ލޯ މެޑަލްއާ އެކު އިބޫ އޭޝިއާ މުބާރާތުގެ ތާރީހުގެ ތެރެއަށް

Advertisement

ލޯ މެޑަލްއާ އެކު އިބޫ އޭޝިއާ މުބާރާތުގެ ތާރީހުގެ ތެރެއަށް

ޢަލީ ޝަހީމް
މުބާރާތުގައި ވާދަކުރި ރާއްޖޭގެ ސާފިން ޓީމް. - ފޮޓޯ: މޯލްޑިވްސް ސާފިން އެސޯސިއޭޝަން

ޗައިނާގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދައި މުބާރާތުގެ ތާރީހުން ޖާގަ ހޯދައިފި އެވެ. މިއީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވި ރާޅާއެޅުމުގެ ފުރަތަމަ މުބާރާތެވެ.

މި ކާމިޔާބާ އެކު އިބޫ ވަނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ފުރަތަމަ ފަހަރަށް ބޭއްވި މުބާރާތުގެ ބްރޯންޒް މެޑަލް ހާސިލްކުރި ރާޅާއެޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. އިބޫ ބްރޯންޒް މެޑަލް ހޯދާފައިމިވަނީ އޯޕަން ޝޯޓްބޯޑް ކެޓަގެރީގައި ވާދަކޮށްގެންނެވެ. އިބޫގެ އިތުރުން މުބާރާތުގެ ފައިނަލް ހީޓުގައި ރާއްޖޭގެ އިސްމާއީލް ރަޝީދު (ސްމައިލީ) ވެސް މިއަދު ވަނީ ވާދަކޮށްފަ އެވެ. މުބާރާތުން ސްމައިލީއަށް ލިބުނީ ހަތަރު ވަނަ އެވެ. މި މުބާރާތުގެ އެއް ވަނަ އަދި ދެ ވަނަ ވެސް ހޯދީ ޖަޕާނުގެ ރާޅާއެޅުންތެރިންނެވެ.

މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ދެ ރާޅާއެޅުންތެރިން ދަތުރުކުރި އިރު ސްމައިލީ އަށް އެ ފުރުސަތު ލިބުނީ ސެމީ ފައިނަލްގެ ފުރަތަމަ ހީޓުން ދެ ވަނަ ހޯދައިގެންނެވެ. އިބޫ ވާދަކޮށްފައިވަނީ ސެމީ ފައިނަލްގެ ދެ ވަނަ ހީޓްގަ އެވެ. މުބާރާތުގެ ފައިނަލުން ސްމައިލީ އާއި އިބޫ ޖާގަ ހޯދީ ދެ ހީޓްގައިވެސް ޖަޕާން އަދި ޗައިނާގެ އިތުރުން ސްރީ ލަންކާގެ ރާޅާއެޅުންތެރިންނާއި ވާދަކޮށްގެންނެވެ. މި ދެ ހީޓުން ވެސް އެއް ވަނަ ހޯދީ ޖަޕާންގެ ރާޅާއެޅުންތެރިންނެވެ. ޖަޕާނަކީ ދުނިޔޭގެ ސާފިން ރޭންކިންގެ ތިން ވަނައިގައި އޮތް ގައުމެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ރާޅާއެޅުންތެރިން ބައިވެރިވި ބައިނަލްއަގްވާމީ ދެ ވަނަ މުބާރާތެވެ. ރާއްޖޭގެ ރާޅާއެޅުންތެރިން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ޖަޕާނުގައި އޮތް ވޯލްޑް ސާފިންގް ގޭމްސްގައިވެސް ބައިވެރިވެފަ އެވެ. އިބޫ އާއި ސްމައިލީ ވަނީ ޖަޕާނުގައި އޮތް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.

އިބޫ އާއި ސްމައިލީގެ އިތުރުން ރާޅާއެޅުންތެރިޔާ އަހުމަދު އާގިލް ވެސް ވަނީ މުބާރާތުގައި ވާދަކުރުމަށް ގޮސްފަ އެވެ. ރާއްޖޭގެ ރާޅާއެޅުންތެރިން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު މެނޭޖަރަކީ އިބްރާހީމް ނަޝާލް ނާސިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *