ފިންޏަށް ހޭނުމަށް ބާސްކެޓްބޯޅަ ޓީމް ޗައިނާގެ އެންމެ އުސް އެއް ހިސާބަށް
އަންނަ މަހު ނޭޕާލުގައި ފަށާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބާސްކެޓްބޯލް ފިރިހެން އަދި އަންހެން ޓީމު ޗައިނާގެ އެންމެ އުސް ސިޓީ ކަމަށްވާ ކުންމިންއަށް ގޮސްފި އެވެ. ކުންމިން އަކީ ޗައިނާގެ ޔުނާން ޕްރޮވިންސްގައި އޮންނަ އެންމެ ބޮޑު އަދި ކެޕިޓަލް ސިޓީ އެވެ. ގޭމްސް ކުރިއަށްދަނީ ނޭޕާލަށް ފިނި ދުވަސްވަރަކަށް ވުމާއެކު ބާސްކެޓްބޯޅަ ޓީމް ކުންމިންގައި ކޭމްޕް ކުރަން ނިންމި ނިންމުމަކީ މުބާރާތުގެ ކުރިން ފިންޏަށް ހޭނުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ބާސްކެޓްބޯލް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
10 ދުވަހުގެ ތަމްރީނު ކޭމްޕް ކުރިއަށް ގެންދިއުމަށް ބާސްކެޓްބޯޅައިގެ ދެ ޓީމު ވެސް އިއްޔެ ވަނީ ޗައިނާގައި ކޭމްޕްކޮށްފަ އެވެ. ޗައިނާގައި ކުރިއަށްގެންދާ ތަމްރީނުތަކާއެކު އެކުވެރިކަމުގެ މެޗުތަކެއް މި ކޭމްޕުގައި ކުޅޭނެ އެވެ. ފިރިހެން އަދި އަންހެން ޓީމު ވެސް އެކުވެރިކަމުގެ ތިން މެޗު ކުޅޭއިރު، މި މެޗުތަކުގައި ގައުމީ ޓީމް ނުކުންނާނީ ޗައިނާގެ ކްލަބްތަކާއި ޔުނިވަރސިޓީ އަދި ކޮލެޖުތަކުގެ ޓީމުތަކާ ދެކޮޅަށެވެ. ޕީއެސްއެމް ސްޕޯޓްސްއަށް ދެއްވި އިންޓަވިއުއެއްގައި ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ވިޝާމް ރަޝީދު ވިދާޅުވީ ޗައިނާގައި ކޭމްޕް ކުރިއަށް ގެންދިއުމުގެ ފުރުސަތު މާކުރިން ލިބިފައިވާކަމަށެވެ. އެކެމަކު ކޭމްޕް ކުރިއަށްގެންދިއުން މަޑުކޮށްލީ ގޭމްސްއާ ދިމާކޮށް ފަހު ކޭމްޕަށް ހެދުމަށް ކަމަށް ވިޝާމް ވިދާޅުވި އެވެ. ގައުމީ ބާސްކެޓްބޯޅަ ޓީމުތަކަށް މި ކޭމްޕް ލިބުނީ ޗައިނާގެ ސްޕޯޓްސް ކޯޕަރޭޝަނެއްގެ އެހީގަ އެވެ.
ޗައިނާ ކޭމްޕުގެ ކުރިން ބާސްކެޓްބޯޅައިގެ އަންހެން ޓީމު ތައިލެންޑުގައި ކޭމްޕް ކުރިއިރު ފިރިހެން ޓީމުވަނީ ސިންގަޕޫރުގައި ޓްރެއިނިން ކުރިއަށް ގެންގޮސްފަ އެވެ. އެހެންނަމަވެސް ޗައިނާ ކަހަލަ ބާސްކެޓްބޯޅައިގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގައުމެއްގައި ރާއްޖޭގެ ބާސްކެޓް ޓީމުން ކޭމްޕްކުރާ މިއީ ފުރަތަމަ ފަހަރެވެ. ވިޝާމް ވިދާޅުވީ ޗައިނާއަށް ފިނި ދުވަސްވަރެއްގައި ކުޅޭ މެޗުތަކުން ރަނގަޅު ތަޖުރިބާތަކެއް ލިބި ޓީމު ނޭޕާލަށް ދާއިރު ވަރަށް ރަނގަޅަށް ނޭޕާލުގެ މާހައުލަށް ހޭނޭނެ ކަމަށެވެ.
ނޭޕާލުގައި އަންނަ މަހުގެ އެކަކުން 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭން 11 ކުޅިވަރެއްގައި 332 އެތުލީޓުން ވާދަކުރާނެ އެވެ. ގޭމްސްގެ ބާސްކެޓްބޯޅަ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަތުމަންޑޫގަ އެވެ.
Advertisement
Leave a Reply