ބެލޮންޑިއޯ ލިބެން ޖެހޭނީ މެސީ އަކަށް ނޫން، ވެން ޑައިކަށް: ކްލޮޕް
ފްރާންސް ފުޓްބޯޅަ މެގެޒިނުން ކޮންމެ އަހަރަކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް މި އަހަރު ހައްގުވާނީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ކަމަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ. ކްލޮޕް ބުނީ ބެލެންޑިއޯ އެވޯޑަށް ވާދަކުރާ ލިއޮނަލް މެސީއާ އަޅާކިޔާނަމަ މިދިޔަ ސީޒަނުގައި އެންމެ މޮޅު ކުޅުންތެރިއަކީ ވެން ޑައިކް ކަމަށެވެ.
ވެން ޑައިކަކީ ކްލަބާއި ގައުމުގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. މިދިޔަ ޖޫން މަހު ލިވަޕޫލުން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގައި ވެން ޑައިކުގެ ދައުރު ބޮޑުއިރު އޭނާ ނިސްބަތްވާ ނެދަލެންޑްސް ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމުގައި ވެސް ވެން ޑައިކް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހަނި ގޮތަކަށް ލިވަޕޫލަށް ގެއްލުނު ނަމަވެސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެން ޑައިކް ވަނީ ހޯދައިފަ އެވެ. އަނެއްކޮޅުން ބޮޑު މުބާރާތަކަށް ކޮލިފައިނުވާތާ ފަސް އަހަރުވެފައިވާ ނެދަލެންޑްސް އަންނަ އަހަރުގެ ޔޫރޯ އިން ޖާގަ ހޯދީ ވެސް ވެން ޑައިކްގެ ކެޕްޓަންކަމުގަ އެވެ.
ކްލޮޕް ބުނީ އެވޯޑް ހޯދުމުގައި މަގްބޫލު ކުޅުންތެރިއަކީ މެސީ ކަމަށާއި ސަބަބަކީ ކެރިއަރގައި މެސީ ހޯދާފައިވާ ކާމިޔާބީތައް ކަމަށެވެ. އެކަމަކު ހަ ވަނަ ފަހަރަށް މެސީ އަށް ބެލޮންޑިއޯ އެވޯޑް ލިބުމަށް ވުރެ މުޅި އަހަރަށް ބަލާނަމަ ވެން ޑައިކަށް އެ އެވޯޑް ހައްގު ކަމަށް ކްލޮޕް ބުންޏެވެ.
“މި ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ބެލޮންޑިއޯ ދޭނަމަ އަބަދު ވެސް މެސީ އަށް ދެވިދާނެ. އެކަމަކު މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ވާޖިލް ވެން ޑައިކް. އަހަރެންނަކަށް ނޭނގޭ އެކަން އޮންނަ ގޮތެއް އެކަމަކު އަހަރެންނަށް ފެންނަ ގޮތް މިބުނީ” ކްލޮޕް ބުންޏެވެ.
މިދިޔަ ސީޒަނުގައި މެސީ ވަނީ ބާސެލޯނާއާ އެކު ސްޕެނިޝް ލީގު ކާމިޔާބުކޮށް ކޮޕަ ޑެލް ރޭގެ ފައިނަލުގައި ކުޅެފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދާން ލިބުނު ރަނުގެ ފުރުސަތު ބާސެލޯނާއަށް ގެއްލުނީ ލިވަޕޫލާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ ލެގްގެ މެޗުން 4-0 އިން ބަލިވުމުންނެވެ. މިދިޔަ ސީޒަނުގެ ފުޓްބޯޅަ ސީޒަނަށް ފަހު މެސީ ވަނީ މިދިޔަ ޖުލައި މަހު ބްރެޒިލްގައި އޮތް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާއާ އެކު ތިން ވަނަ ހޯދައިފަ އެވެ. ސެމީ ފައިނަލުގައި ބްރެޒިލް އަތުން ބަލިވެ އާޖެންޓީނާ ކެޓުމުން ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން ކޮންމެބޮލް އަށާއި ބްރެޒިލަށް ކީ ފާޑުކިޔުންތަކާއި ގުޅިގެން މެސީ އަށް ވަނީ ސަސްޕެންޝަނެއް ވެސް އައިސްފަ އެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް މިދިޔަ އަހަރު ހޯދީ ރެއާލް މެޑްރިޑަށް ކުޅޭ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އެވެ. އެކަމަކު މި އަހަރު އާއްމުކުރި އެންމެ މޮޅު 30 ކުޅުންތެރިންގެ ލިސްޓުން ވެސް މޮޑްރިޗަށް ފުރުސަތެއް ނުލިބުނެވެ.
މިއަހަރު ޔޫއެފާއިން ދިން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެން ޑައިކް ހޯދިއިރު ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެސީ އެވެ. މި ދެކުޅުންތެރިންގެ ވާދަވެރިކަމުގައި ބެލޮންޑިއޯ ލިބޭނީ ކާކަށްކަން އެނގޭނީ އަންނަ މަހުގެ 2 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައި ބާއްވާ ރަސްމިއްޔާތުގަ އެވެ.
Advertisement
Leave a Reply