ލިވަޕޫލުން އެންފިލްޑް ސްޓޭޑިއަމްގެ ޖާގަ ބޮޑުކުރަނީ

Advertisement

ލިވަޕޫލުން އެންފިލްޑް ސްޓޭޑިއަމްގެ ޖާގަ ބޮޑުކުރަނީ

ޢަލީ ޝަހީމް
ލިވަޕޫލްގެ ދަނޑުގައި އެޓީމުން މެޗެއް ކުޅެނީ. އަލަށް އިތުރުކުރާ ޖާގައާއެކު 60،000 ސަޕޯޓަރުންނަށް އެ ދަނޑަށް ވަދެވޭނެ

އިނގިރޭސި މަޝްހޫރު ކްލަބް އަދި ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލުން އެ ކްލަބުގެ އެންފިލްޑް ސްޓޭޑިއަމް ގާތްގަނޑަކަށް 60،000 ސަޕޯޓަރުންނަށް ވަދެވޭ ވަރަށް ބޮޑުކުރަން ނިންމައިފި އެވެ.

ލިވަޕޫލް ދަނޑަށް މިހާރު ވަދެވެނީ 54،074 ސަޕޯޓަރުންނަށެވެ. އިތުރު ހަ ހާސް މީހުނަށް ވަދެވޭ ގޮތަށް ޖާގަ ބޮޑުކުރަން ލިވަޕޫލުން ވިސްނާފައިވަނީ ދަނޑުގެ އެންފިލް ރޯޑް އެންޑާއި ވީ ފަޅިންނެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ލިވަޕޫލުން މިހާރު ވަނީ މި މަހުގެ 29 އިން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޖާގަ އިތުރު ކުރުމަށް ކުރަންޖެހޭ ކޮންސަލްޓޭޝަން މަސައްކަތް ކުރަން ނިންމާފަ އެވެ. އެކަމަކު ދަނޑުގެ ޖާގަ އިތުރުކޮށް ނިމޭނެ ވަކި ތާރީހެއް އަދި އެ ކްލަބުން ކަނޑައަޅާފައެއްނުވެ އެވެ.

Advertisement

ލިވަޕޫލުން އެންމެ ފަހުން ދަނޑުގެ މަރާމާތެއް ކުރިއަށް ގެންދިޔައީ 2016 ވަނަ އަހަރު އެވެ. އެފަހަރު އެ ކްލަބުން ވަނީ ދަނޑުގެ މެއިން ސްޓޭންޑް ތަރައްގީ ކުރުމަށް 100 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. އޭރު ލިވަޕޫލުން ވަނީ އެންފިލްޑް ރޯޑް އެންޑް ތަރައްގީ ކުރުމުގެ ވިސްނުން ވެސް ގެންގުޅެފަ އެވެ. ކްލަބުން އެފަހަރު މަސައްކަތްކުރީ 4825 ޖާގަ އެންފިލްޑް ރޯޑް އެންޑަށް އިތުރުކުރާށެވެ. އެކަމަކު އެ އަހަރު އެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމައި ދަނޑުގެ ޖާގައަށް ބަދަލުގެންނަން އަލުން ނިންމީ މި އަހަރުގެ އޮގަސްޓް މަހު އެވެ.

ކްލަބުން ބުނީ މި މަސައްކަތާއި ގުޅޭ ކޮންސަލްޓޭޝަން އިވެންޓުތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އާއްމުންގެ އިތުރުން ވިޔަފާރުވެރިންނާއި ކްލަބުގެ ސަޕޯޓަރުންނަށް ފުރިހަމަ މައުލޫމާތު ދީ އެމީހުންގެ ހިޔާލު ވެސް ހިމެނޭ ގޮތަށް ކަމަށެވެ.

“އެންފިލްޑް ތަރައްގީ ކުރާނީ މުޅި ޔޫރަޕްގައި ވެސް އެންމެ ފުރިހަމައަށް ސަޕޯޓަރުންނަށް ހިދުމަތްދޭ އެއް ސްޓޭޑިއަމަށް ހަދަން ކްލަބުން ގެންގުޅޭ ތަސައްވުރާ އެއްގޮތަށް. މި ކްލަބުގެ ސަޕޯޓަރުންގެ ހިޔާލުވެސް ހިމެނޭ ގޮތަށް. އަދި ވީހާވެސް ގިނަ ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭގޮތަށް” ސަޕޯޓް ކުރުމުގައި އަބަދު ވެސް ނަމޫނާ ދައްކާ ކްލަބުން ބުނެފައިވެ އެވެ.

ސްޓޭޑިއަމަށް ޖާގަ އިތުރުކުރުމުގެ ހަރަކާތްތައް ސަޕޯޓަރުންނާ ވީހާވެސް ބޮޑަށް ގުޅިގެން ކުރުމަށް އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ދާދިފަހުން އެ ކްލަބުން ވަނީ ސްޓޭޑިއަމްގެ ޖާގަ އިތުރު ކުރުމާއި ގުޅޭގޮތުން ތައްޔާރުކުރި 5000 ލީފްލެޓް ބަހާފަ އެވެ. އަދި، މި މަހުގެ 30 ވަނަ ދުވަހު އެންފިލްޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި މިކަމުގެ މައުލޫމާތު ދިނުމަށް ސްޓޭންޑްތަކެއް ބެހެއްޓުމަށް ވެސް ކްލަބުން ވަނީ ނިންމައިފަ އެވެ.

ސަޕޯޓަރުން އަބަދު ވެސް އެންމެ ފޯރިނަގާ އެންފިލްޑް ސްޓޭޑިއަމް ރަސްމީކޮށް ހުޅުވާފައިވަނީ 1884 ވަނަ އަހަރު އެވެ. އޭރު ގާތްގަނޑަކަށް 20،000 ސަޕޯޓަރުންގެ ޖާގައިގެ މި ސްޓޭޑިއަމް ފުރަތަމަ ބޭނުންކުރަމުން ދިޔައީ ވާދަވެރި ކްލަބް އެވަޓަން އިންނެވެ. އޭގެ ފަހުން ލިވަޕޫލްގެ ދަނޑުގެ ގޮތުގައި އެންފިލްޑް ހަމަޖެހި އެ ކްލަބުން މި ދަނޑު ބޭނުންކުރަން ފެށީ 1892 ވަނަ އަހަރު އެވެ.

ލިވަޕޫލުން ދަނޑު ބޭނުންކުރަށް ފެށުމަށް ފަހު އެންމެ ފުރަތަމަ ދަނޑަށް ބަދަލުގެނައީ 1928 ވަނަ އަހަރު އެވެ. އެ އަހަރު ސްޓޭޑިއަމަށް އިތުރު ދިހަ ހާސް ޖާގަ ވަނީ އިތުރު ކޮށްފަ އެވެ. އޭގެފަހުން އެ ކްލަބުން ވަނީ 1970 އިން ފެށިގެން 1990 ގެ އަހަރުތަކާއި ހަމައަށް ދަނޑުގެ ޑިޒައިނަކަށް ބަދަލުތައް ގެނެސްފަ އެވެ. އޭގެތެރޭގައި ސީޓިން އެރޭންޖްމަންޓާއި އެންފިލްޑް ރޯޑާއި ކެމްލީން ރޯޑް (ސެންޓަރަނީ) އަދި މެއިން ސްޓޭޑް ވަނީ ތަރައްގީކޮށްފަ އެވެ. އެ ބަދަލުތަކާއެކު ދަނޑުގެ ޖާގަ ވެސް ވަނީ 45،000 ސަޕޯޓަރުންނަށް ވަދެވޭގޮތަށް ބޮޑުކޮށްފަ އެވެ. ނުވަދިހައިގެ އަހަރުތަކަށް ފަހު ދަނޑަށް މިހާރު ވަދެވޭ 54 ހާސް މީހުންގެ ޖާގައަށް ބޮޑުކުރީ 2016 ވަނަ އަހަރު އެވެ.

އަހަރުތަކަކަށް ފަހު ލިވަޕޫލުން މިހާރު އަންނަނީ ޔޫރަޕްގެ ފުޓްބޯޅަ އާއި އިނގިރޭސި ފުޓްބޯޅައިގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ދެ ސީޒަނުގައި އެ ކްލަބުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރިއިރު މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ ފުރުސަތު ވެސް އެޓީމަށް ވަނީ ފަހިވެފަ އެވެ. އިނގިރޭސި ލީގު ނުލިބޭތާ 30 އަހަރު ވެފައިވާ ލިވަޕޫލަށް އެ ތަށީގައި އަތްލާން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މިދިޔަ ސީޒަނުގަ އެވެ. އެކަމަކު 97 ޕޮއިންޓް ހޯދި ނަމަވެސް މެންޗެސްޓަރ ސިޓީގެ ފަހަތުން އެޓީމަށް ލިބުނީ ދެ ވަނަ އެވެ. މި ސީޒަނުގައި އެ ކްލަބުގެ މޮޅު ކުޅުން ތަކުރާރު ކުރަމުން އަންނައިރު މިހާރު އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެޓީމުން ހޯދާ ކާމީޔާބީތަކުގައި އަބަދުވެސް އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ސަޕޯޓަރުންނެވެ. އެހެންވެ ސްޓޭޑިއަމަށް އިތުރު ކުރެވޭ ޖާގައާ އެކު ދަނޑަށް ވަދެވޭ ސަޕޯޓަރުންގެ އަދަދު އިތުރުވެ އެ ކްލަބުގެ ކުރިމަގަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *