ކުރިން ހެދިކަހަލަ ގޯހެއް ދެން ނުހަދާނަން: މޮރީނިއޯ

Advertisement

ކުރިން ހެދިކަހަލަ ގޯހެއް ދެން ނުހަދާނަން: މޮރީނިއޯ

ޢަލީ ޝަހީމް
ޓޮޓެންހަމްގެ ކޯޗުގެ ގޮތުގައި ފުރަތަމަ ފަހަރަށް މޮރީނިއޯ މީޑިއާއާ ވާހަކަދައްކަނީ

ކޯޗިން ކެރިއަރގައި މީގެކުރިން ހެދި ގޯސްތައް ދެން ތަކުރާރު ނުކުރާނެ ކަމަށް އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްއާ މިދިޔަ ބުދަ ދުވަހު ހަވާލުވި މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ ފަސް އަހަރު ދުވަހު އެ ކްލަބަށް އިރުޝާދުދީ ކްލަބަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިން ކޯޗު މައުރީސިއޯ ޕޮޗެޓީނޯ މަގާމުން ވަކިކުރުމުންނެވެ. ޕޮޗެޓީނޯ ވަކިކުރިތާ އެއްދުވަސް ނުވަނީސް ޓޮޓެންހަމުން ވަނީ މޮރީނިއޯ އެ ކްލަބާއި ގުޅުނުކަން އިއުލާންކޮށްފަ އެވެ. ޓޮޓެންހަމްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވީ 11 މަސްދުވަހުގެ ބްރޭކަކަށް ފަހު އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރުމުން ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ މޮރީނިއޯއަށް ވަނީ ޗައިނާ އާއި ސްޕެއިން އަދި ޕޯޗުގަލުން ވެސް ފުރުސަތު ލިބިފަ އެވެ. އެކަމަކު އެ ފުރުސަތުތަކަށް މޮރީނިއޯ ވަނީ ނޫނެކޭ ބުނެފަ އެވެ. އޭގެ ބަދަލުގައި މޮރީނިއޯ މިދިޔަ ދުވަސްތަކުގައި ފެނުނީ ޓީވީ އެނަލިސްޓެއްގެ ގޮތުގަ އެވެ.

“އަހަރެންނަށް އެނގޭ ހެދުނު ގޯސްތައް އަދި އަހަރެން ދެން ހަމަ އެ ގޯސްތަކެއް ނުހަދާނަން. ކުރިން ނުހަދާ ގޯހެއް ހެދިދާނެ. ޔަގީނުން ވެސް ކުރިން ހެދި ގޯހެއް ދެން ނުހަދާނަން” ކޯޗެއްގެ ގޮތުގައި 25 ތަށި އުފުލާލާފައިވާ ކޯޗު ބުންޏެވެ.

ޕޯޗުގަލަށް އުފަން އުމުރުން 56 އަހަރުގެ މޮރީނިއޯ މިގޮތަށް ބުނި ނަމަވެސް އޭނާއަށް ހެދުނު ގޯސް ވަކި ކަމަކަށް އިޝާރާތް ކޮށްފައެއްނުވެ އެވެ. މިދިޔަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރިއިރު އެޓީމު އޮތީ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެ 19 ޕޮއިންޓް ފަހަތުގަ އެވެ. ޔުނައިޓެޑުން މޮރީނިއޯ ވަކިކުރިއިރު ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވި އެވެ. އެއް ބަޔަކު މޮރީނިއޯގެ ޑިފެންސިވް ފުޓްބޯޅައަށް ފާޑުކީއިރު ކުޅުންތެރިންނާ މޮރީނިއޯއާ ދެމެދު މައްސަލަ އުފެދުމުން ވެސް އޭނާގެ މަގްބޫލުކަން ޔުނައިޓެޑްގައި ފަނޑުވި އެވެ. ހާއްސަކޮށް ޕައުލް ޕޮގްބާއާ މައްސަލަޖެހި މޮރީނިއޯ ވަނީ ފުރަތަމަ އެގާރައިން ވެސް ގިނަ މެޗުތަކެއްގައި ޕޮގްބާ ބާކީކޮށްފަ އެވެ.

“އަހަރެންނަށް ކާމިޔާބު ނުލިބެންޏާ އުފަލަކު ނުހުރެވޭނެ އަދި އެކަން އަހަރެންނަށް ބަދަލެއް ވެސް ނުކުރެވޭނެ. ކާމިޔާބީ ހޯދުމަކީ އަހަރެންގެ ޑީއެންއޭ” ކުރިން ޗެލްސީ އަށް ދެ ފަހަރެއްގެ މަތީން އިރުޝާދުދީ އެ ކްލަބަށް ތިން ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

މޮރީނިއޯ ބުނީ ޓޮޓެންހަމްގެ ޓީމަށް ބަދަލެއް ގެނެވޭނެކަމަށް އުއްމީދުކުރާ ކަމަށާއި މެޗުތަކުން ބަލިވެގެން ކާމިޔާބަށް ދާން އުނދަގޫ ވާނެކަމަށެވެ.

މޮރީނިއޯ ކޯޗެއްގެ ގޮތުގައި މަޝްހޫރުކަން ހޯދީ 2004 ވަނަ އަހަރު ޕޯޓޯއަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ހިސާބުންނެވެ. ޕޯޓޯގެ އިތުރުން މޮރީނިއޯ ވަނީ 2010 ވަނަ އަހަރު އިންޓަ މިލާނާއެކު ވެސް ޗެމްޕިއަންސް ލީގު ހޯދާފަ އެވެ. އެކަމަކު ރެއާލް މެޑްރިޑާއި، ޗެލްސީ އަދި ޔުނައިޓެޑްގައި މޮރީނިއޯއަށް ޗެމްޕިއަންސް ލީގު ހޯދިފައެއްނުވެ އެވެ. އެހެންނަމަވެސް ރެއާލަށް ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްދިން އިރު ޔުނައިޓެޑާއެކު މޮރީނިއޯ ވަނީ ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. މި ކްލަބްތަކުގައި މޮރީނިއޯ ހޭދަކުރި މުއްދަތުގައި ބޮޑު އަގުގައި ބައެއް ކުޅުންތެރިން ގެނެސް ކްލަބްތައް ވަނީ ވަރުގަދަކޮށްފަ އެވެ. ޔުނައިޓެޑްގައި ހޭދަކުރި ދެ އަހަރު ދުވަހުގެ މުއްދަތުގައި މޮރީނިއޯ ވަނީ 11 ކުޅުންތެރިއަކަށް 400 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. ޓޮޓެންހަމާ ހަވާލުވުމަށް ފަހު މޮރީނިއޯ ބުނީ އެޓީމުގައި ކުޅުންތެރިން އެބަތިބި ކަމަށާއި އާ ކުޅުންތެރިން ކްލަބަށް ބޭނުންނުވާ ކަމަށެވެ.

“އަހަރެންނަށް އިތުރު ކުޅުންތެރިން ބޭނުމެއް ނުވޭ. ޓީމުގައި މިތިބަ ކުޅުންތެރިން އަހަރެންނަށް ފުދޭ. އެއީ އަހަރެންނަށް ލިބުނު އެންމެ ބޮޑު ހަދިޔާ” ޓޮޓެންހަމްގައި ވަރުގަދަ ސްކޮޑެއް އެބައޮތް ކަމަށް އިޝާރާތް ކުރަމުން މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޓީމުގައި ތިބި ކުޅުންތެރިންނާމެދު އޭނާ ހިތްހަމަ ޖެހުނަސް އެ ކުޅުންތެރިން ދެނެގަންނަން ގިނަ ވަގުތު ހޭދަކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު އެ ކުޅުންތެރިންނާ ދެކޮޅަށް އިދިކޮޅަށް ކުޅެފައިވާތީ ކުޅުންތެރިން އެނގޭކަމަށް ވެސް މޮރީނިއޯ ވަނީ ބުނެފަ އެވެ.

މޮރީނިއޯ ޓޮޓެންހަމާއި ހަވާލުވުމަށް ފަހު ކުރަން އޮތީ އުނދަގޫ މަސައްކަތެކެވެ. ލީގުގައި އެޓީމު މިހާރު 14 ވަނައިގައި އޮތްއިރު ޗެމްޕިއަންސް ލީގަށް ދެވެން އޮތީ ވެސް ނަތީޖާތައް ރަނގަޅުކޮށްގެންނެވެ. މިދިޔަ އަހަރުތަކުގައި ޕޮޗެޓީނޯގެ ކޯޗުކަމުގައި ޓޮޓެންހަމް ވަނީ ލީގަށް ވާދަކުރާ ވަރުގެ ނަތީޖާތައް ނެރެފަ އެވެ. އަދި، ޓޮޓެންހަމްގެ ތާރީހުގައި ފުރަތަމަ ފަހަރަށް މިދިޔަ ސީޒަނުގައި ޓޮޓެންހަމް ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފަ އެވެ.

“މިސީޒަނުގައި އަހަރެމެނަށް ޕްރިމިއާ ލީގެއް ނުހޯދޭނެ. އެކަމަކު ޖެހިގެން އަންނަ ސީޒަނުގައި ކާމިޔާބުކުރެވިދާނެ. އެކަމަކު ކުރާނަމެކޭ ނޫން މިބުނީ. ކުރެވިދާނޭ” އަންނަ ސީޒަނުގައި ޓޮޓެންހަމަށް ލީގު ހޯދިދާނެކަމަށް ގަބޫލުކުރާކަމަށް ބުނެ މޮރީނިއޯ ބުންޏެވެ.

މޮރީނިއޯގެ ކޯޗުކަމުގައި ޓޮޓެންހަމް ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެ އެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 5:30 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *