ގޭމްސް އަށް ތައްޔާރުވާން ގައުމީ ބެޑްމިންޓަން ޓީމް އިންޑިއާ އަށް ފުރައިފި
އަންނަ މަހުގެ އެއްވަނަ ދުވަހު ނޭޕާލްގައި ފަށާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ގައުމީ އަންހެން ބެޑްމިންޓަން ޓީމް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީން ހޯދުމަށްޓަކައި އިންޑިއާ އަށް ފުރައިފިއެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި އިންޑިއާ އަށްފުރި ބެޑްމިންޓަން ޓީމްގައި ހިމެނެނީ ޖުމްލަ ހަ ކުޅުންތެރިންނެވެ.
އިންޑިއާގެ ގުއަހަޓީގައި ތަމްރީންތައް ހެދުމަށްޓަކައި މިއަދު ފުރި ގައުމީ އަންހެން ބެޑްމިންޓަން ޓީމްގައި ހިމެނެނީ ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ޕެއާ ކަމަށްވާ ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާ ގެ އިތުރުން ނީލާ ނަޖީބް އާއި މާޝާ ރަޝީދު އަދި އާމިނަތު ޝަހުރުނާޒް މޫސާ އާއި މައިސާ ފަތުހުﷲ އެވެ. އިންޑިއާގެ ގުއާހަޓީގައި ޓީމްގެ ފަރިތަކުރުންތައް ކުރިއަށްގެންދާއިރު އެގައުމުގެ މަޝްހޫރު ބައެއް ބެޑްމިންޓަން ކުޅުންތެރިންނާއެކު މެޗްތައް ކުޅޭނެއެވެ. ފަރިތަކުރުންތައް ނިންމާލުމަށްފަހު ޓީމް ނޭޕާލަށްދާ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގައި ރާއްޖެއިން މިފަހަރު ބައިވެރިކުރާ ގޮތަށް ހަމަޖެހިފައިވަނީ ހަމައެކަނި އަންހެން ޓީމްކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. .
13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި މިފަހަރު ހަމައެކަނި އަންހެން ޓީމް ބައިވެރިކުރާ ގޮތަށް ނިންމީ މިފަހަކަށް އައިސް އަންހެން ކުޅުންތެރިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ހޯދައިފައިވާ ކާމިޔާބީތަކަށް ބެލުމަށް ފަހު މިވަގުތަށް ބަލާއިރު މުބާރާތުގައި ރަގަޅު ވާދައެއް ކުރެވޭނެ ކަމަށް ފެންނަނީ އަންހެން ޓީމަށް ކަމަށް ގަބޫލުކުރެވޭތީކަމަށް ބެޑްމިންޓްން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިފްޝާން މުހައްމަދު “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި ވަނީ ވިދާޅުވި އެވެ.
ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓުން ރާއްޖެއަށް އަދި މިހާތަނަށް މެޑަލް އެއް ހޯދިފައި ނުވިޔަސް މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމަށް މެޑަލް އަކާއި ހަމައަށް ދެވިދާނެ ކަމުގެ އުއްމީދު އެބައޮތްކަމަށާއި އެކަމަކު އެކަން ވަރަށް ބޮޑަށް ބިނާވާނީ މެޗްތައް ކުޅެން ހަމަޖެހޭ ގޮތަކަށް ކަމަށް އިޝްފާން ވިދާޅުވި އެވެ.
“ބެޑްމިންޓަން ޓީމް އިވެންޓްގަ މި ވާގޮތަކީ ނޮކްއައުޓް އުސޫލުން މި ކުޅެނީ. ދެން ކޮންމެ ގޮތެއް ވިޔަސް ލަންކާ އިންޑިއާ އާ ވާދަކުރަން އަދި ތަންކޮޅެއް އުނދަގޫވާނެ. އެކަމަކު ދެން ހުރި ގައުމުތަކާ ވާދަކުރަން ޖެހިއްޖެއްޔާ ޗާންސަސް ތަކެއް ހުންނާނެ. މިސާލަކަށް ޕާކިސްތާނު، ބަންގްލަދޭޝް، ނޭޕާލް ތަންތަނާ ބަލާއިރު އަޅުގަނޑުމެންގެ ސްކޮޑް އެވްރެޖްގޮތެއްގަ މޮޅުވާނެ. އަޅުގަނޑުމެންގެ އެބަތިބި އެއްވަރެއްގެ ފަސް ހަ ކުޅުންތެރިން. މިގައުމުތަކުގެ ނުތިބެދާނެ އެވަރުގެ ފަސް ކުޅުންތެރިން. އެކަމަކު މިހެން ބުންޏަސް ބެޑްމިންޓަންގެ ޓީމް އިވެންޓްގަ ދެކުޅުންތެރިއަކު ތަފާތު ދެއްކިއަސް އެ ކޮޅަކަށް މެޗް ބުރަވާނެ ހަގީގަތުގަ. އެކަމަކު އަޅުގަނޑުމެން އުއްމީދު މި ކުރަނީ ފަހުން މި ދެންނެވި ތިން ގައުމާ އެއްކޮށް ރަނގަޅު ފައިޓެއް އަޅުގަނޑުމެންނަށް ދެވޭނެ ކަމަށް. ޑްރޯގަ އިންޑިއާ އެވޮއިޑް ކުރެވިއްޖެއްޔާ އަޅުގަނޑު ދަންނަވާނީ މެޑަލްއެއް ހޯދުމުގެ ފުރުސަތު އެބައޮތޭ އަޅުގަނޑުމެންނަށް.” އިޝްފާން ވިދާޅުވި އެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމެއްގެ ގޮތުގައި މާގިނަ ފަރިތަކުރުންތަކެއް ކުރިއަށްގެންދެވިފައި ނުވި ނަމަވެސް މިފަހުން ގިނަ މުބާރާތްތަކެއްގައި ކުޅުންތެރިން ވާދަކޮށްފައިވުމާއެކު ކުޅުންތެރިންނާ މެދު އިތުބާރު އެބައޮތްކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.
“އައިއޯއައިޖީ ނިމުނު ފަހުން ގައުމީ ޓީމްގައި މި ހިމެނޭ ކުޅުންތެރިން ގާތްގަނޑަކަށް ހަ މުބާރާތް ނުވަތަ ހަތް މުބާރާތް ކުޅެފަ މިވަނީ. ދެން ސީދާ ޓްރެއިނިންގް އެކޭ ކިޔާފަ ޓީމް އެއްކޮށް ފަރިތަކުރެވިފައި ނެތް ނަމަވެސް ވަރަށް ހައި ސްޓޭންޑާޑް މުބާރާތްތަކުގަ އެ ކުޅުންތެރިން ކުޅެފަ އެތިބީ. ދެން މިބަލަނީ އިންޑިއާގައި ކުރިއަށްގެންދެވޭ ޓްރެއިނިންގްއާ އެއްކޮށް ކުޅުންތެރިންނަށް އިތުރު ކުރިއެރުން ލިބޭނެކަމަށް.” އިޝްފާން ވިދާޅުވި އެވެ.
Advertisement
Leave a Reply