ޓޮޓެންހަމްގެ ކޯޗަކަށް މޮރީނިއޯ، މިފަހަރު ދާނީ ކިހާވަރަކުން؟

Advertisement

ޓޮޓެންހަމްގެ ކޯޗަކަށް މޮރީނިއޯ، މިފަހަރު ދާނީ ކިހާވަރަކުން؟

ޢަލީ ޝަހީމް

މިދިޔަ ޑިސެމްބަރު މަހު މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުން ވަކިކުރުމުން ކްލަބަކާއި ހަވާލުނުވެ ހުރި މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ. މޮރީނިއޯ ޓޮޓެންހަމްގެ ކޯޗަކަށް މިއަދު ހަމަޖެއްސިއިރު އެޓީމަށް މިދިޔަ ފަސް އަހަރު ދުވަހު އިރުޝާދުދިން މައުރީސިއޯ ޕޮޗެޓީނޯ އެ ކްލަބުގެ ކޯޗުކަމުން ވަކިކުރީ ރެ އެވެ.

ޓޮޓެންހަމާއެކު މޮރީނިއޯ ހެދި އެއްބަސްވުން ހަމަވާނީ 2023 ވަނަ ސީޒަނުގެ ނިޔަލަށެވެ. މިއީ އުމުރުން 56 އަހަރުގެ ޕޯޗުގަލަށް އުފަން ކޯޗު އިނގިރޭސި ޕްރިމިއާ ލީގުގައި ކޯޗުކޮށްދޭނެ ތިން ވަނަ ކްލަބެވެ. މީގެ ކުރިން މޮރީނިއޯ ވަނީ ޗެލްސީގެ ކޯޗެއްގެ ގޮތުގައި ދެ ފަހަރު މަސައްކަތްކޮށް އޭގެފަހުން ޔުނައިޓެޑާ ހަވާލުވެފަ އެވެ.

Advertisement

“މި ޓީމުގެ ސްކޮޑާއި އެކަޑެމީގައި ހުރި ކޮލިޓީ ފެނިފައި އަހަރެން ޝައުގުވެރިވީ” ޓޮޓެންހަމާ ހަވާލުވި ސަބަބުން ހާމަކުރަމުން މޮރީނިއޯ ބުންޏެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވީ އެ ކްލަބުން އޭނާއާއެކު މަޝްވަރާތަށް ކުރިއަށް ގެންދިއުމަށް ފަހު އެވެ. ކްލަބްގެ ޗެއާމަން ޑެނިއެލް ލީ ވިދާޅުވީ މޮރީނިއޯ އަކީ ފުޓްބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކޯޗު ކަމަށާއި، މޮރީނިއޯގެ ތަޖުރިބާއާ އެކު ޓީމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.

ޓޮޓެންހަމްގެ ކޯޗުކަމުން ރޭގެ ވަގުތެއްގައި ޕޮޗެޓީނޯ ވަކިކުރީ މި ސީޒަނުގައި އެ ކްލަބުގެ ފަރާތުން ފެންނަ ދަށް ކުޅުމުގެ ސަބަބުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ލިބުނު 14 ޕޮއިންޓާއެކު ޓޮޓެންހަމް މިވަގުތު އޮތީ ޕްރިމިއާ ލީގުގެ 14 ވަނައިގަ އެވެ. މި ސީޒަނުގައި ޓޮޓެންހަމް ދަށްކޮށް ފެށިނަމަވެސް ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެ ކްލަބް ފެނުނީ އަހަރުން އަހަރަށް ކުރިއެރުން ހޯދަމުން އައިސް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ގަވައިދުން ވާދަކުރާ ޓީމެއްގެ ގޮތުގަ އެވެ. 2014 ވަނަ އަހަރު ޕޮޗެޓީނޯ ޓޮޓެންހަމްގެ ކޯޗުކަމާއި ހަވާލުވިފަހުން ކޮންމެ ސީޒަނެއްގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވިއިރު އެޓީމު ވަނީ ތާރީހުގައި ފުރަތަމަ ފަހަރަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފަ އެވެ. ފައިނަލުގައި ލިވަޕޫލް އަތުން އެޓީމު ބަލިވީ 2-0 އިންނެވެ. ޕޮޗެޓީނޯއާ އެކު ޓީމަށް ކުރިއެރުން ލިބުނު ނަމަވެސް އެ ކްލަބުގެ ސަޕޯޓަރުންނަށް ލިބޭ ނުތަނަވަސްކަމަކީ ތަށްޓެއް ނުލިބުމެވެ. ޓޮޓެންހަމަށް އެންމެ ފަހުން ކާމިޔާބުކުރެވުނު ތަށްޓަކީ 2008 ވަނަ އަހަރުގެ ލީގު ކަޕެވެ. އޭގެފަހުން އެ ކްލަބުން ތަށްޓެއް ހޯދުމާ ގާތަށް ޖެހިލި ނަމަވެސް އަދި ތަށްޓެއްގައި އަތްލެވޭ ގޮތެއްނުވެ އެވެ.

“މޮރީނިއޯ ވަނީ ކޯޗުކޮށްދިން ކޮންމެ ކްލަބެއްގައި ކާމިޔާބީ ހޯދާފަ. އަހަރެމެން ގަބޫލުރާ ގޮތުގައި އޭނާ މި ކްލަބަށް ޖޯޝު ގެނެސްދީ ޓީމަށް އިތުބާރު ހޯދައިދޭނެ” ކޯޗުކަމުގެ މަގާމަށް މޮރީނިއޯ ހަމަޖެއްސުމަށް ފަހު ޗެއާމަން ލިވީ ވިދާޅުވި އެވެ.

ކޯޗެއްގެ ގޮތުގައި މޮރީނިއޯ ވިދާލީ 2004 ވަނަ އަހަރު ޕޯޓޯއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހިސާބުންނެވެ. އެއަށްފަހު ޗެލްސީއަށް ބަދަލުވެ ދެ ފަހަރެއްގެ މަތީން ކޯޗުކޮށްދީ ތިން ޕްރިމިއާ ލީގާއި އެފްއޭ ކަޕް އެ ކްލަބަށް މޮރީނިއޯ ވަނީ ކާމިޔާބުކޮށްދީފަ އެވެ. ޕޯޓޯގެ އިތުރުން މޮރީނިއޯ ވަނީ 2010 ވަނަ އަހަރު އިންޓަ މިލާނާ އެކު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން އެ ސީޒަނުގައި އިޓާލިއަން ލީގުގެ އިތުރުން ލީގު ކަޕް ވެސް މޮރީނިއޯ ވަނީ އިންޓައާ އެކު ހޯދާފަ އެވެ. އިންޓައަށް ފަހު މޮރީނިއޯ ފެނުނީ ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. ރެއާލްގައި ހޭދަކުރި މުއްދަތުގައި މޮރީނިއޯ ވަނީ އެ ކްލަބަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްދީފަ އެވެ. ކާމިޔާބު ކޯޗެއްގެ ޓެގާއެކު މޮރީނިއޯ އެންމެ ފަހުން އިރުޝާދުދިނީ ޔުނައިޓެޑަށެވެ. އެ ކްލަބުގައި ހޭދަކުރި ދެ ސީޒަނާއި ބައިގައި މޮރީނިއޯ ވަނީ ޔޫއެފާ ޔޫރޮޕާ ލީގާއި، ލީގު ކަޕް ހޯދާފަ އެވެ. އެކަމަކު ކްލަބުގެ ބައެއް ކުޅުންތެރިންނާއި މެނޭޖްމަންޓާއި ޖެހުނު މައްސަލަތަކުގައި ޔުނައިޓެޑުން މޮރީނިއޯ މަގާމުން ވަކިކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. ޔުނައިޓެޑުން ވަކިކުރުމުން މޮރީނިއޯ ވަނީ ލަންޑަނަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ މޮރީނިއޯ ފެނުނީ ޓީވީ ޝޯތަކުގައި އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރިތަނެވެ.

ބްރޭކެއްގައި ހުރި މޮރީނިއޯ ހޯދުމަށް މިދިޔަ އަހަރެއްހާ ދުވަހު ޗައިނާ އާއި ސްޕެއިން އަދި ޕޯޗުގަލްގެ ކްލަބްތަކުން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. އެކަމަކު އެ ހުރިހާ ފުރުސަތަކަށް މޮރީނިއޯ ވަނީ ނޫނެކޭ ބުނެފަ އެވެ.

ޓޮޓެންހަމްގެ ކޯޗުކަމާ މޮރީނިއޯ ދިގު މުއްދަތަކަށް ހަވާލުވިއިރު އެ ކްލަބަކީ މިހާރު ޔޫރަޕްގެ ވަރުގަދަ ކްލަބެކެވެ. އެއް ބިލިއަން ޕައުންޑުގެ ހިތްގައިމު ސްޓޭޑިއަމެއް އޮތްއިރު ޕޮޗެޓީނޯއާ އެކު ޖެހިޖެހިގެން ހަތަރު ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރުމާއެކު އެ ކްލަބާމެދު ސަޕޯޓަރުންގެ އުއްމީދުތައް ވެސް ވަނީ މަތިވެފަ އެވެ.

ޓޮނެންހަމްގެ ކޯޗުގެ ގޮތުގައި މޮރީނިއޯގެ ފުރަތަމަ ޓެސްޓަކަށް ވާނީ އަންނަ ހޮނިހިރު ދުވަހު ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 5:30 ގަ އެވެ.

މޮރީނިއޯގެ އެނބުރި އައުމާއެކު ޕްރިމިއާ ލީގުގެ ފޯރި އިތުރަށް ގަދަވީކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. ދެން އޮތީ ޓޮޓެންހަމާ އެކު މޮރީނިއޯ ދާ ހިސާބެއް ބަލަން ތިބުމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *