ނަބާހާ އާއި ޒަޔާން ބެޑްމިންޓަން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފި
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މުޅިން އަލަށް ބޭއްވި ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ހޯދިއިރު ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހުސައިން ޒަޔާން ޒަކީ ހޯދައިފި އެވެ. ސިންގަލްސް ބައިގެ އިތުރުން އިއްޔެ ވަނީ ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލްތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
މިފަހަރުގެ މުބާރާތުގައި ވެސް އެންމެ ކާމިޔާބު ކުޅުންތެރިއަކީ މިދިޔަ މަހުގެ ފަހުކޮޅު ނިމުނު ގައުމީ ބެޑްމިންޓަން މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ނަބާހާ އެވެ. މި މުބާރާތުގައި ވެސް ނަބާހާ ވަނީ ސިންގަލްސް ޗެމްޕިއަންކަމުގެ އިތުރުން އޭނާ ހިމެނުނު ޕެއާއިން ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އަންހެން ސިންގަލްސް ޗެމްޕިއަންކަން ނަބާހާ ހޯދީ ފައިނަލުގައި ނީލާ ނަޖީބު 21-14، 21-14 އިން ބަލިކޮށްގެންނެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ނަބާހާގެ އެއްމާބަނޑު ކޮއްކޮ އައިމިނަތު ނަބީހާ އަބްދުއްރައްޒާގް ސެމީ ފައިނަލުގައި ބަލިކޮށްގެންނެވެ. ނަބާހާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ އައިމިނަތު ޝަހުރުނާޒް މޫސާގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.
ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޒަޔާން ހޯދީ ފައިނަލުގައި ޒުވާން ކުޅުންތެރިޔާ ނިބާލް އަހުމަދު ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. ޒަޔާން މި މެޗު ކާމިޔާބުކުރީ ފުރަތަމަ ސެޓު 21-16 އިން ބަލިވެފައިވަނިކޮށެވެ. ދެ ވަނަ ސެޓާއި ތިން ވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް މި ސެޓުތައް ޒަޔާން ކާމިޔާބުކުރީ 21-13 އަދި 21-10 އިންނެވެ. ފިރިހެން ސިންގަލްސް ބައިގެ ތިން ވަނަ ލިބުނީ މުހައްމަދު އާކިފް އާއި އަހުމަދު ތޯއިފް މުހައްމަދަށެވެ. މިފަހަރުގެ މުބާރާތުގައި އެންމެ ފަހުގެ ގައުމީ ޗެމްޕިއަންކަން ހޯދި މުހައްމަދު އަޖުފާން އަނިޔާގެ ސަބަބުން ވާދަކޮށްފައެއްނުވެ އެވެ. އަޖުފާން ވަނީ ގައުމީ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދައިފަ އެވެ. އަޖުފާން މިހާރު ތައްޔާރުވުމުން އަންނަނީ އަނިޔާއިން ރަނގަޅުވެ އަންނަ މަހު ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމަށެވެ.
މުބާރާތުގެ އަންހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ ނަބާހާ އާއި ނަބީހާގެ ޕެއާ އެވެ. އަންހެން ޑަބަލްސްގެ ގައުމީ ޗެމްޕިއަންކަން ވެސް ހޯދި މި ޕެއާ ފައިނަލުގައި ވާދަކުރީ މާޝާ ރަޝީދު އާއި އައިމިނަތު އަލީގެ ޕެއާއާ އެވެ. ސީދާ ދެ ސެޓުން ކާމިޔާބުކުރި މެޗުގައި ނަބާހާ އާއި ނަބީހާގެ ޕެއާ މޮޅުވީ 21-11 އަދި 21-10 އިންނެވެ. އަންހެން ޑަބަލްސް ބައިގެ ތިން ވަނަ ލިބުނީ އައިޝަތު ލިމްޔާ އައި ފާތިމަތު ނިޝްފާ އަލީގެ ޕެއާ އާއި އައިމިނަތު ނަސީމާ އަދި ރާބިޔާ ނައީމްގެ ޕެއާއަށެވެ.
ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ފައިނަލުގައި ތޯއިފް އާއި ޒަޔާންގެ ޕެއާ ދެ ސެޓުން ބަލިކޮށް ކާމިޔާބުކުރީ ހަސަން އަފްޝީން ޝަހީމް އަދި މުހައްމަދު ހިޝާމް ލަތީފްގެ ޕެއާ އެވެ. މެޗުގެ ފުރަތަމަ ސެޓު ޗެމްޕިއަންކަން ހޯދި ޕެއާއިން 21-19 އިން ގެންދިޔައިރު ދެ ވަނަ ސެޓު ގެންދިޔައީ 21-13 އިންނެވެ. މި ބައިގެ ތިން ވަނަ ލިބުނީ އައްފާން އަލީ އަދި އިބްރާހީމް ރާސިއު އާދަމްގެ ޕެއާ އާއި އަހުމަދު ވަސީމް އަދި ރިޝްވާން ޝިޔާމްގެ ޕެއާއަށެވެ.
މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ގައުމީ މުބާރާތުގައި ވެސް މި އިވެންޓުގެ ޗެމްޕިއަންކަން ހޯދި ނަބާހާ އާއި ޒަޔާންގެ ޕެއާ އެވެ. ފައިނަލުގައި މި ދެކުޅުންތެރިން ވަނީ ނިބާލް އާއި މައިސާ ފަތުހުﷲގެ ޕެއާ ދެ ސެޓުން ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ނިމުނީ 21-17 އަދި 21-16 އިންނެވެ. މިކްސް ޑަބަލްސް ބައިގެ ސެމީ ފައިނަލުގައި ބަލިވީ ރިޝްވާން ޝިޔާމް އަދި ޝަހުރުނާޒްގެ ޕެއާ އާއި އަލީ މުއާޒް އަދި ނަސީމާގެ ޕެއާ އެވެ.
Advertisement
Leave a Reply