ނަބާހާ އަށް ތިން ހަފްތާ އިން އަށް ރަން މެޑަލް
ރާއްޖޭގެ ބެޑްމިންޓަންގެ ވާހަކައާއެކު ގިނަ ބައެއްގެ ހިތަށް އެންމެ އަވަހަށް އަންނާނެ އެއް ވާހަކައަކީ މިފަހަކަށް އައިސް އެ ކުޅިވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ އެއް މާބަނޑު ދެބެންގެ ވާހަކަކަން ޔަގީނެވެ. ގައުމީ ފެންވަރުގައި ބޭއްވޭ މުބާރާތްތަކުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް އެ ދެބެއިން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. ދިވެހިންގެ ގިނަ ބަޔަކަށް މިދެބެއިން އެންމެ ބޮޑަށް ފާހަގަވީ މިއަހަރުގެ ޖުލައި މަހު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ދެބެއިން ހޯދި ކާމިޔާބާއި ގުޅިގެންނެވެ. މި ދެކުޅުންތެރިން އެ މުބާރާތުގެ އަންހެން ޑަބަލްސް ކެޓަގަރީން ރިހި މެޑަލް ހޯދިއިރު އޭގެ ތެރެއިން އާމިނަތު ނަބީހާ އަބްދުއްރައްޒާގް ވަނީ ސިންގަލްސް ކެޓަގަރީން ރަން މެޑަލް އަތުލައި ތާރީހުން ޖާގަ ހޯދައިފަ އެވެ. އެކަމަކު މިފަހަރު ދައްކަން މިއުޅެނީ ނަބީހާގެ ދައްތަ ފާތިމަތު ނަބާހާ އަބްދުއްރައްޒާގްގެ ވާހަކަ އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަނަށް އުއްމީދުކުރި ނަބާހާ އަށް ރިހި މެޑަލްއާ އެކު މުބާރާތް ނިންމާލަން ޖެހުމާއެކު ކުރިމަތިވި މާޔޫސްކަމާ އެކު ވެސް 21 އަހަރުގެ މި ކުޅުންތެރިޔާގެ ހިތްވަރަށް ބަދަލެއް އައިތަނެއް ނުފެނުނެވެ. މިވޭތުވެދިޔަ ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނަބާހާ ހޯދި ކާމިޔާބީތަކުން ކިތަންމެ ރަގަޅަކަށް ވެސް އެކަން ސާބިތުކޮށްދެ އެވެ. އެންމެ ފުރަތަމަ މިދިޔަ މަހު ނިމުނު ގައުމީ ބެޑްމިންޓަން މުބާރާތުން ފަށަމާ ހިނގާށެވެ. އެ މުބާރާތުގެ އޯޕަން ކެޓަގަރީގެ ފައިނަލް މެޗްތައް އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ކުޅިވަރު އެކުވެނީގެ އިންޑޯ ހޯލްގައި ކުޅުނު އިރު އޭގެ ތެރެއިން ތިން ފައިނަލެއްގައި ނަބާހާ ވާދަކުރި އެވެ. އަންހެން ސިންގަލްސްގެ އިތުރުން އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ފައިނަލް އެއް ދުވަހެއްގައި ކުޅެން ޖެހުނު ނަމަވެސް ނަބާހާގެ ފަރާތުން ފެނުނީ އާދަޔާހިލާފް ހިތްވަރެކެވެ. ނަތީޖާއަކަށްވީ ތިން އިވެންޓުންވެސް ރަން މެޑަލް ހާސިލްކޮށް 46 އަހަރުގެ ދިގު ތާރީހެއް އޮތް ގައުމީ ބެޑްމިންޓަން މުބާރާތުގައި މަދު ކުޅުންތެރިއަކަށް ނޫނީ ހާސިލްކުރެވިފައި ނުވާވަރުގެ ކާމިޔާބެއް ނަބާހާ ހޯދުމެވެ.
ގައުމީ މުބާރާތުން ނަބާހާއަށް ލިބުނު ބޮޑު އިތުބާރާއެކު އޭނާ ދެން ކުރިމަތިލީ މި މަހުގެ ކުރީކޮޅު ޕާކިސްތާނުގައި އޮތް ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތަކާއެވެ. ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ ބީޑަބްލިއުއެފް ގަބޫލްކުރާ މި މުބާރާތުން ނަބާހާ އޭނާގެ ކޮއްކޮ ނަބީހާއާ އެކު އަންހެން ޑަބަލްސް އިވެންޓްގައި ވާދަކޮށް ރަން މެޑަލް ހޯދުމުގެ އިތުރުން މިކްސް ޑަބަލްސް އިވެންޓްގައި ރާއްޖޭގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީއާ އެކު ކުޅެ އެ އިވެންޓުންވެސް ރަން މެޑަލް ހޯދި އެވެ. މިއީ ރާއްޖޭގެ ކުޅުންތެރިން ބީޑަބްލިއުއެފް ގަބޫލްކުރާ މުބާރާތަކުން ރަން މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ.
ޕާކިސްތާނުގެ މުބާރާތުން ލިބުނު ބޮޑު ކާމިޔާބީގެ ތާޒާކަން ނުކެނޑެނީސް ނަބާހާގެ މެޑަލް ހަރުގަނޑަށް އަނެއްކާވެސް ބާރުބޮޑުވީ މިދިޔަ ބުދަ ދުވަހު ނިމުނު ލިޓަސް ބީއޭއެމް ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕުން ހޯދި މެޑަލްތަކާ އެކު އެވެ. މުޅިން އަލަށް މިއަހަރު ފެށި އެ މުބާރާތުގެ ފައިނަލް މެޗްތައް އޮތް ދުވަސް ނަބާހާއަށްވީ އޭގެ ތިން ހަފްތާ ކުރިން ހަމަ އެ ހޯލްގައި ނިމުނު ގައުމީ މުބާރާތުގެ އެންމެ ފަހު ދުވަހުގެ ރިޕީޓަކަށެވެ. މުބާރާތުގެ އަންހެން ސިންގަލްސްގެ އިތުރުން އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ފައިނަލް ކާމިޔާބުކޮށް ގާތްގަނޑަކަށް ތިން ހަފްތާގެ ތެރޭގައި ނަބާހާ ހޯދި ރަން މެޑަލްގެ އަދަދު އަށަކަށް އެރުވި އެވެ. މިއީ އަންނަ މަހު ކުރީކޮޅު ނޭޕާލްގައި ފަށާ ސައުތު އޭޝިއަން ގޭމްސްގައި ވެސް ވާދަކުރާ ނަބާހާއަށް މުބާރާތުން ރަނގަޅު ކާމިޔާބެއް ހޯދަން ލިބޭނެ ބޮޑު ހިތްވަރަކަށް ވާނެ ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ ވެސް އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ނަބާހާގެ ގިނަ ކާމިޔާބީތަކުގައި އޭނާގެ ކޮއްކޮ ނަބީހާގެ ހިއްސާ ބޮޑެވެ. ހާއްސަ ގޮތެއްގައި ބައިނަލްއަގްވާމީ މުބާރާތްތަކުން މިވޭދުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނަބާހާ ހޯދި ގިނަ ކާމިޔާބީތަކަކީ ދެބެއިން އެކުގައި ވާދަކޮށްގެން ހޯދި ކާމިޔާބީތަކެވެ. މިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގައި އޮތް ދެކުނު އޭޝިޔާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެންސް ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދުމުގެ އިތުރުން މިދިޔަ އަހަރުގެ ޖޫން މަހު މޮރިޝަސްގައި އޮތް މޮރިޝަސް ބެޑްމިންޓަން ސީރީޒްގެ ވިމެންސް ޑަބަލްސް އިވެންޓުން ނަބާހާގެ ޕެއާ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އޭގެ ކުރިން 2017 ވަނަ އަހަރު އިންޑިއާ ގައި އޮތް ދެކުނު އޭޝިޔާގެ ޔޫތު މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާހާގެ ޕެއާ ހޯދި ރިހި މެޑަލަކީ ވެސް އެހާ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
Advertisement
Leave a Reply