އަކްރަމް، ހަމްޕު އަދި ފޭދޫ އިއްބެ 23 އަހަރުން ދަށުގެ ޓީމުގައި ހިމަނައިފި
އަންނަ މަހު ނޭޕާލުގައި ފަށާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ފުޓްބޯޅަ އިވެންޓުގެ 23 އަހަރުން ދަށުގެ ޓީމުގައި ސީނިއާ ތިން ކުޅުންތެރިން ހިމެނުމަށް ލިބުނު ފުރުސަތުގައި ގައުމީ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ހިމަނާފައިވާކަމަށް އިތުބާރުހުރި ގޮތަކަށް “ފަހުމިނެޓް” އަށް މައުލޫމާތު ލިބިއްޖެ އެވެ.
ސައުތު އޭޝިއަން ގޭމްސްގައި ޒުވާން ޓީމުތައް ވާދަކުރަން ފެށުމާއެކު ސީނިއާ ޓީމުގެ ތިން ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ކޮންމެ ގައުމަކަށް ވެސް ލިބެ އެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ސީނިއާ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނުނު ނަމަވެސް މި ތިން ކުޅުންތެރިންގެ ނަން ހިމެނީ މިފަހަރުގެ ގޭމްސްގައި ރަން މެޑަލަށް އަމާޒުހިފަ އެވެ.
ޓީމުގައި ހިމެނި ޓީސީ ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު އަކްރަމަކީ ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ލީޑަރޝިޕް ރަނގަޅު ނަމޫނާ ކުޅުންތެރިއެކެވެ. އަކްރަމް ޒުވާން ޓީމުގައި ހިމެނި އެންމެ ބޮޑު ސަބަބެއް ކަމުގައި ބެލެވެނީ ވެސް އޭނާގެ ލިޑަރޝިޕާއެކު ޒުވާން ޓީމު ކުރިއަށް ގެންދިއުމެވެ. ޓީމުގައި ދެން ހިމެނި ހަމްޕު އާއި ފޭދޫ އިއްބެ އަކީ ކޯޗު ޕީޓަ ސެގާޓުގެ ޕްލޭންގައި ހިމެނޭ މުހިއްމު ދެ ކުޅުންތެރިންނެވެ. ފޭދޫ އިއްބެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ބަރާބަރަށް ހިމެނޭއިރު އޭނާ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާ ދެކޮޅަށް ރަށުން ބޭރުގައި ރާއްޖެ މޮޅުވި ގޯލު ޖަހައިފަ އެވެ. އަދި، މިދިޔަ އަހަރު ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު ފޭދޫ އިއްބެ ވަނީ ފައިނަލުގައި އިންޑިއާ ކޮޅަށް ގޯލު ޖަހައިފަ އެވެ. ފޭދޫ އިއްބެއާ އެކު މާޒިޔާއަށް ކުޅޭ ހަމްޕުއަކީ ކްލަބާއި ގައުމީ ޓީމުގައި އެއް ފެންވަރެއްގައި ކުޅޭ މިހާރު ރާއްޖޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ގައުމީ ޓީމުގެ މެޗުތަކުގައި ހަމްޕު އެޓޭކުގައި ބައެއްފަހަރު ބޭނުންކުރާއިރު ސެގާޓް ވަނީ މެދުތެރޭގައި ވެސް ހަމްޕު ކުޅުވައިފަ އެވެ.
މި ތިން ކުޅުންތެރިންގެ އިތުރުން ގައުމީ ޓީމުގައި ހިމެނޭ އިބްރާހީމް އައިސަމް އާއި ހައިޝަމް ހަސަން، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު ޖައިލަމް (އޮގީ)، ހަސަން ނަޒީމް (ޗޯޓު)، ހުސައިން ސިފާއު ޔޫސުފް (ކުރޯ) އަދި ގޯލްކީޕަރު ހުސައިން ޝަރީފް ވެސް އަންނަނީ ޒުވާން ގައުމީ ޓީމާއެކު ފަރިތަކުރަމުންނެވެ. މި ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ އެޓޭކުގައި ކުޅޭ ނާއިޒް ހަސަން (ދާދު) އަކީ ވެސް 23 އަހަރުން ދަށުގެ ކުޅުންތެރިއެކެވެ.
ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގައި ކުޅެމުން އަންނަ މުހިއްމު ކުޅުންތެރިންތަކެއް މިފަހަރުގެ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނޭނެ އެވެ. އޭގެތެރޭގައި މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ސްކޮޑުގައި ހިމެނުނު ކްލަބް ގްރީން ސްޓްރީޓްސްގެ ރިހާމް އަބްދުލްގަނީ (ބޮބީ) އާއި މިހާރު އެވޯޑްސްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދި ކްލަބް އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ހިމެނެ އެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިންގެ އިތުރުން މިހާރު ސްޕެއިންގެ ކްލަބަކަށް ކުޅެމުން އަންނަ ރާއްޖޭގެ 19 އަހަރުގެ ކުޅުންތެރިޔާ އިސްމާއީލް ޒާން އާމިރު ވެސް އަންނަނީ ޒުވާން ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. މީގެ ކުރިން ރާއްޖޭގެ އުމުރުފުރާތަކުގެ ގައުމީ ޓީމު ތަމްސީލުކޮށްފައިވާ ޒާން ކުޅެމުން އަންނަނީ ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޔޫޑީ ކެނަލްސް އަށެވެ.
މިފަހަރުގެ ގޭމްސްގައި ރާއްޖެ ހިމެނެނީ އިންޑިއާ އާއި ސްރީ ލަންކާއާ އެކު ގްރޫޕް ބީގަ އެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ނޭޕާލާއި ބަންގްލަދޭޝް އަދި ބޫޓާނެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށް ކުރިއަށްގެންދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ނޭޕާލުގެ ކަތުމަންޑޫގައި އޮންނަ ދަޝާރާތު ސްޓޭޑިއަމްގަ އެވެ. ފުރަތަމަ މެޗުގައި އަންނަ މަހުގެ ދެ ވަނަ ދުވަހު އިންޑިއާ ދެކޮޅަށް ރާއްޖޭގެ ޓީމު ނުކުންނައިރު ދެ ވަނަ މެޗުގައި ޑިސެމްބަރު ހަތަރު ވަނަ ދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އަށް ވަނަ ދުވަހު ކުޅޭއިރު ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅޭނީ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.
2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ ޗެމްޕިއަންކަން ހޯދީ ނޭޕާލެވެ. ދެ ވަނަ އިންޑިއާއަށް ލިބުނުއިރު ތިން ވަނަ ޓީމަކީ ބަންގްލަދޭޝް އެވެ. ތިން ވަނަ ހޮވާ މެޗުން ބަންގްލަދޭޝާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވީ 5-4 އިންނެވެ.
Advertisement
Leave a Reply