ފުލުގައި އޮތް ޓީމު އަތުން ބާސެލޯނާ ސަލާމަތްވީ ކިރިޔާ
ސްޕެނިޝް ލަލީގާގައި މިއަދު ހަވީރު ތާވަލުގެ ފުލުގައި އޮތް ލެގަނޭސް އަތުން ބަލިވާން ދަނިކޮށް ފަހަތުން އަރައި ޖެހި ގޯލުތަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ. ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުން ބާސެލޯނާ މިއަދުގެ މެޗު ކާމިޔާބުކުރީ 2-1 އިންނެވެ.
މިއަދުގެ މޮޅާއެކު ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ 13 މެޗުން ލިބުނު 28 ޕޮއިންޓާއެކު އެވެ. މިރޭ މެންދަމު އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް ބަލިކޮށްގެން 25 ޕޮއިންޓާއެކު ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އަރާ ހަމަކުރެވޭނެ އެވެ. 24 ޕޮއިންޓާއެކު ލީގުގެ ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް މިރޭ ރަށުން ބޭރުގައި ގްރާނާޑާއާ ދެކޮޅަށް ނުކުންނާނެ އެވެ. ބާސެލޯނާއާ ދެކޮޅަށް ކުޅުނު ލެގަނޭސް ތާވަލުގައި ފުލުގައި އޮތީ 14 މެޗުން ހަ ޕޮއިންޓް ލިބިގެންނެވެ.
މިއަދުގެ މެޗަށް ނުކުތްއިރު ބާސެލޯނާ ވަނީ ރަށުން ބޭރުގައި މި ސީޒަނުގައި ތިން މެޗުން ބަލިވެފަ އެވެ. ކޯޗު އާނެސްޓޯ ވަލްވޭޑޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބާސެލޯނާއަށް މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. ބާސެލޯނާއަށް ސިހުން ގެނުވައި ލެގަނޭސް އިން ލީޑު ނެގީ މެޗުގެ 12 ވަނަ މިނެޓުގަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފް އެން-ނެސީރު އެވެ. މި ގޯލަށް ފަހު ލެގަނޭސްގެ އޮސްކާ ރޮޑްރިގޭޒަށް ނަތީޖާ ފުޅާކުރަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
މެޗުގެ ދެ ވަނަ ފަށައިގެން ބާސެލޯނާ އިން ރަނގަޅަށް ކުޅުނުއިރު ޑިފެންޑަރު ޖެރާޑް ޕީކޭ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ. މެޗުގެ 53 ވަނަ މިނެޓުގައި ބާސެލޯނާއިން ނަތީޖާ ހަމަހަމަ ކުރީ ލުއިސް ސުއަރޭޒް ބޮލުން ޖަހައިދިން ގޯލުންނެވެ. ބާސެލޯނާ މެޗުން މޮޅުކޮށްދިން ގޯލު 79 ވަނަ މިނެޓުގައި ޖަހައިދިނީ ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އެވެ. މިއީ ބާސެލޯނާގެ އުސްމާން ޑެމްބެލޭ ނަގައިދިން ކޯނަރެއް ލެގަނޭސްގެ ރުބެން ޕެރޭޒްގެ ފައިގައި ޖެހިފައި ލިބުނު ބޯޅައަކުން ވިޑާލް ކާމިޔާބުކުރި ލަނޑެކެވެ. ޕެރޭޒް ފައިގައި ޖެހިފައި ބޯޅަ ލިބުނުއިރު ވިޑާލް ހުރީ ގޯލުގެ އަރިމަތީ ދަނޑި ކައިރީގައި ހުހަށެވެ. މިއަދުގެ ގޯލަކީ ސީޒަނުގައި ވިޑާލް ބާސެލޯނާއަށް ކާމިޔާބުކޮށްދިން ހަތަރު ވަނަ ގޯލެވެ. ލީޑު ނެގުމަށް ފަހު ލިއޮނަލް މެސީ ތަނަސްވަކޮށްދިން ހުސް ފުރުސަތެއްގައި ޑެމްބެލޭ ފޮނުވާލި ބޯޅަ ޖެހުނީ ކީޕަރު ގައިގަ އެވެ.
Advertisement
Leave a Reply