172 ފެތުންތެރިން ބައިވެރިވި ގައުމީ ފެތުމުގެ މުބާރާތް ނިންމާލައިފި

Advertisement

172 ފެތުންތެރިން ބައިވެރިވި ގައުމީ ފެތުމުގެ މުބާރާތް ނިންމާލައިފި

ޢަލީ ޝަހީމް
އަންހެން ބައިގެ ގައުމީ ޗެމްޕިއަންކަން ހޯދި ނިއު ލެގޫންސް ޓީމް. - ފޮޓޯ: މޯލްޑިވްސް ސްވިމިން އެސޯސިއޭޝަން

172 ފެތުންތެރިންނާއެކު މި މަހުގެ 16 އިން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ ބީއެމްއެލް ގައުމީ ފެތުމުގެ 44 ވަނަ މުބާރާތް ރޭ ނިންމާލައިފި އެވެ. ރޭ ޖަމާލުއްދިން ސްކޫލުގައި ބޭއްވި މުބާރާތް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެވެ. ފަޒްނާގެ އިތުރުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް އަހުމަދު ސަލީމް އަދި ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހީމް އިސްމާއީލް ވަނީ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މާލޭ ޓްރެކް ސަރަހައްދުގައި ބޭއްވި ގައުމީ ފެތުމުގެ މުބާރާތުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ވެސް ހޯދީ ނިއު ލެގޫންސް ސްވިމިން ކްލަބެވެ. ނިއު ލެގޫންސުން އަންހެން ބައިގެ ގައުމީ ޗެމްޕިއަންކަން ޖުމްލަ ހަތަރު ފަހަރު ހޯދިއިރު ފިރިހެން ބައިގެ ޗެމްޕިއަންކަން ފަސް ފަހަރު ވަނީ ހޯދައިފަ އެވެ. އަންހެން ބައިގެ ދެ ވަނަ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން ހޯދިއިރު ފިރިހެން ބައިގެ ދެ ވަނަ ހޯދީ ސްޕޯޓްސް ނޭޗަރ އެވެ. އަންހެން ބައިގެ ތިން ވަނަ ސްވިމް މޯލްޑިވްސް އަށް ލިބުނުއިރު ފިރިހެން ބައިގެ ތިން ވަނައަކީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނެވެ.

މުބާރާތުގައި ކުރިއަށްދިޔައީ 25 އަހަރުން މަތީގެ އޯޕަން ބައިގެ މާސްޓަ ކެޓެގަރީ އާއި 14 އަހަރުން މައްޗަށް ހާއްސަކުރި ސީނިއާ ކެޓެގަރީ އަދި 14 އަހަރުން ދަށަށް ހާއްސަކުރި ޖޫނިއަރ ކެޓެގަރީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓެގަރީ އެވެ.

ގައުމީ ފެތުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. – ފޮޓޯ: މޯލްޑިވްސް ސްވިމިން އެސޯސިއޭޝަން

މުބާރާތުގެ މާސްޓަ ކެޓެގަރީގެ ފިރިހެން ޗެމްޕިއަންކަން ހަސަން މުބާހު އާއި އިޒުދާން އަހުމަދު ހޯދިއިރު މާސްޓަ ކެޓެގަރީގެ އަންހެން ޗެމްޕިއަންކަން ހޯދީ ޝިނޯ ޔަޝިކަވާ އެވެ. މި ކެޓެގަރީގެ ފިރިހެން ބައިގެ ދެ ވަނަ އަހުމަދު ރަމީޒް ހޯދިއިރު ތިން ވަނަ ލިބުނީ އަހުމަދު ނިޔާޒަށެވެ. މާސްޓަ ކެޓެގަރީގެ އަންހެން ބައިގެ ދެ ވަނަ އައިޝަތު ރީހާމް ހާރިސް ހޯދިއިރު އަންހެން ބައިގެ ތިން ވަނަ ހޯދީ ޝަނާޒް ޑޯލޭ އެވެ.

ސީނިއާ ކެޓެގަރީގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މުހައްމަދު އާން ހުސައިން އެވެ. މި ބައިގެ ދެ ވަނަ އަލީ އިމާން ހޯދިއިރު ތިން ވަނަ ހޯދީ ހުސައިން މުބާހު އެވެ. ސީނިއާ ކެޓެގަރީގެ އަންހެން ޗެމްޕިއަންކަން ހަމްނާ އަހުމަދު ހޯދިއިރު ދެ ވަނަ އާއި ތިން ވަނަ ހޯދީ އައިޝަތު ސައުސަން އާއި ފާތިމަތު ރަފްހާ ރާމިޒް އެވެ.

ޖޫނިއާ ކެޓެގަރީގެ ފިރިހެން ބައިގެ އެންމެ މޮޅު ތިން ފެތުންތެރިންނަކީ ޗެމްޕިއަންކަން ހޯދި މުހައްމަދު ރީހާން ޝިހާމް އާއި ޔޫސުފް ނުހައިކް ނަސީމް އަދި އަހުމަދު އަލާން އަލީ އެވެ. ޖޫނިއާ ބައިގެ އަންހެން ޗެމްޕިއަންކަން އައިޝަތު އައިނީ އަބްދުލްހަމީދު ހޯދިއިރު ދެ ވަނަ ލިބުނީ ޖުމައިރާ އައިމިނަތު އާމިރު އަށެވެ. މި ބައިގެ ތިން ވަނަ ހޯދީ އައިޝަތު ސަހާ ނަޝީދު އެވެ.

ހާއްސަ އެހީއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ބައިގެ ޗެމްޕިއަންކަން ހޯދީ އަހުމަދު ނާއިލް އެވެ. މި ބައިގެ ދެ ވަނަ މުހައްމަދު ނިޝާލް ހޯދިއިރު ތިން ވަނަ ލިބުނީ އަހުމަދު ލޫތު މަރްޒޫގަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *