ފަހަތުން އަރައި މޮޅުވެ ޔުވެންޓަސް މަގާމު ދަމަހައްޓައިފި

Advertisement

ފަހަތުން އަރައި މޮޅުވެ ޔުވެންޓަސް މަގާމު ދަމަހައްޓައިފި

ޢަލީ ޝަހީމް
ރޭގެ މެޗުގައި ޔުވެންޓަސްއަށް ގޯލު ޖަހައިދިން ހިގުައިން އާއި ޑިބާލާ އުފާފާޅުކުރަނީ

އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި އެޓަލާންޓާ ކޮޅަށް ފަހަތުން އަރައި ޖެހި ގޯލުތަކުން މޮޅުވެ ޔުވެންޓަސް ލީގުގެ އެއް ވަނަ މަގާމް ދަމަހައްޓައިފި އެވެ. ރޭގެ މެޗުގައި އެޓަލާންޓާއިން ލީޑު ނަގާފައިވަނިކޮށް މެޗުގެ ފަހުކޮޅު ޖެހި ގޯލުތަކާއެކު އެޓީމުން މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.

ޔުވެންޓަސްގެ ފަހަތުން އެއް ވަނައަށް ވާދަކުރަމުން އަންނަ އިންޓަ މިލާން ރޭ ވަނީ ރަށުން ބޭރުގައި ޓޮރީނޯ ބަލިކޮށްފަ އެވެ. ރޭގެ މެޗުތަކަށް ފަހު ލީގުގެ އެއް ވަނައިގައި ޔުވެންޓަސް 35 ޕޮއިންޓާއެކު އޮތްއިރު އިންޓަ ދެ ވަނައިގައި އޮތީ ޕޮއިންޓެއް ފަހަތުންނެވެ. ލީގުގެ ތިން ވަނައިގައި އޮތް ލާޒިއޯ އާއި ހަތަރު ވަނައިގައި އޮތް ކަލިއާރީއަށް ލިބިފައިވަނީ 24 ޕޮއިންޓެވެ. ޕޮއިންޓް ތާވަލު މިހާރު އޮތްގޮތަށް ބަލާއިރު މި ސީޒަނުގައި ޔުވެންޓަސްއާ އެންމެ ގާތުން ލީގަށް ވާދަކުރާނެކަމަށް ބެލެވެނީ އިންޓަ އެވެ.

Advertisement

ރޭގެ މެޗަށް ޔުވެންޓަސް އިން ނުކުތީ އަނިޔާއިން އެއްކޮށް ރަނގަޅުވެފައިނުވާ ކްރިސްޓިއާނޯ ރޮނާލްޑޯ ނުލަ އެވެ. މިދިޔަ ހަފްތާގައި ޕޯޗުގަލާއެކު ކުޅުނު ޔޫރޯ ކޮލިފައިންގެ ދެ މެޗުގައި ހަތަރު ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ ބުނީ އޭނާ ކުޅުނީ އެއްކޮށް ފިޓުކޮށް ހުރެގެން ނޫންކަމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްގެ މިޑްފީލްޑަރު ސެމީ ކެދީރާގެ އަތުގައި ބޯޅަޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެޓަލާންޓާގެ މޫސާ ބަރޯ ފޮނުވާލުމުން ޔުވެންޓަސްގެ ގޯލްކީޕަރު ވޮޒެކް ޝެޒްނީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. އެކަމަކު މި ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރަމުން އަންނަ އެޓަލާންޓާއިން ވަނީ މެޗުގެ 56 ވަނަ މިނެޓުގައި ރޮބިން ގޮސެންސްގެ ގޯލުން ލީޑު ނަގައިފަ އެވެ. މިއީ ފުރަތަމަ ހާފުގައި ޕެނަލްޓީ ވައްދާނުލެވުނު ބަރޯގެ ހުރަކުން ބޮލުން ޖެހި ލަނޑެކެވެ. ޔުވެންޓަސް އިން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ ފަހު 20 މިނެޓުގަ އެވެ. އެޓީމުން އެއްވަރުކުރި ގޯލާއި ލީޑު ނެގި ގޯލު 74 ވަނަ މިނެޓާއި 82 ވަނަ މިނެޓުގައި ޖަހައިދިނީ ގޮންޒާލޯ ހިގުއައިން އެވެ. އެޓީމުގެ ތިން ވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޕައޮލޯ ޑިބާލާ އެވެ.

ޔުވެންޓަސްގެ ފަހަތުން ލީގުގައި ވިއްދާފައި އޮތް އިންޓައިން ރޭ 3-0 އިން ޓޮރީނޯ ބަލިކުރިއިރު ގޯލުތައް ޖަހައިދިނީ އާޖެންޓީނާގެ ތަރި ލައުޓާރޯ މާޓިނޭޒާއި ސްޓެފަން ޑި ވާޖް އަދި ރޮމެލޫ ލުކާކޫ އެވެ. ރޭގެ މެޗާއެކު ލުކާކޫ ވަނީ ލީގުގައި ކުޅުނު 13 މެޗުން 10 ގޯލު އިންޓައަށް ކާމިޔާބުކޮށްދީފަ އެވެ. އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި ނަޕޯލީ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިލާންގެ ދަނޑުގައި ކުޅުނު މި މެޗުގައި ހާވިން ލޮޒާނޯގެ ގޯލުން ނަޕޯލީން ލީޑު ނަގާފައިވަނިކޮށް މިލާނަށް އެއްވަރުކޮށްދިނީ ބޮނަވެންޗުރާ އެވެ. މިދިޔަ ތިން ސީޒަނުގައި އިޓަލީ ލީގުގެ ދެ ވަނަ ހޯދި ނަޕޯލީ މިވަގުތު އޮތީ 20 ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގަ އެވެ. މިލާން އޮތީ 13 މެޗުން ލިބުނު 14 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *