ސައުތު އޭޝިއަން ގޭމްސް: ފުޓްބޯޅަ އިވެންޓުގައި ރާއްޖެ އާއި އިންޑިއާ އެއް ގްރޫޕަކަށް

Advertisement

ސައުތު އޭޝިއަން ގޭމްސް: ފުޓްބޯޅަ އިވެންޓުގައި ރާއްޖެ އާއި އިންޑިއާ އެއް ގްރޫޕަކަށް

ޢަލީ ޝަހީމް
މިދިޔަ މާޗް މަހުގެ ފަހުކޮޅު ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ބުރުގައި ވާދަކުރި ޓީމު

ނޭޕާލުގައި އަންނަ މަހު ފަށާ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ޓީމު އިންޑިއާއާ އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ. ގްރޫޕް ބީގައި ރާއްޖެ އާއި އިންޑިއާގެ އިތުރުން ހިމެނެނީ ސްރީ ލަންކާ އެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ނޭޕާލާއި ބަންގްލަދޭޝް އަދި ބޫޓާނެވެ.

13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ކުޅުން ފަށަން ތާވާލުކޮށްފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއި ބަންގްލަދޭޝް އެވެ. މިފަހަރުގެ މުބާރާތުގައި ޕާކިސްތާނުން ވާދައެއްނުކުރެ އެވެ. އަދި، މީގެ ކުރިން ސައުތު އޭޝިއާގެ ފުޓްބޯޅަ އިވެންޓުތަކުގައި ވާދަކުރި އަފްގާނިސްތާން މިހާރު ވަނީ ސެންޓްރަލް އޭޝިއާއަށް ބަދަލުވެފަ އެވެ. އަފްގާނިސްތާނުން މިހާރު ވާދަކުރަނީ ސެންޓްރަލް އޭޝިއަން ގޭމްސްގަ އެވެ.

ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށް ކުރިއަށްގެންދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ނޭޕާލުގެ ކަތުމަންޑޫގައި އޮންނަ ދަޝާރާތު ސްޓޭޑިއަމްގަ އެވެ. މިއީ 2015 ވަނަ އަހަރު އެގައުމަށް އައި ބާރުގަދަ ބިންހެލުމުމުގައި ސްޓޭޑިއަމް ބޭނުންނުކުރެވޭ ވަރަށް ހަލާކުވުމަށް ފަހު މަރާމާތުކޮށް ކުރިއަށް ގެންދާނެ ފުރަތަމަ މުބާރާތެވެ. 30،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމަށް 2015 ވަނަ އަހަރު ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތް ކުރިއަށްގެންދާތާ އަހަރުތަކެއް ވަނީ ވެފަ އެވެ. އެކަމަކު މިހާރު އެގައުމުން ވަނީ ސައުތު އޭޝިއަން ގޭމްސްގެ ކުޅިވަރުތައް ކުރިއަށް ގެންދެވޭ ވަރަށް މި ސްޓޭޑިއަމް މަރާމާތުކޮށްފަ އެވެ. އެގައުމުން އެންމެ ފުރަތަމަ މަސައްކަތްކުރީ މި މަހުގެ 19 ވަނަ ދުވަހު ކުވޭތާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗަށް އެ ދަނޑު ތައްޔާރުކުރުމަށް އެވެ. އެހެންނަމަވެސް އޭއެފްސީން ހުއްދަ ނުލިބުމުން އެ މެޗު ކުޅެވޭގޮތް ނުވީ އެވެ.

ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ޓީމު އެކުލަވާލުމުގެ މަސައްކަތް އެފްއޭއެމުން މިހާރު އަންނަނީ ކުރަމުންނެވެ. 23 އަހަރުން ދަށުގެ ޓީމެއް މުބާރާތުގައި ވާދަކުރިޔަސް ސީނިއާ ތިން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ލިބޭނެ އެވެ. ސީނިއާ ތިން ކުޅުންތެރިން ހިމަނައިގެން ރާއްޖޭގެ ޒުވާން ޓީމު އެކުލަވާލައިފި ނަމަ ވަރުގަދަ ޓީމެއް ނެގޭނެ އެވެ. އެއީ ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގައި މިހާރު ވެސް 23 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭތީ އެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އެންމެ ފަހުން ވާދަކުރީ މިދިޔަ މާޗް މަހުގެ ފަހުކޮޅު ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ބުރުގަ އެވެ. ކޮލިފައިން ބުރުގައި ސައުދީ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ލެބަނަން އަތުން ވަނީ ބަލިވެފަ އެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމު ވެސް ވާދަކުރާނެ އެވެ. މިފަހަރުގެ މުބާރާތުގެ އަންހެން ފުޓްބޯޅަ އިވެންޓުގައި ވާދަކުރަނީ ރާއްޖެ އާއި ނޭޕާލުގެ އިތުރުން އިންޑިއާ އަދި ސްރި ލަންކާ އެވެ. އަންހެން އިވެންޓުގެ ފައިނަލަށް ދާނީ ލީގު ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އަންހެން ފުޓްބޯޅަ އިވެންޓުގެ ފުރަތަމަ މެޗުގައި ނޭޕާލް ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. މި މެޗުތައް ކުޅޭނީ ނޭޕާލުގެ ޕޮކަރާ ސްޓޭޑިއަމްގަ އެވެ.

ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ވަނީ މި އަހަރު ނޭޕާލުގެ ބިރާޓްނާގާގައި ކުރިއަށްދިޔަ ވިމެންސް ސާފް ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ. އެ މުބާރާތުގައި ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް އަންހެން ޓީމު ވަނީ ބަލިވެފަ އެވެ.

2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ފުޓްބޯޅަ އިވެންޓުން ރާއްޖޭގެ ޓީމަށް މެޑެއްޔެއް ނުލިބުނެވެ. އެފަހަރު ފިރިހެން ޗެމްޕިއަންކަން ނޭޕާލް ހޯދިއިރު ރަނަރަޕް ލިބުނީ އިންޑިއާއަށެވެ. އަންހެން ބައިގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދިއިރު ރަނަރަޕް ޓީމަކީ ނޭޕާލެވެ. އެ އަހަރުގެ ފުޓްބޯޅަ އިވެންޓުގައި އަންހެން އަދި ފިރިހެން ތިން ވަނަ ގައުމަކީ ބަންގަލްދޭޝް އެވެ.

މިފަހަރުގެ ގޭމްސް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. އެކަމަކު ވޮލީބޯޅަ މުބާރާތުގެ ކުޅުން މިމަހުގެ 27 ވަނަ ދުވަހު ފަށަން ވަނީ ތާވަލުކޮށްފަ އެވެ. މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީ ޓީމު ނޭޕާލަށް ދާނީ އަންނަ އާދީއްތަ ދުވަހު އެވެ. ގޭމްސް ކުރިއަށް ދާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރު 27 ކުޅިވަރެއް ހިމެނޭއިރު މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕޮކަރާ އާއި ކަތުމަންޑޫގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *