އިބޫ އާއި ސްމައިލީ އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕްގެ ފައިނަލަށް
ޗައިނާގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖޭގެ އެންމެ ކާމިޔާބު ދެ ރާޅާއެޅުންތެރިން ކަމަށްވާ އިސްމާއިލް ރަޝީދު (ސްމައިލީ) އާއި ހުސައިން އަރީފް (އިބޫ) ދަތުރުކޮށްފިއެވެ. މުބާރާތުގެ ފައިނަލުން ސްމައިލީ އާއި އިބޫ ޖާގަ ހޯދައިފައި މިވަނީ މިއަދު ހެނދުނު އޮތް ސެމީ ފައިނަލްގެ ހީޓްތަކުން ދެވަނަ ހޯދައިގެންނެވެ.
އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ބޭއްވޭ ފުރަތަމަ ރާޅާއެޅުމުގެ މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ދެ ރާޅާއެޅުންތެރިން ދަތުރުކުރި އިރު ސްމައިލީ އަށް އެ ފުރުސަތު ލިބުނީ ސެމީ ފައިނަލްގެ ފުރަތަމަ ހީޓްން ދެވަނަ ހޯދައިގެންނެވެ. އިބޫ ވާދަކޮށްފައިވަނީ ސެމީ ފައިނަލްގެ ދެވަނަ ހީޓްގައެވެ. މުބާރާތުގެ ފައިނަލުން ސްމައިލީ އާއި އިބޫ ޖާގަ ހޯދީ ދެ ހީޓްގައިވެސް ޖަޕާން އަދި ޗައިނާގެ އިތުރުން ސްރީލަންކާގެ ރާޅާއެޅުންތެރިންނާއި ވާދަކޮށްގެންނެވެ. މި ދެ ހީޓުންވެސް އެއް ވަނަ ހޯދީ ޖަޕާންގެ ރާޅާއެޅުންތެރިންނެވެ. ޖަޕާނަކީ ދުނިޔޭގެ ސާފިންގް ރޭންކިންގްގެ ތިން ވަނައިގައި އޮތް ގައުމެވެ. މުބާރާތުގެ ފައިނަލް މިއަދު ހެނދުނު ކުރިއަށްދާނެއެވެ.
އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ބައިނަލްއަގްވާމީ ދެވަނަ މުބާރާތެވެ. ރާއްޖޭގެ ރާޅާއެޅުންތެރިން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ޖަޕާނުގައި އޮތް ވޯލްޑް ސާފިންގް ގޭމްސްގައިވެސް ބައިވެރިވެފައެވެ.
Advertisement
Leave a Reply