ޔޫރަޕްގައި ކުޅެމުން އަންނަ ޒާން 23 އަހަރުން ދަށުގެ ޓީމާއެކު ފަރިތަކުރަނީ
އަންނަ މަހުގެ އެއް ވަނަ ދުވަހު ނޭޕާލްގައި ފަށާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި މިހާރު ސްޕެއިންގެ ކްލަބަކަށް ކުޅެމުން އަންނަ ރާއްޖޭގެ އިސްމާއިލް ޒާން އާމިރު ބައިވެރިވާން ފަށައިފި އެވެ. ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޔޫޑީ ކެނަލްސް އަށް ކުޅެން މިއަހަރު ސޮއިކުރި އުމުރުން 19 އަހަރުގެ ޒާން ރާއްޖެ އައިސް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ސްޕެއިންގެ 19 އަހަރުން ދަށުގެ ލީގުގައި ކުޅެމުން އަންނަ ކްލަބެއް ކަމަށްވާ ރޭސިންގް އަލްގެމެސް ގައި މީގެ ކުރިން ރަގަޅު ކުޅުމެއް ދެއްކި ޒާން އަކީ ކުރިން އޭޖް ގްރޫޕްގެ ގައުމީ ޓީމަކާއެކު ރާއްޖެ ތަމްސީލްކޮށްފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. އެގޮތުން 2015 ވަނަ އަހަރު އޮތް 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވި ރާއްޖޭގެ ޓީމްގައި ހިމެނި އެޓީމްގެ ކެޕްޓަން ކަންވެސް ޒާން ވަނީ ކޮށްފަ އެވެ.
“ވަރަށް އުފާވި ގައުމީ ޓީމްގެ ސްކޮޑުން ފުރުސަތު ދިނީމަ. އެއީ މިހާރު ފުދޭވަރަކަށް ދުވަސްވެއްޖެ ގައުމީ ޓީމަށް ނުކުޅޭތާ. އެހެން ހުއްޓަ ގައުމީ ޓީމަށް އަލުން މިގޮވާލީ. އަބަދުވެސް ވަރަށް ބޭނުންވޭ ގައުމަށްޓަކައި ކަމެއް ކޮށްދޭން.” ގައުމީ ޓީމުން އަލުން ފުރުސަތު ލިބުމުން މާލެ އައިސް “ފަހުމިނެޓް” އާ ވާހަކަދައްކަމުން ޒާން ބުންޏެވެ.
ގާތްގަނޑަކަށް ހަތަރު އަހަރަށް ފަހު ގައުމީ ޓީމްގެ ސްކޮޑުން ލިބުނު ފުރުސަތާއެކު ޒާން ހުރީ އޭނާގެ ފެންވަރު ސާބިތުކޮށްދީގެން ފައިނަލް ސްކޮޑުން ފުރުސަތު ހޯދަން ކެތްމަދުވެފަ އެވެ.
“ވަރަށް ބޮޑަށް އުއްމީދުކުރަން ފައިނަލް ސްކޮޑްގައި ހިމެނޭނެ ކަމަށް. އަދި، އެއަށްފަހު މުބާރާތުގައި ރަގަޅު ކުޅުމެއް ދައްކައި ގައުމަށް ރީތި ނަމެއް ހޯދައިދިނުން އެއީ އެންމެ ބޭނުންވާ ކަމަކީ.” އާއްމުގޮތެއްގައި ޑިފެންސިވް މިޑްފީލްޑަރެއްގެ މަގާމަށް ކުޅެމުން އަންނަ ޒާން ބުންޏެވެ.
ކުރިން އިސްކަންދަރު ސްކޫލްގެ ޖޫނިއަރ ފުޓްބޯޅަ ޓީމްގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ޒާން ވަނީ ސްޕެއިންގެ އިތުރުން އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ގައި ހުންނަ އެކެޑަމީއެއްގައި ވެސް ތަމްރީން ހަދައިފަ އެވެ. ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަންކަން ކުރިން ކޮށްފައިވާ އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މިހާރުގެ ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހުމަދު ސަލީމް އަށް ބޮޑުބޭބެކިޔާ ޒާން ވަނީ 2016 ވަނަ އަހަރު ކްލަބް ވެލެންސިއާ އަށް ވެސް ކުޅެފަ އެވެ. 23 އަހަރުން ދަށުގެ ޓީމުގެ ފަރިތަކުރުންތަކުގައި ޒާން މިހާރު ބައިވެރިވާއިރު ތައްޓަށް އަމާޒުކޮށް ރާއްޖޭން މުބާރާތަށް ނެރޭނީ ވަރުގަދަ ޓީމެކެވެ.
މިފަހަރުގެ ގޭމްސްގައި ރާއްޖެ ހިމެނެނީ އިންޑިއާ އާއި ސްރީ ލަންކާއާ އެކު ގްރޫޕް ބީގަ އެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ނޭޕާލާއި ބަންގްލަދޭޝް އަދި ބޫޓާނެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށް ކުރިއަށްގެންދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ނޭޕާލުގެ ކަތުމަންޑޫގައި އޮންނަ ދަޝާރާތު ސްޓޭޑިއަމްގަ އެވެ. ފުރަތަމަ މެޗުގައި އަންނަ މަހުގެ ދެ ވަނަ ދުވަހު އިންޑިއާ ދެކޮޅަށް ރާއްޖޭގެ ޓީމު ނުކުންނައިރު ދެ ވަނަ މެޗުގައި ޑިސެމްބަރު ހަތަރު ވަނަ ދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އަށް ވަނަ ދުވަހު ކުޅޭއިރު ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅޭނީ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.
2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ ޗެމްޕިއަންކަން ހޯދީ ނޭޕާލެވެ. ދެ ވަނަ އިންޑިއާއަށް ލިބުނުއިރު ތިން ވަނަ ޓީމަކީ ބަންގްލަދޭޝް އެވެ.
Advertisement
Leave a Reply