ގޭމްސްގެ ކުރިން އަންހެން ފުޓްބޯޅަ ޓީމް ދުބާއީ އަށް

Advertisement

ގޭމްސްގެ ކުރިން އަންހެން ފުޓްބޯޅަ ޓީމް ދުބާއީ އަށް

ޢަލީ ޝަހީމް
މިއަދު ހެނދުނު ދުބާއީއަށް ފުރި ގައުމީ އަންހެން ފުޓްބޯޅަ ޓީމް. - ފޮޓޯ: އެފްއޭއެމް

ނޭޕާލުގައި އަންނަ މަހުގެ ކުރީކޮޅު އޮންނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ތަމްރީނުތަކަށް ދުބާއީއަށް ފުރައިފި އެވެ. އަންހެން ގައުމީ ޓީމު މިއަދު ހެނދުނު ދުބާއީއަށް ފުރިއިރު ގޭމްސްގައި ވާދަކުރުމަށް ނޭޕާލަށް ދާނީ ދުބާއީންނެވެ.

މިފަހަރުގެ އަންހެން ފުޓްބޯޅަ އިވެންޓް އޮންނާނީ ނޭޕާލުގެ ޕޮކަރާގަ ސިޓީގަ އެވެ. ޕޮކަރާއަކީ ނޭޕާލަށް ދާ ފަތުރުވެރިންގެ މެދުގައި މަގްބޫލު ސިޓީ އެވެ. ޕޮކަރާ ފުޓްބޯޅަ ސްޓޭޑިއަމްގައި އަންހެން އިވެންޓުގެ މެޗުތައް ކުޅެން ހަމަޖައްސާފައިވާއިރު އެ ސްޓޭޑިއަމްގެ ހުރިހާ މަސައްކަތެއް އަދިވެސް ނިންމާލެވިފައެއްނުވެ އެވެ. އެކަމަކު މުބާރާތް އަންނަ މަހު ފެށުމުގެ ކުރިން ސްޓޭޑިއަމް އެއްކޮށް ނިންމާލުމުގެ މަސައްކަތް ނޭޕާލުން އަންނަނީ ކުރަމުންނެވެ.

މިފަހަރުގެ މުބާރާތުގެ އަންހެން ފުޓްބޯޅަ އިވެންޓުގައި ބައިވެރިވީ ރާއްޖެ އާއި މުބާރާތް ބާއްވާ ނޭޕާލް އަދި އިންޑިއާގެ އިތުރުން ސްރީ ލަންކާ އެވެ. އަންހެން ފުޓްބޯޅަ މެޗުތައް ޑިސެމްބަރު ތިން ވަނަ ދުވަހު ފަށާއިރު ފައިނަލް މެޗު ކުޅޭނީ ޑިސެމްބަރު ނުވަ ވަނަ ދުވަހު އެވެ. ހަތަރު ގައުމަކުން ވާދަކުރާތީ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ގައުމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު ތިން ވަނަ ދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ޑިސެމްބަރު ފަސް ވަނަ ދުވަހު ނޭޕާލާ ދެކޮޅަށް ނުކުންނައިރު ލީގު ބުރުގެ ފަހު މެޗުގައި ޑިސެމްބަރު ހަތް ވަނަ ދުވަހު ވާދަކުރާނީ ސްރީ ލަންކާއާ އެވެ. އެންމެ ކުރި ހޯދާ ދެ ޓީމުގެ މެދުގައި ފައިނަލް މެޗު ކުޅޭނީ ޑިސެމްބަރު ނުވަ ވަނަ ދުވަހު އެވެ. 2016 ވަނަ އަހަރު އިންޑިއާގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން އިންޑިއާ ހޯދިއިރު ރަނަރަޕް ޓީމަކީ ނޭޕާލެވެ. އެފަހަރު މުބާރާތުގެ ތިން ވަނަ ހޯދި ބަންގްލަދޭޝްގެ އަންހެން ޓީމު މިފަހަރު ވާދައެއްނުކުރެ އެވެ. އަނެއްކޮޅުން ފަހަކަށް އައިސް އަންހެން ފުޓްބޯޅަ މުބާރާތްތަކުގައި ބަރާބަރަށް ވާދަކުރަމުން އަންނަ ބޫޓާންގެ އަންހެން ޓީމު ވެސް މިފަހަރުގެ މުބާރާތުގައި ވާދައެއްނުކުރެ އެވެ.

ރާއްޖޭގެ އަންހެން ޓީމު އެންމެ ފަހުން ވާދަކުރި ބައިނަލްއަގްވާމީ މުބާރާތަކީ މިދިޔަ މާޗް މަހު ނޭޕާލުގެ ބިރާޓްނާގާގައި ކުޅުނު ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގައި އިންޑިއާ އާއި ލަންކާއާ ވާދަކޮށް ބަލިވެ ރާއްޖެ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ފުރަތަމަ މެޗުގައި އިންޑިއާ އަތުން 6-0 އިން ބަލިވިއިރު ދެ ވަނަ މެޗުގައި ލަންކާ އަތުން ބަލިވީ 2-0 އިންނެވެ. ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އަންހެން ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2016 ވަނަ އަހަރު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކުރެވުމެވެ.

ރާއްޖޭގެ އަންހެން ޓީމު އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރިއިރު ކޯޗަކީ މުހައްމަދު އާތިފް (އާތީ) އެވެ. އެކަމަކު މުބާރާތަށް ފަހު އަންހެން ފުޓްބޯޅަ ޓީމު ދޫކޮށް އާތީ ހަވާލުވީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ. އަންހެން ފުޓްބޯޅަ ޓީމު މިއަދު ކޭމްޕަށް ފުރީ ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ އިސްމާއީލް އަނިލް އާއި އަހުމަދު ނާޝިދު (ނާދު) އާ އެކު އެވެ. އަންހެން ގައުމީ ޓީމުގައި ކުރިން ވެސް މަސައްކަތް ކޮށްފައިވާ ނާދު ވަނީ މީގެ ކުރިން ވިކްޓްރީ އާއި ޔުނައިޓެޑް ވިކްޓްރީ އަދި އޯލް ޔޫތު ލިންކޭޖުގައި ވެސް މަސައްކަތްކޮށްފަ އެވެ. ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ނާދު ހަމަޖައްސާފައިވާއިރު އަނިލް ހަމަޖައްސާފައިވަނީ އެސިސްޓެންޓް ކޯޗަށެވެ.

ސައުތު އޭޝިއަން ގޭމްސް ރަސްމީކޮށް ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. އެކަމަކު މި މަހުގެ 27 ވަނަ ދުވަހު ވޮލީބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވާތީ ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީ ޓީމު މާދަމާ ނޭޕާލަށް ދާގޮތަށް ވަނީ ހަމަޖެހިފަ އެވެ. ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވޮލީގެ ދެ ޓީމު މިހާރު ތިބީ ލަންކާގަ އެވެ. މިފަހަރުގެ ގޭމްސްގައި 11 ކުޅިވަރެއްގައި 332 އެތުލީޓުން ރާއްޖޭން ވާދަކުރާނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *