މެޑަލް އަކަށް އަމާޒު ހިފައި ޓީޓީ ޓީމް ތައިލޭންޑްގައި ފަރިތަކުރަނީ
އަންނަ މަހު އެއް ވަނަ ދުވަހު ނޭޕާލްގައި ފަށާ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ފިރިހެން އަދި އަންހެން ޓޭބަލް ޓެނިސް ޓީމް ތައިލެންޑްގައި ފަރިތަކުރަމުން އެބަގެންދެ އެވެ. މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ތައިލެންޑްގައި ފުރިހަމަކުރަމުން އަންނަ ތަމްރީންތަކުގައި ފަރިތަކުރުންތަކުގެ އިތުރުން ތައިލެންޑްގެ ޓީޓީ ކުޅުންތެރިންނާއެކު މެޗްތައް ކުޅެމުން އަންނަ ކަމަށް ގައުމީ ޓީޓީ ޓީމްގެ މެނޭޖަރު ޖާދުﷲ ހަސަން “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުނެފައިވެއެވެ.
މިދިޔަ ޖުލައި މަހު މޮރިޝަސްގައި އޮތް އިންޑިއަން އައިލެންޑް ގޭމްސްގައި ބޮޑު ކާމިޔާބެއް ޓީޓީ އިން ރާއްޖެ ހޯދިއިރު އެ މުބާރާތުގައި ބައިވެރިވި އަންހެން އަދި ފިރިހެން ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިން މިފަހަރުގެ ޓީމްގައި ވެސް ހިމެނި ތައިލެންޑްގައި އަންނަނީ ފަރިތަކުރަމުންނެވެ. ރާއްޖޭގެ ގައުމީ ޓީމްގެ ކޯޗިން ސްޓާފުންގެ އިތުރުން އައިޓީއެފް ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓް އޮތް އިތުރު ކޯޗަކާއެކު ޓީމްގެ ފަރިތަކުރުންތައް ކުރިއަށްގެންދާއިރު ޓީމްގެ މިފަހަރުގެ އަމާޒަކީ މެޑަލެއް ހޯދުން ކަމަށާއި ވަކިން ހާއްސަކޮށް އަންހެން ޓީޓީ ޓީމާއި މެދު ކުރެވޭ އުއްމީދު ބޮޑު ކަމަށް މެނޭޖަރ ޖާދުﷲ ވަނީ ބުނެފަ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފިރިހެން ޓީމާއި އަންހެން ޓީމް ބައިވެރިވިއިރު އަންހެން ޓީމް ވަނީ މުބާރާތް ހޯސްޓްކުރި ގައުމު ބަލިކޮށް ޓީޓިގެ އަންހެން ޓީމް އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.
“އަޅުގަނޑުމެންގެ އުއްމީދަކީ އަންހެން ފަޅިން ދަށްވެގެން ބްރޯންޒް މެޑަލް އެއް ހޯދުން. ފިރިހެން ފަޅިން ވެސް ރަގަޅު ފައިޓެއް ދޭނެ ކަމަށް މިބަލަނީ. ވަރަށް އަންއެކްސްޕެކްޓެޑް ނަތީޖާތަކެއް ފިރިހެން ޓީމް ނެރުމަކީވެސް އެކަށީގެންވާ ކަމެއް.” ޖާދުﷲ ވިދާޅުވި އެވެ.
ތައިލެންޑްގައި ތަމްރީން ހަދަމުން އަންނަ ގައުމީ ޓީޓީ ޓީމް ތަމްރީން ކޭމްޕް ނިންމާލުމަށްފަހު މާލެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ޓީމް ނޭޕާލަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ޓީޓީ ޓީމްގައި އަންހެން އަދި ފިރިހެން ފަސް ކުޅުންތެރިން ހިމެނެ އެވެ.
Advertisement
Leave a Reply