އެވެ. އަންހެން ކްރިކެޓްގެ ހުރިހާ މެޗެއް ނޭޕާލުގެ ޕޮކަރާ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ހޮވާ މެޗު ކުޅޭނީ ޑިސެމްބަރު ހަތް ވަނަ ދުވަހު އެވެ. ލީގު އުސޫލުން ކުޅޭ މެޗުތަކަށް ފަހު އެންމެ ކުރި ހޯދާ ދެޓީމުގެ މެދުގައި ކުޅޭ ފައިނަލް އޮންނާނީ ޑިސެމްބަރު އަށް ވަނަ ދުވަހު އެވެ.

މިފަހަރުގެ ގޭމްސްގެ ފިރިހެން އިވެންޓުގައި ވާދަކުރަނީ ރާއްޖެ، ނޭޕާލް، ލަންކާ 23 އަހަރުން ދަށުގެ ޓީމް، ބަންގްލަދޭޝް 23 އަހަރުން ދަށުގެ ޓީމް އަދި ބޫޓާން އެވެ. މުބާރާތުގައި ލަންކާ އާއި ބަންގްލަދޭޝްއިން 23 އަހަރުން ދަށުގެ ޓީމު ވާދަކުރަނީ މި ގައުމުތަކަކީ ދުނިޔޭގެ ކްރިކެޓްގެ އެންމެ މަތީ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޓެސްޓް ޓީމު ކްރިކެޓްގައި އުޅޭ ގައުމުތަކަށް ވާތީ އެވެ. ޓެސްޓް ރޭންކިންގައި ދުނިޔޭގެ 12 ގައުމެއް ހިމެނޭއިރު މި ލިސްޓުގައި ހިމެނޭ އިންޑިއާ އާއި ޕާކިސްތާނުން މިފަހަރުގެ ގޭމްސްގައި ވާދައެއް ނުކުރާނެ އެވެ.

ރާއްޖޭގެ ގައުމީ ފިރިހެން ކްރިކެޓް ޓީމުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެ ގަޑިން ހެނދުނު 8:15 ގައި ނުކުންނާނީ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށެވެ. މުބާރާތުގެ ދެ ވަނަ މެޗުގައި ޑިސެމްބަރު ފަސް ވަނަ ދުވަހު ލަންކާގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ފިރިހެން ކްރިކެޓް ޓީމު ނުކުންނާނީ ރާއްޖެ ގަޑިން މެންދުރު 12:15 ގަ އެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި ޑިސެމްބަރު ހަ ވަނަ ދުވަހު ކުޅޭނީ ނޭޕާލާ އެވެ. އެ މެޗު ވެސް ފަށާނީ މެންދުރު 12:15 ގަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފިރިހެން ކްރިކެޓް ޓީމު ޑިސެމްބަރު އަށް ވަނަ ދުވަހު ރާއްޖެ ގަޑިން 12:15 ގައި ވާދަކުރާނީ ބޫޓާނާ އެވެ. ފިރިހެން ބައިގެ ތިން ވަނަ ހޮވާ މެޗު ޑިސެމްބަރު ނުވަ ވަނަ ދުވަހުގެ ހެނދުނު 10:15 ގައި ކުޅޭއިރު އެންމެ ކުރި ހޯދާ ދެ ގައުމު ވާދަކުރާ ފައިނަލް މެޗު އޮންނާނީ ޑިސެމްބަރު 10 ވަނަ ދުވަހުގެ 10:15 ގަ އެވެ. ފިރިހެން ކްރިކެޓް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނޭޕާލުގެ ކިރްތިޕޫރުގެ ޓްރިބުވާން ޔުނިވަރސިޓީ ގްރައުންޑުގަ އެވެ.

ރާއްޖޭގެ ކްރިކެޓް ފިރިހެން އަދި އަންހެން ގައުމީ ޓީމު މިއަދު ނޭޕާލަށް އައިސްފައިވާއިރު ފިރިހެން އަދި އަންހެން ވޮލީ ޓީމު ވެސް މިހާރު ވަނީ ކަތުމަންޑޫއަށް އައިސްފަ އެވެ. ރާއްޖޭން މިފަހަރުގެ ގޭމްސްގައި ވާދަކުރާ ފުރަތަމަ މެޗަކަށް ވާނީ މާދަމާ ހަވީރު ގައުމީ އަންހެން ވޮލީ ޓީމު ޕާކިސްތާނާ ދެކޮޅަށް ނުކުންނަ މެޗެވެ. މި މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 4:15 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *