ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގައި އަންހެން ޓީމް އެކަނި ވާދަކުރަނީ

Advertisement

ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގައި އަންހެން ޓީމް އެކަނި ވާދަކުރަނީ

ޢަބްދުﷲ އަޝްރަފް
އައިއޯއައިޖީގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ނަބާހާ. އަންނަ މަހު ފަށާ ސައުތު އޭޝިއަން ގޭމްސްގައި ބެޑްމިންޓަނުން ވާދަކުރާނީ އަންހެން ޓީމު އެކަނި. - ފޮޓޯ: އެމްއޯސީ

އަންނަ މަހުގެ 1 ވަނަ ދުވަހު ނޭޕާލްގައި ފަށަން ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގައި ރާއްޖެއިން މިފަހަރު ބައިވެރިކުރާ ގޮތަށް ހަމަޖެހިފައިވަނީ ހަމައެކަނި އަންހެން ޓީމްކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފި އެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު ވިދާޅުވީ ބެޑްމިންޓަން އިވެންޓްގައި ރާއްޖެއިން ބައިވެރިވާ އަންހެން ޓީމްގައި ހަ ކުޅުންތެރިއަކު ހިމެނޭނެ ކަމަށާއި، މުބާރާތުގައި ބައިވެރިވުމަށް ނޭޕާލަށް ދިއުމުގެ ކުރިން އިންޑިއާގެ ގުއަހަޓީގައި ޓީމް ކޭމްޕް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މުބާރާތުގެ ކުރިން އިތުރު ތަމްރީން ހޯދުމަށްޓަކައި ޓީމް އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. އިންޑިއާއަށް ގައުމީ އަންހެން ބެޑްމިންޓަން ޓީމް ކުރާ ތަމްރީން ދަތުރުގައި އެ ގައުމުގެ ފާހަގަކޮށްލެވޭ ބައެއް ބެޑްމިންޓަން ކުޅުންތެރިންނާއެކު މެޗްތަކެއް ކުޅެން ރާވައިފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ. އިންޑިއާ އަކީ ބެޑްމިންޓަންގައި މި ސަރަހައްދުގެ އެއް ވަނަ ގައުމުގެ އިތުރުން ދުނިޔޭގެ ނިސްބަތުން ވެސް ވަރަށް ކުރީގައި އުޅޭ ގައުމެކެވެ.

Advertisement

13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި މިފަހަރު ހަމައެކަނި އަންހެން ޓީމް ބައިވެރިކުރާ ގޮތަށް ނިންމީ މިފަހަކަށް އައިސް އަންހެން ކުޅުންތެރިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ހޯދައިފައިވާ ކާމިޔާބީތަކަށް ބެލުމަށް ފަހު މިވަގުތަށް ބަލާއިރު މުބާރާތުގައި ރަގަޅު ވާދައެއް ކުރެވޭނެ ކަމަށް ފެންނަނީ އަންހެން ޓީމަށް ކަމަށް ގަބޫލުކުރެވޭތީކަމަށް އިފްޝާން ވިދާޅުވި އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓުން ރާއްޖެއަށް އަދި މިހާތަނަށް މެޑަލް އެއް ހޯދިފައި ނުވިޔަސް މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޓީމަށް މެޑަލް އަކާއި ހަމައަށް ދެވިދާނެ ކަމުގެ އުއްމީދު އެބައޮތްކަމަށާއި އެކަމަކު އެކަން ވަރަށް ބޮޑަށް ބިނާވާނީ މެޗްތައް ކުޅެން ހަމަޖެހޭ ގޮތަކަށް ކަމަށް އިޝްފާން ވިދާޅުވި އެވެ.

“ބެޑްމިންޓަން ޓީމް އިވެންޓްގަ މި ވާގޮތަކީ ނޮކްއައުޓް އުސޫލުން މި ކުޅެނީ. ދެން ކޮންމެ ގޮތެއް ވިޔަސް ލަންކާ އިންޑިއާ އާ ވާދަކުރަން އަދި ތަންކޮޅެއް އުނދަގޫވާނެ. އެކަމަކު ދެން ހުރި ގައުމުތަކާ ވާދަކުރަން ޖެހިއްޖެއްޔާ ޗާންސަސް ތަކެއް ހުންނާނެ. މިސާލަކަށް ޕާކިސްތާނު، ބަންގްލަދޭޝް، ނޭޕާލް ތަންތަނާ ބަލާއިރު އަޅުގަނޑުމެންގެ ސްކޮޑް އެވްރެޖްގޮތެއްގަ މޮޅުވާނެ. އަޅުގަނޑުމެންގެ އެބަތިބި އެއްވަރެއްގެ ފަސް ހަ ކުޅުންތެރިން. މިގައުމުތަކުގެ ނުތިބެދާނެ އެވަރުގެ ފަސް ކުޅުންތެރިން. އެކަމަކު މިހެން ބުންޏަސް ބެޑްމިންޓަންގެ ޓީމް އިވެންޓްގަ ދެކުޅުންތެރިއަކު ތަފާތު ދެއްކިއަސް އެ ކޮޅަކަށް މެޗް ބުރަވާނެ ހަގީގަތުގަ. އެކަމަކު އަޅުގަނޑުމެން އުއްމީދު މި ކުރަނީ ފަހުން މި ދެންނެވި ތިން ގައުމާ އެއްކޮށް ރަނގަޅު ފައިޓެއް އަޅުގަނޑުމެންނަށް ދެވޭނެ ކަމަށް. ޑްރޯގަ އިންޑިއާ އެވޮއިޑް ކުރެވިއްޖެއްޔާ އަޅުގަނޑު ދަންނަވާނީ މެޑަލްއެއް ހޯދުމުގެ ފުރުސަތު އެބައޮތޭ އަޅުގަނޑުމެންނަށް.” އިޝްފާން ވިދާޅުވި އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމެއްގެ ގޮތުގައި މާގިނަ ފަރިތަކުރުންތަކެއް ކުރިއަށްގެންދެވިފައި ނުވި ނަމަވެސް މިފަހުން ގިނަ މުބާރާތްތަކެއްގައި ކުޅުންތެރިން ވާދަކޮށްފައިވުމާއެކު ކުޅުންތެރިންނާ މެދު އިތުބާރު އެބައޮތްކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.

“އައިއޯއައިޖީ ނިމުނު ފަހުން ގައުމީ ޓީމްގައި މި ހިމެނޭ ކުޅުންތެރިން ގާތްގަނޑަކަށް ހަ މުބާރާތް ނުވަތަ ހަތް މުބާރާތް ކުޅެފަ މިވަނީ. ދެން ސީދާ ޓްރެއިނިންގް އެކޭ ކިޔާފަ ޓީމް އެއްކޮށް ފަރިތަކުރެވިފައި ނެތް ނަމަވެސް ވަރަށް ހައި ސްޓޭންޑާޑް މުބާރާތްތަކުގަ އެ ކުޅުންތެރިން ކުޅެފަ އެތިބީ. ދެން މިބަލަނީ އިންޑިއާގައި ކުރިއަށްގެންދެވޭ ޓްރެއިނިންގްއާ އެއްކޮށް ކުޅުންތެރިންނަށް އިތުރު ކުރިއެރުން ލިބޭނެކަމަށް.” އިޝްފާން ވިދާޅުވި އެވެ.

އަންނަ މަހުގެ އެކަކުން 10 ވަނަ ދުވަހުގެ ނިޔަލަށް ގޭމްސް ކުރިއަށްދާއިރު ބެޑްމިންޓަން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނޭޕާލުގެ ޕޮކަރާ ސިޓީގަ އެވެ. ބެޑްމިންޓަނުގެ އިތުރުން އަންހެން ފުޓްބޯޅަ މުބާރާތް ވެސް ކުރިއަށްދާނީ ޕޮކަރާގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *