ޗެލްސީ ބަލިކޮށް ސިޓީން އުއްމީދު އާކޮށްފި

Advertisement

ޗެލްސީ ބަލިކޮށް ސިޓީން އުއްމީދު އާކޮށްފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 އިން ޗެލްސީ ބަލިކޮށް ލީގު ޗެމްޕިއަންކަމަށް ވާދަކުރުމުގެ އުއްމީދު މެންޗެސްޓަރ ސިޓީން އާކޮށްފި އެވެ. ލީގުގެ އެއް ވަނައިގައި އޮތް ވާދަވެރި ލިވަޕޫލް ރޭ ރަށުން ބޭރުގައި 2-1 އިން ކްރިސްޓަލް ޕެލޭސް ބަލިކުރުމުން ސިޓީ ރޭގެ މެޗަށް ނުކުތީ ލިވަޕޫލަށް ވުރެ 12 ޕޮއިންޓް ފަހުގައި އޮވެ އެވެ. އެކަމަކު ރޭ ހޯދި މުހިއްމު މޮޅާއެކު ސިޓީ ވަނީ ތިން ވަނަ މަގާމަށް އަރައި ލިވަޕޫލާ ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް ކުޑަކޮށްފަ އެވެ.

އެއް ވަނައިގައި 37 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ދެ ވަނައިގައި އޮތީ ރޭ ރަށުން ބޭރުގައި ބްރައިޓަން ބަލިކޮށް 29 ޕޮއިންޓް ހޯދާފައިވާ ލެސްޓަ ސިޓީ އެވެ. ތިން ވަނައިގައި އޮތް ސިޓީއަށް 28 ޕޮއިންޓް ލިބިފައިވާއިރު ޗެލްސީ އޮތީ 26 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ.

Advertisement

ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީން ވަނީ މެޗު ފެށިގެން ރަނގަޅަށް ކުޅެފަ އެވެ. އެކަމަކު ކައުންޓަ އެޓޭކުގައި ނުރައްކާ ކުރަމުން ދިޔަ ޗެލްސީ ވަނީ އެންގޯލޯ ކާންޓޭގެ ގޯލުން މެޗުގެ 21 ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ނަތީޖާ އަނބުރާލީ ކެވިން ޑި ބްރޭނާ އާއި ރިޔާދް މާރޭޒް ޖަހައިދިން ގޯލުތަކުންނެވެ. މެޗުގެ ދެ ވަނަ ހާފުގައި ސިޓީގެ ހަމަލާތައް ގިނަކުރިއިރު އެޓީމަށް ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އަދި، އިތުރު ވަގުތުގައި ރަހީމް ސްޓާލިން ޖެހި ގޯލެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޗެލްސީ އަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި އުނދަގޫ ހާލަތުގައި ވެސް ޓީމުގެ ޑިފެންޑަރުންގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށެވެ.

“ފެނުނީ ވަރަށް ވަރުގަދަ ދެޓީމު ކުޅޭތަން. އަހަރެމެންގެ ފަހަތުގައި ކުޅުނު ހަތަރު ކުޅުންތެރިން ވަރަށް މޮޅު މިއަދު. އެންމެ އުނދަގޫވި ދަނޑިވަޅުގައި އަހަރެމެން ކައުންޓާއި ގޯލު ޖެހިން. އަދި އިތުރު ގޯލު ޖަހަން ވެސް މަދުނުވާ ވަރަށް ފުރުސަތު ލިބުނު” މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުގައި ސިޓީއަށް ލިބުނީ 46.74 އިންސައްތަ ޕޮސެޝަނެވެ. މިއީ ގާޑިއޯލާގެ ކޯޗިން ކެރިއަރގައި ބާސެލޯނާ، ބަޔާން މިއުނިކް އަދި ސިޓީއަށް އިރުޝާދުދިން 381 މެޗުގެ ތެރެއިން ބޯލް ޕޮސެޝަން އެންމެ ދަށްކޮށް ލިބުނު މެޗެވެ. މެޗަށް ފަހު ލަމްޕާޑް ވެސް ވަނީ ޗެލްސީން މެޗު ކޮންޓްރޯލްކޮށް ސިޓީއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކިކަމަށް ބުނެފަ އެވެ.

