މޮރީނިއޯއާ އެކު ޓޮޓެންހަމުން ކުރާ ދަތުރު މޮޅަކުން ފަށައިފި

Advertisement

މޮރީނިއޯއާ އެކު ޓޮޓެންހަމުން ކުރާ ދަތުރު މޮޅަކުން ފަށައިފި

ޢަލީ ޝަހީމް

ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމާ މިދިޔަ ބުދަ ދުވަހު ހަވާލުވި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އެ ކްލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ބައްދަލުކުރި މެޗުން ޓޮޓެންހަމް މޮޅުވީ 3-2 އިންނެވެ.

ޓޮޓެންހަމްގެ ކޯޗަކަށް މޮރީނިއޯ ހަމަޖެއްސީ އެޓީމަށް ފަސް އަހަރު ދުވަހު އިރުޝާދުދީ ގިނަ ކުރިއެރުންތަކެއް ހޯދައިއިން މައުރީސިއޯ ޕޮޗެޓީނޯ މަގާމުން ވަކިކުރުމަށް ފަހު އެވެ. ޕޮޗެޓީނޯގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓޮޓެންހަމް ވަނީ ދަތުރުކޮށްފަ އެވެ. އެހެންނަމަވެސް އެ ކްލަބުން ޕޮޗެޓީނޯ ވަކިކުރީ މި ސީޒަން ފެށިގެން ނުކުތް ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. މި މެޗުގެ ކުރިން އެޓީމު އޮތީ 14 ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގަ އެވެ. އެކަމަކު މިއަދު ހޯދި މޮޅާއެކު 17 ޕޮއިންޓް ހޯދައި އެޓީމު ވަނީ ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ގޯލު ޓޮޓެންހަމުން ޖެހީ މެޗުގެ 36 ވަނަ މިނެޓުގަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ސައުތު ކޮރެއާގެ ތަރި ސޮން ހެއުން މިން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސޮން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓޮޓެންހަމްގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ލޫކަސް މޯރާ އެވެ. ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ސާޖް އޮރިއޭ ނަގައިދިން ހުރަހަކުން ތިން ވަނަ ގޯލު ބޮލުން ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. މި ގޯލާއެކު ކޭން ވެފައިވަނީ ޓޮޓެންހަމްގެ ތާރީހުގައި އެ ކްލަބަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއަށެވެ. މިއަދުގެ ގޯލާއެކު ކޭން ވަނީ ޓޮޓެންހަމަށް 175 ގޯލު ޖަހައިދީފަ އެވެ. ލިސްޓުގެ ދެ ވަނައިގައި 208 ގޯލާއެކު ބޮބީ ސްމިތު އޮތްއިރު އެއް ވަނައިގައި އޮތީ 266 ގޯލު ކާމިޔާބުކޮށްދީފައިވާ ޖިމީ ގްރީވްސް އެވެ.

ގޯލު ޖެހުމުން މޮރީނިއޯ އުފާފާޅުކުރަނީ.

ޓޮޓެންހަމުން ތިން ގޯލުގެ ލީޑެއް ނެގުމުން ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ކުރިއަށް ޖެހި އެޓޭކް ވަރުގަދަކޮށްފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެ ވަނަ ހާފުގައި ކުޅެން ނުކުތް މިކައިލް އެންޓޯނިއޯ އެވެ. ވެސްޓް ހޭމް ޔުނައިޓެޑުން މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޑެކްލަން ރައިސް ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓެން ރެފްރީ (ވީއޭއާރު) ގެ އެހީތެރިކަމާއެކު ކެންސަލްކޮށްފަ އެވެ. އެޓީމުގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އޮގްބޮންނާ އެވެ.

ޓޮޓެންހަމާއެކު މޮރީނިއޯ ފެށި ދަތުރުގައި މިއީ އެޓީމަށް ލިބުނު މުހިއްމު މޮޅެކެވެ. މޮރީނިއޯ ވަނީ އޭނާ މީގެ ކުރިން ކޯޗުކޮށްދިން ކްލަބްތަކުގެ ތެރެއިން ބެންފީކާ ނޫން ހުރިހާ ޓީމެއްގައި ފުރަތަމަ މެޗުން މޮޅުވެފަ އެވެ. މޮރީނިއޯއަށް ފުރަތަމަ މެޗު ކާމިޔާބު ނުކުރެވުނީ 2000 ވަނަ އަހަރު ބެންފީކާއާއެކު ނުކުތް ކޯޗިންގެ ފުރަތަމަ މެޗުގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *