ޓުޗެލް ޒިދާނަށް: ކިތަންމެ ބޭނުންވިޔަސް އެމްބާޕޭ އަކީ އަހަރެމެންގެ މީހެއް!

Advertisement

ޓުޗެލް ޒިދާނަށް: ކިތަންމެ ބޭނުންވިޔަސް އެމްބާޕޭ އަކީ އަހަރެމެންގެ މީހެއް!

ޢަލީ ޝަހީމް

ޕީއެސްޖީއަށް ކުޅޭ ފްރާންސްގެ 20 އަހަރުގެ ފޯވާޑް ކިލިއަން އެމްބާޕޭ އަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ޝައުގުވެރިކަން ހުރިނަމަވެސް އެމްބާޕޭ ނުލިބޭނެ ކަމަށާއި އެއީ ޕީއެސްޖީގެ ކުޅުންތެރިއެއް ކަމަށް ބުނެ އެޓީމުގެ ކޯޗު ތޯމަސް ޓުޗެލް ރައްދުދީފި އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އެމްބާޕޭއާ ގުޅޭގޮތުން ރެއާލާއި ޕީއެސްޖީން ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެމްބާޕޭ ގެނައުމުގެ ޝައުގުވެރިކަން ޒިދާންގެ އިތުރުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ފާޅުކޮށްފަ އެވެ. މިދިޔަ ޓްރާންސްފާ ބާޒާރުތަކުގައި ރެއާލުން އެމްބާޕޭ ގެނައުމުގެ މަސައްކަތް ކުރިނަމަވެސް މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒިދާން ވަރަށް ބޮޑަށް އެމްބާޕޭއަށް ގަޔާވާކަމަށް ބުނުމުން ޕީއެސްޖީ ޑިރެކްޓަރު ލިއޮނާޑޯ ވަނީ އެކަމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް ވަނީ ރައްދު ދީފަ އެވެ. އެމްބާޕޭއާ ގުޅޭގޮތުން އަނެއްކާ ބަހުގެ ހަމަލާތައް ތަކުރާރުވީ މިރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެއާލާއި ޕީއެސްޖީ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން އަނެއްކާވެސް އެމްބާޕޭއާ މެދު އޭނާ ގަޔާވާކަމަށް ބުނުމުންނެވެ.

Advertisement

“އެއީ އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް. އެކަމަކު މިހާރު އެމްބާޕޭއަކީ ޕީއެސްޖީގެ ކުޅުންތެރިއެއް” އެމްބާޕޭއަށް ޝައުގުވެރިވާކަން ތަކުރާރުކުރަމުން ޒިދާން ބުންޏެވެ.

މި ވާހަކަތަކަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓުޗެލް ބުނީ ޒިދާން، އެމްބާޕޭ އެހާބޮޑަށް ބޭނުންވަނީ އެއީ ނުވާނެ ކަމެއްކަން އެނގޭތީ ކަމަށާއި، އެމްބާޕޭ ދެކެ ގަޔާވަނީ ހަމައެކަނި ޒިދާން ނޫންކަމަށެވެ.

“އަހަރެންނަށް ނޭނގޭ ޒިދާން ކިހިނެއް ކަމެއް އެމްބާޕޭއާ އެހާ ގަޔާވަނީ. އަހަރެމެންވެސް އެމްބާޕޭއަށް އޮތް ޝައުގު އެހާ ބޮޑު” މަޖާޒީ ގޮތެއްގައި ވާހަކަދައްކަމުން ޓުޗެލް ބުންޏެވެ.

“އެންމެ މުހިއްމު ކަމަކީ އެމްބާޕޭ އަކީ އަހަރެމެންގެ ކުޅުންތެރިއެއްކަން. އަހަރެމެން ވަރަށް އުފާވޭ އެމްބާޕޭ މިޓީމާއެކު ހުރީމަ. ތިމާ ބޭނުންވާ ކަމެއް ނުވާތީ އެކަމެއް ކުރަން އިތުރަށް ބޭނުންވާނެ” ނުސީދާކޮށް ޒިދާނަށް ރައްދު ދެމުން ޓުޗެލް ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލްގެ ދަނޑުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު މި ގްރޫޕުގައި ފުރަތަމަ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދައި ޕީއެސްޖީ ވަނީ ދެ ވަނަ ބުރުން ފުރުސަތު ހޯދާފަ އެވެ. މިރޭގެ މެޗު އެއްވަރު ކޮށްލައިގެން ވެސް ޕީއެސްޖީއަށް ގްރޫޕުގެ އެއް ވަނަ ކަށަވަރުވާއިރު އަނެއް ބުރަށް ދިއުމަށް މިރޭގެ މެޗު ކާމިޔާބުކުރުން ރެއާލަށް މުހިއްމެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ހަތަރު މެޗުގައި ޕީއެސްޖީން 10 ގޯލު ޖެހިއިރު އެޓީމު ކޮޅަށް އަދި ގޯލެއް ނުވަދެ އެވެ. ޓުޗެލް ބުނީ އަމިއްލަ ދަނޑުގައި ރެއާލް އަތުން 3-0 އިން މޮޅުވި ނަމަވެސް ރެއާލް ރަނގަޅު ފޯމެއްގައި އޮތުމަކީ މިރޭގެ މެޗު އެޓީމަށް އުނދަގޫވާނެ ސަބަބެއް ކަމަށެވެ.

“މި މެޗު ތަފާތު ވާނެ ބައިވަރު ސަބަބުތައް އެބަހުރި. ފުރަތަމަ ކަމަކަށް މެޑްރިޑްގައި މެޗު ކުޅުން. އެއީ މެޗެއް ކުޅެން އެންމެ އުނދަގޫ އެއް ސްޓޭޑިއަމް. އެޓީމު ކުޅޭއިރު މުޅި ދަނޑުގައި ތިބެނީ ލީޑަރުންނާއި ކެޕްޓަނުން. އަނެއްކާ މިހާރު އެޓީމު އޮތީ ރަނގަޅު ފޯމެއްގައި. ގިނަ މެޗުތަކަކުން މޮޅުވާއިރު މާގިނަ ގޯލުތަކެއް ބައިކޮޅަށް ނުވަދޭ” ޓުޗެލް ބުންޏެވެ.

ރެއާލާއި ޕީއެސްޖީ މިރޭ ރާއްޖެ ގަޑިން އެކެއް ޖަހާއިރު ވާދަކުރުމުގެ ކުރިން ދެ ޕޮއިންޓާއެކު މި ގްރޫޕުގެ ތިން ވަނައިގައި އޮތް ކްލަބް ބުރޫޖާއި ޕޮއިންޓަކާއެކު މި ގްރޫޕުގެ ފުލުގައި ގަލަޓަސަރާއި ވާދަކުރާނެ އެވެ. މި މެޗުން ކްލަބް ބުރޫޖަށް މޮޅެއް ނުލިބިއްޖެ ނަމަ ޕީއެސްޖީ މެޗު ފެށުމުގެ ކުރިން ހަތް ޕޮއިންޓާއެކު ދެ ވަނައިގައި އޮތް ރެއާލަށް ދެ ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ.

ފުރަތަމަ މެޗުގައި ޕީއެސްޖީ އަތުން ބަލިވިޔަސް ރެއާލްގެ ކޯޗު ޒިދާން ބުނީ މިރޭގެ މެޗުގައި އެޓީމުން ނުކުންނާނީ ބަދަލުހިފަން ނޫންކަމަށެވެ.

“ފުރަތަމަ މެޗުގައި ވީގޮތުން އަހަރެމެން މިއުޅެނީ ބަދަލުހިފާކަށް ނޫން. އެކަމަކު ރަނގު މެޗެއް ކުޅެ ފޯމެ ދެމެހެއްޓުމަކީ ބޭނުންވާ ކަމެއް. ބޭނުންވަނީ މޮޅަށް ކުޅެ މިރޭގެ މެޗުން މޮޅުވާން” ޒިދާން ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *