ޓޮޓެންހަމްގެ ކޯޗްކަމުގެ މަގާމުން ޕޮޗެޓީނޯ ވަކިކޮށްފި

Advertisement

ޓޮޓެންހަމްގެ ކޯޗްކަމުގެ މަގާމުން ޕޮޗެޓީނޯ ވަކިކޮށްފި

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗްކަމުގެ މަގާމުން މައުރީސިއޯ ޕޮޗެޓީނޯ ވަކިކޮށްފިއެވެ. މިދިޔަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓޮޓެންހަމް ގެންގޮސްދިން އާޖެންޓީނާގެ ކޯޗް ޕޮޗެޓީނޯ މަގާމުން ވަކިކުރިކަން އެ ކްލަބުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ.

“މިއީ އަހަރެމެންނަށް ނިންމަން ވަރަށް ފަސްޖެހެވުނު ނިންމުމެއް. މިއީ ބޯޑުން އަވަސްއަރުވާލައިގެން ފަސޭހަކަމާއެކު ނިންމި ނިންމުމެއް ނޫން. ޑޮމެސްޓިކް މުބާރާތްތަކުގައި މިދިޔަ ސީޒަންގެ ފަހުކޮޅާއި، މި ސީޒަން ފަށައިގެން މިހާ ހިސާބަށް އައިއިރު ކްލަބުން ހޯދަމުން އައި ނަތީޖާތަކަކީ ދަށް ނަތީޖާތަކެއް. މި އުނދަގޫ ނިންމުން ބޯޑަށް ނިންމަން މަޖްބޫރުވި ސަބަބަކީ އެއީ. ކްލަބާއެކު މީގެ ކުރިން މައުރީސިއޯ ހޯދައިފައިވާ ހަދާނުން ފޮހެލަން ދަތި ކާމިޔާބީތަކަކީ މި ނިންމުން ނިންމަން އިތުރަށް އުނދަގޫވި ސަބަބެއް. އެކަމަކު މިކަން މިކުރީ މިވަގުތު ކްލަބަށް އެންމެ މަސްލަހަތުހުރި ގޮތަކީ މިއީ ކަމަށް ބަލާފައި.” ޓޮޓެންހަމުން ނެރުނު ބަޔާންގައި ކްލަބްގެ ޗެއާމަން ޑެނިއެލް ލެވީ ބުނެފައިވެއެވެ.

މިވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ 14 ވަނައިގައި އޮތް ޓޮޓެންހަމްގެ ކޯޗްކަމުގެ މަގާމަށް އުމުރުން 47 އަހަރުގެ ޕޮޗެޓީނޯ އައްޔަންކުރީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ކޯޗްކަމުގެ މަގާމުން ޕޮޗެޓީނޯ ވަކި ކުރުމާ ގުޅިގެން ދެން އެ މަގާމަށް ހަމަޖައްސާ ފަރާތެއްގެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި  ކްލަބުން ހާމަކުރާނެ ކަމަށް ޓޮޓެންހަމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އެ މަގާމަށް ހަމަޖައްސާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެކަކީ ކުރިން ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑަށް ކޯޗްކޮށްދިން ޕޯޗްގަލްގެ ހޯސޭ މޮރީނިއޯ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ސައުތަމްޕްޓަން އަށްވެސް ކުރިން ކޯޗްކޮށްދިން ޕޮޗެޓީނޯ ޓޮޓެންހަމްގެ ކޯޗްކަމުގައި މިހާތަނަށް ހޭދަކުރި ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މުބާރާތެއްގެ ތަށި އެ ކްލަބަށް ހޯދައިދެވިފައެއް ނުވެއެވެ. އެހެން ނަމަވެސް މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓޮޓެންހަމް ގެންގޮސްދިނުމުގެ އިތުރުން ޕޮޗެޓީނޯ ވަނީ އިނގިރޭސި ލީގްކަޕްގެ ފައިނަލަށް 2015 ވަނަ އަހަރު އެޓީމް ގެންގޮސްދީފައެވެ. މީގެ އިތުރުން ޕްރިމިއާ ލީގުގެ ތިން ވަނަ މަގާމް ދެ ފަހަރު ޓޮޓެންހަމް އަށް ހޯދައިދިނުމުގެ އިތުރުން 2017 ވަނަ އަހަރު ލީގުގެ ދެވަނަ މަގާމް ޕޮޗެޓީނޯ ވަނީ ޓޮޓެންހަމަށް ހޯދައިދީފައެވެ.

ޕޮޗެޓިނޯގެ އިރުޝާދުގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނާ ހަމައަށް ރަގަޅު ވާދައެއް އެޓީމުން ކުރަމުން އައި ނަމަވެސް އެކަން ޓީމްގެ ފަރާތުން މި ސީޒަންގައި ތަކުރާރުވަމުން އަންނަތަން ފެނިފައެއް ނުވެއެވެ. މިހާތަނަށް ލީގުގައި 12 މެޗް ކުޅެފައިވާއިރު އެޓީމަށް އަދި ކާމިޔާބުކުރެވިފައިވަނީ އެންމެ ތިން މެޗެވެ. މީގެ އިތުރުން މިސީޒަންގެ އިނގިރޭސި ލީގު ކަޕުގައި ލީގު 2 ގެ ކްލަބެއް ކަމަށްވާ ކޮލްސެސްޓަރ އަތުން ބަލިވެ މުބާރާތުން ކެޓުމުގެ އިތުރުން ޗެމްޕިއައންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ބަޔާން މިއުނިކާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-7 އިން ޓޮޓެންހަމް ވަނީ ބަލިވެފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *