ފުރިހަމަ މޮޅަކާ އެކު ވޭލްސް ޔޫރޯ އަށް ކޮލިފައިވެއްޖެ

މޮޅުވާން މަޖުބޫރު މެޗުގައި 2-0 އިން ހަންގޭރީ ބަލިކޮށް ވޭލްސް އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދައިފި އެވެ. ވޭލްސްގެ ކާޑިފް ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން މޮޅުވުމުން އެ ގްރޫޕުން ޔޫރޯގެ ޖާގައެއް ހޯދަން މަސައްކަތްކުރި ހަންގޭރީ އާއި ސްލޮވޭކިއާއަށް ވަނީ ކޮލިފައިވުމުގެ ސީދާ ފުރުސަތު ގެއްލި ޕްލޭ އޮފް ބުރުގައި ކުޅެން ޖެހިފަ އެވެ.
ވޭލްސް ހިމެނޭ ގްރޫޕް އީގައި ރޭ އަމިއްލަ ދަނޑުގައި ސްލޮވޭކިއާ ވަނީ 2-0 އިން އަޒަރުބައިޖާން ބަލިކޮށްފަ އެވެ. އެޓީމަށް ޔޫރޯގެ ޖާގައެއް ލިބެން އޮތީ ވޭލްސް އާއި ހަންގޭރީ ވާދަކުރި މެޗު އެއްވަރުވެގެންނެވެ. ގްރޫޕް އީ އިން އެއް ވަނަ ޓީމުގެ ގޮތުގައި ޔޫރޯގެ ޖާގައެއް ކަށަވަރުކުރީ އެންމެ ފަހުގެ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އެވެ. ކްރޮއޭޝިއާ 17 ޕޮއިންޓާއެކު އެއް ވަނަ ކަށަވަރުކުރިއިރު ދެ ވަނަ ޓީމުގެ ގޮތުގައި ކޮލިފައިވި ވޭލްސްއަށް ލިބުނީ 14 ޕޮއިންޓެވެ. ރޭގެ މޮޅާއެކު 13 ޕޮއިންޓް ލިބުނު ސްލޮވޭކިއާ އަށް ތިން ވަނަ ލިބުނުއިރު މެޗުން ބަލިވުމުން 12 ޕޮއިންޓާއެކު ހަންގޭރީއަށް ލިބުނީ ހަތަރު ވަނަ އެވެ. މި ގްރޫޕުގެ ފުލަށް ދިޔައީ އެއް ޕޮއިންޓް ލިބުނު އަޒަރުބައިޖާން އެވެ.
Team of the night goes to ________ ❓#EURO2020 pic.twitter.com/bmN6xCjOda
— UEFA EURO 2024 (@EURO2024) November 19, 2019
ރޭގެ މެޗުގައި ކެޕްޓަން ގަރެތު ބޭލް އާއި އާރޮން ރަމްސީ ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. މިއީ ކޮލިފައިން ބުރުގައި މި ދެކުޅުންތެރިން އެއްކޮށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ހަމައެކަނި މެޗެވެ. އަނިޔާގެ ސަބަބުން ރަމްސޭއަށް ކޮލިފައިންގެ ހަ މެޗު ގެއްލުނުއިރު އޭނާއަށް ކުޅެވުނީ އެންމެ ފަހު ދެ މެޗުގަ އެވެ. ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެ ރަމްސޭ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި މެޗުގައި އެޓީމުގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދީފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ބޭލް ނަގައިދިން ހުރަހަކުން ރަމްސޭ ބޮލުން ލީޑު ނަގައިދިން އިރު ދެ ވަނަ ގޯލަކީ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓުގައި ޖަހައިދިން ގޯލެކެވެ. ޖެހުމަކުން އުފެއްދި ހަމަލާއެއްގައި އޭރިޔާ ތެރޭގައި ހުރި ރަމްސޭއަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލަށް ފޮނުވާލީ ހަމަޖެހިލާފަ އެވެ. މެޗުގައި ވޭލްސް އިން ދެ ގޯލުގެ ލީޑެއް ނެގި ފަހުން ވެސް ރަމްސޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހަންގޭރީގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. އަދި، އޭގެ ފަހުން ޑެން ޖޭމްސް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތީ ކަނާއި ދިމާލުން ބޭރަށެވެ. ދެ ވަނަ ހާފުގައި ކެޕްޓަން ބޭލް ފޮނުވާލި ހިލޭ ޖެހުމެއް ވެސް ގޯލަށް ނުވަނީ ކިރިޔާ އެވެ. ހަންގޭރީއަށް މެޗުގައި މާ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު އެޓީމުން އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ފުރަތަމަ ހާފުގަ އެވެ. އެކަމަކު އެޓީމުން ފުލުފުލުގައި ފޮނުވާލި ދެ ހަމަލާ ވޭލްސްގެ ކީޕަރު ވޭން ހެނެސީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.
މިއީ ބޮޑު މުބާރާތަކަށް ވޭލްސް ކޮލިފައިވި ތިން ވަނަ ފަހަރެވެ. އެޓީމުން އެންމެ ފުރަތަމަ ކުޅުނީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރިއިރު އޭގެ ފަހުން ވޭލްސްއިން ކުޅުނު ބޮޑު މުބާރާތަކީ 2016 ވަނަ އަހަރު އޮތް ޔޫރޯ އެވެ. އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ވޭލްސް ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ސެމީގައި އެޓީމު ބަލިވީ ޗެމްޕިއަން ޕޯޗުގަލް އަތުންނެވެ. ރޭ ޔޫރޯއިން ޖާގަ ހޯދިއިރު މިއީ ބޮޑު މުބާރާތަކަށް ޖެހިޖެހިގެން އެގައުމު ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ކޮލިފައިންގެ ފުރަތަމަ ތިން މެޗުން ތިން ޕޮއިންޓް ލިބުމުން ރަޔަން ގިގްސްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ވޭލްސް ޔޫރޯއަށް ކޮލިފައިވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވި އެވެ. އެކަމަކު އޭގެފަހުން އެޓީމުން ވަނީ އެއްވެސް މެޗަކުން ބަލިނުވެ މުހިއްމު މޮޅުތަކެއް ހޯދައިފަ އެވެ.
ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނެދަލެންޑްސް، ޖަރުމަނު އަދި ބެލްޖިއަމް ވަނީ ބޮޑު މޮޅުތަކެއް ހޯދާފަ އެވެ. ނެދަލެންޑްސް އިން ރޭ 5-0 އިން އެސްޓޯނިއާ ބަލިކުރިއިރު ލިވަޕޫލްގެ މިޑްފީލްޑަރު ޖިނީ ވައިނަލްޑަމް ވަނީ ހެޓްރިކް ހަދައިފަ އެވެ. އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ނޭތަން އަކޭ އާއި މީރޮން ބޯޑޫ އެވެ. ނެދަލެންޑްސް ހިމެނޭ ގްރޫޕުގައި ޖަރުމަނުން ރޭ 6-1 އިން ނޮދަން އަޔަލެންޑް ބަލިކުރިއިރު ބަޔާން މިއުނިކްގެ ފޯވާޑް ސާޖް ގްނެބްރީ ވަނީ ހެޓްރިކް ހަދައިފަ އެވެ. ގްނެބްރީގެ އިތުރުން ލިއޯން ގޮރެޓްޒްކާ ރޭ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖަހައިދިނީ ހޫލިއަން ބްރާންޓް އެވެ. ބެލްޖިއަމުން ރޭ އަމިއްލަ ދަނޑުގައި މޮޅުވީ ސައިޕްރަސް ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 6-1 އިންނެވެ. މެޗުގައި ބެލްޖިއަމުން ޖެހި ހަ ގޯލުގެ ތެރެއިން ކެވިން ޑި ބްރޭނާ އާއި ކްރިސްޓިއަން ބެންޓެކޭ، ދެކުޅުންތެރިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ދެ ގޯލުގެ ތެރެއިން އެއް ގޯލު ސައިޕްރަސް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން އިރު ދެން ގޯލު ޖަހައިދިނީ ފެރެއިރާ-ކަރެސްކޯ އެވެ.
ކޮލިފައިންގެ ބާކީ ހަތަރު ޖާގަ ކަށަވަރުކުރުމަށް ކުޅޭ ޕްލޭ އޮފް މެޗުތައް އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގެ ފަހު ހަފްތާގަ އެވެ. ޕްލޭ އޮފްގައި ވާދަކުރާނީ، ކޮސޯވޯ، ބަލްގޭރިއާ، ސާބިއާ، ނޮދަން އަޔަލެންޑް، ރިޕަބްލިކް އޮފް އަޔަލެންޑް، ޖޯޖިއާ، ސްލޮވޭކިއާ، ހަންގޭރީ، ނޯވޭ، ރޫމޭނިއާ، ނޯތު މެސެޑޯނިއާ، އިސްރާއީލް، އައިސްލެންޑް، ސްކޮޓްލެންޑް އަދި ބޮސްނިއާ އެވެ.
މިހާތަނަށް ޔޫރޯގެ ޖާގަ ކަށަވަރުކޮށްފައިވާ ގައުމުތައް:
އޮސްޓްރިއާ، ބެލްޖިއަމް، ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، ޑެންމާކް، އިންގްލެންޑް، ފިންލެންޑް، ފްރާންސް، ޖަރުމަނު، އިޓަލީ، ނެދަލެންޑްސް، ޕޮލެންޑް، ޕޯޗުގަލް، ރަޝިއާ، ސްޕެއިން، ސްވިޑެން، ސްވިޒަލެންޑް، ތުރުކީ، ޔޫކްރޭން އަދި ވޭލްސް
Advertisement


Leave a Reply