ރެއާލް މޮޅުވިއިރު ސަޕޯޓަރުންގެ ނުރުހުން ބޭލް އަށް
ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑުން 3-1 އިން ރެއާލް ސޮސިއެޑާޑް ބަލިކުރިއިރު ސަޕޯޓަރުންގެ ނުރުހުން ބޭލްއަށް އަމާޒުވެއްޖެ އެވެ. މެޗުގައި ބޭލް ބެންޗުން ކުޅެން އެރުމުން ސަޕޯޓަރުން ވަނީ ދިމާކުރުމުގެ ގޮތުން ބޭލްއާ ނުރުހުމުގެ ބަސްތައް އަމާޒުކޮށްފަ އެވެ.
ރެއާލުގެ ސަޕޯޓަރުންގެ ނުރުހުން ބޭލް އަށް އަމާޒުވީ މިދިޔަ ހަފްތާގައި ޔޫއެފާ ޔޫރޯ އަށް ވޭލްސް ކޮލިފައިވި މެޗަށް ފަހު އެ ގައުމުގެ ކުޅުންތެރިންނާއެކު ބޭލް ބޭނުންކުރި ދިދައެއްގެ ސަބަބުންނެވެ. ކޮލިފައިވުމުން ޓީމުގެ ކުޅުންތެރިންނާއެކު މަޖާކުރަމުން ބޭލްއާއި އެހެން ކުޅުންތެރިން ބޭނުންކުރި ދިދައިގައި ޖަހާފައިވަނީ “ވޭލްސް، ގޮލްފް، މެޑްރިޑް. އިން ދެޓް އޯޑަރ” މިހެންނެވެ. ގޮލްފް ކުރުމަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ ބޭލް އެޓީމުގެ ކުޅުންތެރިންނާއެކު ހިފަހައްޓައިގެން ހުރި ދިދައިގައި އިން ތަރުތީބުން އެނގެނީ ރެއާލް މެޑްރިޑް އަންނަނީ ވޭލްސް އަދި ގޮލްފްގެ ފަހަތަށް ކަމަށެވެ. އެހެންނަމަވެސް މިއީ މަޖާޒީ ގޮތެއްގައި އެ ކުޅުންތެރިން ބޭނުންކުރި ދިދައަކަށް ވުމުން މެޗުގެ ކުރިން ޒިނެދިން ޒިދާން އެކަމަށް މާބޮޑު ޝައުގުވެރިކަމެއް ނުބަހައްޓަ އެވެ. ރެއާލްގެ ސަޕޯޓަރުން މީގެ ކުރިން ވެސް ވަނީ ބޭލް ގޮލްފް ކުޅުމަށް ހުންނަ ޝައުގުވެރިކަމުގެ ސަބަބުން ދަނޑުގައި އޭނާއާ ދިމާކޮށްފަ އެވެ. އެކަމަކު ބޭލްގެ ފަރާތުން ފެނުނު އަމަލާއި ގުޅިގެން ސްޕެއިންގެ މީޑިއާއިން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ރޭގެ މެޗުގެ ދެ ވަނަ މިނެޓުގައި ރެއާލް ކޮޅަށް ސޮސިއެޑާޑްގެ ވިލިއަން ޖޯސޭ ވަނީ ގޯލު ޖަހައިފަ އެވެ. މެޗުގެ ނަތީޖާ ރެއާލަށް ހަމަހަމަކޮށްދިނީ ފުރަތަމަ ހާފުގައި ކަރީމް ބެންޒެމާ އެވެ. އެޓީމުން ލީޑު ފުޅާކުރީ ދެ ވަނަ ހާފުގައި ލޫކަ މޮޑްރިޗާއި ފެޑެރިކޯ ވަލްވޭޑޭ ޖަހައިދިން ގޯލުތަކުންނެވެ. އަނިޔާގެ ސަބަބުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ރެއާލްގެ ޓީމުން ފެނިފައިނުވާ ބޭލް ރޭގެ މެޗުގައި ކުޅެންއެރީ 67 ވަނަ މިނެޓުގަ އެވެ. ބޭލް އެރިވަގުތު އަދި އޭގެފަހުން ދަނޑުމަތީގައި ބޭލް ހުރިވަގުތު ރެއާލުގެ ބައެއް ސަޕޯޓަރުން ވަނީ އޭނާއަށް ނުރުހުން އަމާޒުކޮށް އަޑުއުފުލައިފަ އެވެ.
މެޗަށް ފަހު ރެއާލުގެ ކޯޗު ޒިދާން ވަނީ ސަޕޯޓަރުން ބޭލްއަށް ދިމާކުރުން ހުއްޓާލައި ހިތްވަރު ދިނުމަށް އެދިފަ އެވެ.
“އަހަރެން އުއްމީދުކުރަން މިއީ މި ސީޒަނުގައި ދާއިމީ ކަމަކަށް ނުވާނެކަމަށް. އަހަރެމެން ބޭނުންވަނީ ފެށިގެން ނިމެންދެން ސަޕޯޓަރުން ޓީމާއެކު ތިބުމަށް. އެކަމަކު ސަޕޯޓަރުން ކުރާ ކަންތައް އަހަރެމެނަށް ކޮންޓްރޯލެއް ނުކުރެވޭނެ. ސަޕޯޓަރުން ބޭނުން ކަމެއް ކުރުމުގެ އިހްތިޔާރު އެމީހުނަށް ލިބޭނެ. އެކަމަކު އަހަރެން އެންމެންގެ ކިބައިން އެދެން ހުރިހާ ކުޅުންތެރިންނަށް ވެސް ސަޕޯޓް ދިނުމަށް. އަހަރެން ފޯކަސް ކުރަނީ މެޗަށް އަދި މެޗުން ހޯދާ މޮޅަށް. ކުޅެން އަރައި ބޭލްގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެއް” މެޗަށް ފަހު ބޭލްގެ ދިފާއުގައި ވާހަކަދައްކަމުން ޒިދާން ބުންޏެވެ.
ޒިދާން ބުނީ ދިދަ ހިފައިގެން ބޭލް ހުރި މައްސަލައިގައި އޭނާ ބޭލްއާ ވާހަކަނުދައްކާ ކަމަށާއި އެކަމަކު ވޭލްސް ޔޫރޯއަށް ކޮލިފައިވުމުން ބޭލްއަށް މަރުހަބާ ކިޔާފައިވާކަމަށެވެ.
“ބޭލްއާ ދެކޮޅަށް ސްޓޭޑިއަމްގައި އަޑު އުފުލީ މާ ގަދައަށް. އޭނަ ބޭނުންވޭ އަހަރެމެންނާ އެކި ހުރެ ރަނގަޅު ކުޅުމެއް ދައްކަން. އެހެންވެ އަހަރެމެން ބޭނުމެއްނުވޭ މާގިނަ ވާހަކަ ދައްކާކަށް. ބޭލްއަކީ މި ގްރޫޕުގެ މެމްބަރެއް އަދި އޭނާ ބޭނުންވޭ އެހެން ކުޅުންތެރިންނެކޭ އެއްވަރަށް ކުޅެން.” ބޭލްއާ ދިމާ ނުކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދެމުން ޒިދާން ބުންޏެވެ.
ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި ގްރާނާޑާއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވެފަ އެވެ. މެޗުގެ 60 ވަނަ މިނެޓުގައި އެތުލެޓިކޯގެ ލޯޑީ ޑޮސް ސަންތޯސްގެ ގޯލުން ލީޑު ނަގާފައިވަނިކޮށް އޭގެ ހަތް މިނެޓު ފަހުން ގްރަނާޑާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ސަންޗޭޒް އެވެ.
ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 28 ޕޮއިންޓް ލިބިފަ އެވެ. ރޭގެ މެޗުން އެއްވަރުވުމުން 25 ޕޮއިންޓާއެކު އެތުލެޓިކޯ ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި 24 ޕޮއިންޓާއެކު އޮތީ ސެވިއްޔާ އެވެ.
Advertisement
Leave a Reply