“އަހަރެމެން ދިޔައީ މެޗު ކޮންޓްރޯލް ކުރަމުން. އެކަމަކު ސިޓީއާ ދެކޮޅަށް މުޅި މެޗު ކޮންޓްރޯލް ކުރުމަކީ ނުވާނެ ކަމެއް. ފުރަތަމަ ގޯލަކީ އަހަރެމެންގެ ބަދުނަސީބު އެކަމަކު ދެން ފެނުނީ ރިޔާދް މާރޭޒްގެ ކޮލިޓީން މެޗު އަނބުރާލިތަން” މެޗަށް ފަހު ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ބުނީ ސިޓީއަކީ އެޓީމުން ނަގަންޖެހޭނެ މިސާލެއް ކަމަށާއި، ޗެލްސީ އޮތީ ކަމެއް ފެށުމުގެ މަރުހަލާގައި ކަމަށެވެ.

ލީގުގައި ރޭ ލިވަޕޫލުން ކްރިސްޓަލް ޕެލޭސް ބަލިކުރީ 1-1 އިން އެއްވަރުވެފައިވަނިކޮށް މެޗުގެ ފަހުކޮޅު ރޮބާޓޯ ފިރްމީނޯ ޖެހި ގޯލުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ކްރިސްޓަލް ޕެލޭސްއިން ގޯލެއް ޖެހިނަމަވެސް ވީއޭއާރުގެ އެހީ ހޯދުމަށް ފަހު ރެފްރީ ވަނީ ނިންމުން ބަދަލުކޮށްފަ އެވެ. ލިވަޕޫލުން މެޗުގައި ލީޑު ނެގީ ދެ ވަނަ ހާފު ފެށިގެން އިރުކޮޅެއްތެރޭ ސަޑިއޯ މާނޭ ޖެހި ގޯލުންނެވެ. މެޗުގެ ފަހުކޮޅު ކްރިސްޓަލް ޕެލޭސްއަށް އެއްވަރުކޮށްދިން ގޯލު ޖަހައިދިނީ ވިލްފްރެޑް ޒާހާ އެވެ. އެކަމަކު ޒާހާގެ ގޯލަށް އިރުތަކެއް ނުވަނީސް ފިރްމީނޯ ވަނީ ގޯލު ޖަހައި ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. މިއީ ލީގުގައި ބަލިނުވެ ލިވަޕޫލުން ކުޅުނު 30 ވަނަ މެޗެވެ. ލީގުގައި ބަލިނުވެ މީގެ ކުރިން ލިވަޕޫލް ވަނީ 31 މެޗު ކުޅެފަ އެވެ. އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ބްރައިޓަންއާ ވާދަކުރާ މެޗުން ބަލިނުވެ ފަރުޖައްސާލައިފި ނަމަ އެޓީމުން ކުރިން ހަދާފައިވާ ރެކޯޑާ އެއްވަރުވާނެ އެވެ.

ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެސްޓަ ސިޓީ ރޭ ރަށުން ބޭރުގައި ބްރައިޓަން އަތުން މޮޅުވިއިރު ގޯލުތައް ޖަހައިދިނީ އަޔޯޒޭ ޕެރޭޒް އާއި ރަނގަޅު ފޯމެއްގައި ހުރި ޖެމީ ވާޑީ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ލެސްޓާއިން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އަޔޯޒޭ ޖެހި ގޯލަށް އެހީތެރިވެދިނީ ވާޑީ އެވެ. މެޗުގެ ފަހުކޮޅު އެޓީމުން ލީޑު ފުޅާކުރީ ވާޑީ ވައްދާލި ޕެނަލްޓީންނެވެ. މި ޕެނަލްޓީ ފުރަތަމަ ޖެހުމުން ބްރައިޓަންގެ ކީޕަރު މަތަކުރި ވަގުތު ޖޭމްސް މަޑިސަން ވަނީ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. އެކަމަކު ވާޑީ ޕެނަލްޓީ ޖެހި ވަގުތު ބްރައިޓަންގެ ދެކުޅުންތެރިއަކު އޭރިޔާ ތެރޭގައި ތިބުމުން ރީޕްލޭ ބެލުމަށް ފަހު ރެފްރީ ނިންމީ ޕެނަލްޓީ އަލުން ޖަހާށެވެ. ދެ ވަނަ ފުރުސަތުގައި ވާޑީ ވަނީ ފަސޭހަކަމާއެކު ގޯލު ކާމިޔާބުކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *