މާޒިޔާ އެކެޑަމީން ހޯދި ކާމިޔާބީ ފާހަގަކޮށްފި

Advertisement

މާޒިޔާ އެކެޑަމީން ހޯދި ކާމިޔާބީ ފާހަގަކޮށްފި

ޢަލީ ޝަހީމް
މާޒިޔާ އެކެޑަމީގެ ކުޅުންތެރިއަކު ޓްރޮފީއާ ހަވާލުވަނީ. އެ އެކެޑަމީން އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުން. - ފޮޓޯ: މާޒިޔާ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެކެޑަމީން މި އަހަރު ވާދަކުރި މުބާރާތްތަކުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ރޭ ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ. ކުލަގަދަކޮށް މި ހަފްލާ ބާއްވާފައިވަނީ މާފަންނު ޓާފް ދަނޑުގަ އެވެ. މާޒިޔާގެ އެކެޑަމީން ވަނީ ދާދިފަހުން އެފްއޭއެމުން ބޭއްވި ދިރާގު ޔޫތު ލީގުގެ 14 އަހަރާއި 12 އަހަރުން ދަށުގެ ޗެމްޕިއަންކަމުގެ އިތުރުން މިދިޔަ އޮގަސްޓް މަހު އިންޑިއާގެ ޗެންނާއީގައި ބޭއްވި 14 އަހަރުން ދަށުގެ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީ ޔޫތު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އެކެޑަމީ ނައިޓްގައި ނަގާފައިވާ ގްރޫޕް ފޮޓޯއެއް. – ފޮޓޯ: މާޒިޔާ

Advertisement

ރޭ ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ބައްސާމްގެ އިތުރުން މާޒިޔާގެ އިސް ވެރިންނާއި ޔޫތު ޓީމުތަކުގެ ކުޅުންތެރިން އަދި ކުޅިވަރުގެ ބައެއް ފަރާތްތަކާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ވެސް ހަފްލާގައި ވަނީ ބައިވެރިވެފަ އެވެ. ރޭގެ ހަފްލާގައި ވަނީ މާޒިޔާއަށް ޗެމްޕިއަންކަން ހޯދައިދިން ދެ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެވޯޑު ދީފަ އެވެ. މީގެ އިތުރުން ކޯޗުންގެ އެކެޑަމީގެ މަސައްކަތް ފާހަގަކޮށް އެވޯޑު ހަވާލުކޮށްފައިވެ އެވެ. މާޒިޔާއިން ރޭ ވަނީ ކޯޗު އިބްރާހީމް ޝާފިއު (ޝާއްކޮ) އާއި މާޒިޔާގެ އެކެޑަމީގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އެލް މޯލްޑިވްސް އަދި އެފްއޭއެމުން ކުރާ މަސައްކަތް ފާހަގަކޮށް ބައްސާމަށް އަގުވަޒަންކުރުމުގެ އެވޯޑެއް ދީފަ އެވެ.

މާޒިޔާގެ އެކެޑަމީ ނައިޓްގައި ކޯޗު ސެގާޓް. – ފޮޓޯ: މާޒިޔާ

އޮގަސްޓް މަހު އިންޑިއާގައި އޮތް ޔޫތު މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމު ހޯދީ ފައިނަލުގައި އެފްއޭ ބެންގަލޫރު 3-1 އިން ބަލިކޮށްގެންނެވެ. ޔޫތު ލީގުގެ ޗެމްޕިއަންކަން މާޒިޔާގެ 12 އަހަރާއި 14 އަހަރުން ދަށުގެ ޓީމު ހޯދީ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ. 14 އަހަރުން ދަށުގެ ލީގުގައި ކުޅުނު ހަތް މެޗު ވެސް ކާމިޔާބުކޮށް މާޒިޔާ ވަނީ 21 ޕޮއިންޓް ހޯދައިފަ އެވެ. އެ އުމުރު ފުރައިގައި ކުޅުނު ހަތް މެޗުގައި 31 ގޯލު ޖެހިއިރު އެޓީމު ކޮޅަށް ވަނީ އެންމެ ގޯލެކެވެ. 12 އަހަރުން ދަށުގައި ވާދަކުރި ނުވަ އެކެޑަމީގެ މައްޗަށް މާޒިޔާއިން މޮޅު ކުޅުމެއް ދައްކައި ކުރި ހޯދިއިރު، 44 ގޯލު ޖަހައި ބައިކޮޅަށް ވަނީ ހަތަރު ގޯލު ވަދެފަ އެވެ. ޔޫތު މުބާރާތްތަކުގައި މި އަހަރު ހޯދި ބޮޑު ކާމިޔާބީއަށް ފަހު އަންނަ މަހު ތައިލެންޑުގައި އޮންނަ ޔޫތު ފުޓްބޯޅަ މުބާރާތެއްގައި ވެސް މާޒިޔާ އެކެޑަމީން ވަނީ ވާދަކުރަން ނިންމައިފަ އެވެ.

މާޒިޔާ އެކެޑަމީގެ މެއިން ސްޕޮންސަރ، އެލް މޯލްޑިވްސްގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވަނީ. – ފޮޓޯ: މާޒިޔާ

މާޒިޔާ އަކީ ރާއްޖޭގައި އެންމެ ހަރުދަނާކަމާއެކު ހިންގާ ކްލަބެވެ. އެ ކްލަބުގެ ޔޫތު ޓީމުތަކުން ފެށިގެން ސީނިއާ ޓީމު ވެސް ފާހަގަކުރެވެނީ އެއް ފެންވަރެއްގައި ވާދަކުރާ ޓީމެއްގެ ގޮތުގަ އެވެ. ރޭގެ ހަފްލާގައި މާޒިޔާގެ ވައިސް ޗެއާމަން އިބްރާހީމް ވަހީދު ވަނީ ކްލަބުގެ ޗެއާމަނަށާއި އެކި ގޮތްގޮތުން މާޒިޔާއަށް އެހީތެރިވެދޭ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. ވަހީދު ވިދާޅީ މާޒިޔާގެ މި ކާމިޔާބަކީ މުޅި ގައުމަށް ލިބޭ ކުރިއެރުމެއް ކަމަށާއި އެ ކްލަބުގެ ކުރިއެރުމުގައި އެފްއޭއެމުން ލިބޭ އެހީތެރިކަން ވެސް ފާހަގަކުރާ ކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *