ޗެތުރީގެ މެކްސިމަމް ނެރޭހާ ހިނދަކު ޓީމުން ބާކީއެއް ނުކުރާނަން: އިންޑިއާ ކޯޗް

Advertisement

ޗެތުރީގެ މެކްސިމަމް ނެރޭހާ ހިނދަކު ޓީމުން ބާކީއެއް ނުކުރާނަން: އިންޑިއާ ކޯޗް

ޢަބްދުﷲ އަޝްރަފް

އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަދި ޓީމްގައި ހުރި އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާ ސުނިލް ޗެތުރީއާ މެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި، ޗެތުރީ ގައުމީ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވެ އޭނާގެ މެކްސިމަމް ނެރޭހާ ހިނދަކު ޓީމުން ބާކީ ނުކުރާނެކަމުގެ ޔަގީންކަން އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ހެޑް ކޯޗް އީގޯ ސްޓިމަޗް ދީފި އެވެ. 13 ވަނަ އައި ލީގުގެ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ހަވާސާގައި މީޑިއާ އަށް މައުލޫމާތުދެމުން ކްރޮއޭޝިއާގެ ސްޓިމަޗް ބުނެފައިވަނީ ޗެތުރީއަކީ އަދިވެސް ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި އޭނާ ނެތްތަން ފޫބެއްދޭނެ ކުޅުންތެރިއަކު ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް އަތުވެދާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

އިންޑިއާގެ ގައުމީ ޓީމްގެ ކޯޗް މިހެން ބުނެފައި މިވަނީ އެންމެ ފަހުން އިންޑިއާގެ ގައުމީ ޓީމުން ކުޅުނު ވާދަވެރި ތިން މެޗްގައިވެސް ޗެތުރީ އަށް ގޯލެއް ޖެހިފައި ނުވުމުގެ ސަބަބުން އޭނާއަށް ކޮންމެވެސް ވަރަކަށް ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އުމުރުން 35 އަހަރުގެ ޗެތުރީ ފަރާތުން މިފަހަކަށް އައިސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވީނަމަ ވެސް ވޯލްޑް ކަޕް ކޮލިފައިންގައި ސެޕްޓެމްބަރު މަހު އިންޑިއާ އާއި އޮމާން ބައްދަލުކޮށް 1-2 އިން އިންޑިއާ ބަލިވި މެޗްގައި އެޓީމުން ޖެހި ހަމައެކަނި ގޯލް ކާމިޔާބުކޮށްދިން ފަހުން އިންޑިއާ އިން ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ތިން މެޗް ވެސް ނިމިގެންދިޔައީ ޗެތުރީގެ ގޯލެއް ނުފެނި އެވެ.

“އަހަރެންނަކަށް ނޭނގެ ކީއްވެ ކަމެއް މީހުން ސުނިލް ނެތްތަން މުސްތަގްބަލްގައި ފޫބައްދާނެ މީހަކު ހުރިތޯ ސުވާލުކުރަނީ. އޭނަ އެއްވެސްތާކަށް ދަނީއެއް ނޫން. އޭނަ ހުރީ ފިޓްކޮށް. އަދި އޭނަ އެދަނީ އޭނައަށް ކުޅެވޭނެ އެންމެ ރަގަޅަކަށް ކުޅެމުން. އެއީ އަހަރެމެންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. އޭނަގެ ހަށިގަނޑު އެހުރީ އަދިވެސް 29 އަހަރުގެ މީހެއްގެ ހަށިގަނޑު ހުންނަހެން.” ސްޓިމަޗް ބުންޏެވެ.

“މިހާރުވެސް ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ ގޮތަށް ސުނިލް ބައިވެރިވެ އޭނަގެ މެކްސިމަމް ނެރެމުން އަންނަހާ ހިނދަކު އޭނާ ހުންނާނީ އަހަރެމެންނާއެކު. އެ ޔަގީންކަން އަހަރެން ދެން.” 1998 ވަނަ އަހަރު ކްރޮއޭޝިއާއިން ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނުއިރު ޑިފެންސް ބެލެހެއްޓި ސްޓިމަޗް ބުންޏެވެ.

“ސުނިލް އަށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތައް ލިބުނު. އޭގެ ތެރެއިން އެއް ފުރުސަތަކީ އަފްގާނިސްތާނާ ދެކޮޅަށް ލިބުނު ފުރުސަތު. ސުނިލް އަކީ އެކަހަލަ ދިހަ ފުރުސަތުގެ ތެރެއިން ނުވަ ފުރުސަތުގެ ބޭނުންކުރާ ކުޅުންތެރިއެއް. އެކަމަކު އެ ދުވަހު އެފުރުސަތުގެ ބޭނުން އޭނައަށް ހިފޭގޮތެއް ނުވި. އޭގެ މާނައެއް ނޫން އެއީ އޭނަގެ ކުޅުމަށް ބަދަލު އައީއެކޭ. ފުޓްބޯޅައިގައި އެހެން ވެދާނެ.” އިންޑިއާގެ ކޯޗްގެ އިތުބާރު ޗެތުރީއަށް ގެއްލެންޖެހޭ ސަބަބެއް ނެތްކަން ހާމަކޮށްދެމުން ބުނެފައިވެއެވެ.

ޗެތުރީ އަކީ މިވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް ދެވަނަ އަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. ޗެތުރީ އަށްވުރެ ކުރީގައި އުޅޭ ހަމައެކަނި ކުޅުންތެރިއަކީ ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޗެތުރީ އަކީ އިންޑިއާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗް ކުޅެ އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އިންޑިއާގެ ގައުމީ ޓީމަށް 115 މެޗް ކުޅެ 72 ގޯލް ޖަހައިދީފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *