ގުއާމް އަތުން ރާއްޖެ އަށް މުހިއްމު މޮޅެއް
ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކާމިޔާބުކޮށްފި އެވެ. މިއަދުގެ މެދު ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 3-1 އިންނެވެ. މިއީ ކޮލިފައިންގައި ރާއްޖޭން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ދެ ވަނަ މެޗެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި ވެސް ރާއްޖޭން ވަނީ ގުއާމް ދަނޑުގައި އެޓީމު 1-0 އިން ބަލިކޮށްފަ އެވެ.
މިއަދުގެ މެޗަށް ރާއްޖޭން ނުކުތީ މިދިޔަ ބުރާސްފަތި ދުވަހު ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. ޓީމުގެ ފަހަތުގައި ކުޅޭ ޒުވާން ލެފްޓް ބެކް ހައިޝަމް ހަސަންގެ ބަދަލުގައި އިތުބާރު ޑިފެންޑަރު އަލީ ސަމޫހް (ސަމުއްޓޭ) އަށް ފުރުސަތު ދިންއިރު މެދުތެރޭގައި އައިސަމް އިބްރާހީމްގެ ބަދަލުގައި ކުޅުނީ މިދިޔަ މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނުނު ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ފިލިޕީންސް މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އަލީ ފާސިރު (ސެންޓޭ) އާއި އަސަދުﷲ އަބްދުﷲގެ ބަދަލުގައި މިއަދުގެ މެޗުގައި އެޓޭކް ލައިން ބެލެހެއްޓީ އަލީ އަޝްފާގް (ދަގަނޑޭ) އާއި ފިލިޕީންސް ކޮޅަށް ގޯލު ޖެހި ނާއިޒް ހަސަން (ދާދު) އެވެ. ދަގަނޑޭއާ ދާދުއާއެކު އެޓޭކުގައި ކުޅުނީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި އަހުމަދު ރިޒުވާން (ރިޒޭ) އެވެ. މިއަދު ވެސް ރާއްޖޭގެ ޓީމުގެ ގޯލު ބެލެހެއްޓީ މުހައްމަދު ފައިސަލް އެވެ.
މެޗު ފެށިގެން ރާއްޖޭގެ ޓީމަށް އެންމެ ރަނގަޅަށް ނުކުޅެވުނުއިރު ގުއާމުން ފެނުނީ ގިނަ ޕާސްތަކެއް ދީގެން ކުޅުނުތަނެވެ. ރާއްޖޭގެ ކުޅުންތެރިންނަށް އެންމެ އުނދަގޫވީ ގުއާމުން ފިޒިކަލް ގޭމެއް ކުޅެމުން ދިއުމުންނެވެ. އެޓޭކުގައި ތިބި ކުޅުންތެރިންނަށް ބޯޅަ ދީގެން ހަމަލާ އުފެއްދުމުގައި ފުރަތަމަ ކޮޅު ފެނުނީ ރާއްޖެއަށް ނާކާމިޔާބުވި ތަނެވެ. މެޗު ފެށިގެން ކުރީކޮޅު ދަގަނޑޭގެ ކަނާތު ފަޔަށް އެރި ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެފަހުން ދާދު ފޮނުވާލި ބާރު ހަމަލާވެސް ގޯލާ އަމާޒެއް ނުވި އެވެ. ގުއާމް ކުޅުންތެރިން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ކީޕަރު ފައިސަލަށް ނުރައްކާ ކުރެވިފައެއްނުވެ އެވެ.
ރާއްޖޭން ލީޑު ނެގީ 24 ވަނަ މިނެޓުގައި ދަގަނޑޭ ނަގައިދިން ކޯނަރަކުން ސަމުއްޓޭ ބޮލުން ޖަހައިދިން ގޯލުންނެވެ. ސަމުއްޓޭ މި ގޯލު ޖެހިއިރު ގުއާމްގެ ކުޅުންތެރިއަކާއި ގޯލްކީޕަރު ޑަލަސް ޖާޔޭ އެ ބޯޅަ ހުއްޓުވަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. މިއީ ގައުމީ ޓީމަށް ކުޅެދިން 20 މެޗުގައި ސަމުއްޓޭ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. ސަމުއްޓޭ ގޯލު ޖެހިތާ ފަސް މިނެޓު ފަހުން އޭނާއަށް އަނިޔާވުމުން ބަދަލުގައި ވަނީ ހައިޝަމް ކުޅެން އަރުވައިފަ އެވެ. މެޗުގައި ރާއްޖޭގެ ޓީމުގެ ދެ ވަނަ ގޯލަކީ ހައިޝަމްގެ އެހީގައި ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ 38 ވަނަ މިނެޓުގައި އަރިމަތިން ހައިޝަމް ނަގައިދިން ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި އެ ބޯޅަ ގޯލަށް ވަނީ ގުއާމްގެ ޑިފެންޑަރު ޓްރާވިސް ނިކްލޯގެ ފައިގައި ޖެހިފައި ބައިކޮޅަށެވެ. ދެ ގޯލުގެ ލީޑަކަށް ފަހު ރާއްޖޭން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރިޒޭ ފޮނުވާލި ބޯޅައެއް ކީޕަރު އަތަށް ދިޔައިރު އޭގެ ފަހުން ދަގަނޑޭ އަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އޭރިޔާ ތެރެއިން ހަމްޕު ހުސްކޮށްލާފައި ދަގަނޑޭއަށް ދިން ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލި ނަމަވެސް ދިޔައީ ބޭރަށެވެ.
މެޗުގެ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި އުފެއްދި ފުރަތަމަ ހަމަލާގައި ގުއާމުން ވަނީ ގޯލު ޖަހައިފަ އެވެ. އަރިމަތިން އެޓީމުގެ ކުޅުންތެރިއަކު ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ ޖޯން މަޓްކިން އެވެ. ގުއާމްގެ ގޯލަށް ފަހު ރާއްޖޭގެ ޓީމުގެ ފޭދޫ އިއްބެ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެފަހުން މެޗުގެ 64 ވަނަ މިނެޓުގައި ހަމްޕު ނަގައިދިން ހުރަސް ރިޒޭ ފޮނުވާލުމުން ދިޔައީ ކީޕަރު އަތަށެވެ. ރާއްޖޭން ވަނީ ދެ ވަނަ ހާފުގައި އަނިޔާގެ ސަބަބުން ދާދުގެ ބަދަލުގައި ހަސަން ނަޒީމް (ޗޯޓު) ކުޅެން އަރުވައިފަ އެވެ. ޗޯޓު ވަނީ ގުއާމްގެ ދަނޑުގައި ކުޅުނު މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފަ އެވެ. މި ހާފުގެ ބާކީބައިގައި ގުއާމުން ވަނީ ކުޅުން ރަނގަޅުކޮށް ރާއްޖެއަށް ޕްރެޝަރު ކޮށްފަ އެވެ. މިގޮތުން ގުއާމް ކުޅުންތެރިއަކު ޖެހުމަކުން ފޮނުވާލި ބޯޅައެއްގެ އިތުރުން އޭރިޔާ ތެރެއިން އެޓީމުގެ ކުޅުންތެރިއަކު ބޮލުން ޖެހި ބޯޅައެއް ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފަހު ފަނަރަ މިނެޓުގައި ގުއާމުން ރަނގަޅަށް ކުޅުނުއިރު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ވަނީ ވަރުބަލިކަން ފާހަގަކުރެވިފަ އެވެ. ރާއްޖޭން ވަނީ މެޗުގެ ފަހު 10 މިނެޓަށް ރިޒޭގެ ބަދަލުގައި ސެންޓޭ ކުޅެން އަރުވައިފަ އެވެ. ސެންޓޭ ކުޅެން އެރިތާ މިނެޓެއް ތެރޭ އޭނާއަށް ކުރި ފައުލަކުން ރާއްޖެއަށް ލިބުނު ހިލޭޖެހުން ދަގަނޑޭ ފޮނުވާލުމުން ގުއާމްގެ ކުޅުންތެރިއަކު ވަނީ ބްލޮކްކޮށްފަ އެވެ. މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ގުއާމް ކުޅުންތެރިއަކު ނަގައިދިން ހުރަސް ބޮލުން ފޮނުވާލުމުން ކީޕަރު ފައިސަލް ވަނީ އެބޯޅަ މަތަކޮށްފަ އެވެ. ރާއްޖޭގެ ޓީމުގެ ތިން ވަނަ ގޯލު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޖެހީ ދަގަނޑޭ އެވެ. ބޯޅަ ގޯލަށް ވަނީ އޭރިޔާ ބޭރުން ގުއާމްގެ ކީޕަރު ސާފުކޮށްލި ބޯޅައެއް ދަގަނޑޭގެ ފައިގައި ޖެހިފައި މަތިން ގޮހެވެ.
މިއަދުގެ މޮޅާއެކު ރާއްޖެއަށް ވަނީ ކުޅުނު ފަސް މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ 12 ޕޮއިންޓް ހޯދާފައިވާ ސީރިއާ އެވެ. ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބި އެވެ. ކޮލިފައިންގައި ރާއްޖެއަށް ބާކީ އޮތީ ރަށުން ބޭރުގައި ފިލިޕީންސާ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ގަލޮޅު ދަނޑުގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗުތައް ކުޅޭނީ އަންނަ އަހަރު އެވެ. ރާއްޖެ ހިމެނޭ ގްރޫޕުގައި މިރޭ ސީރިއާއާ ފިލިޕީންސް ވާދަކުރާނެ އެވެ. ސީރިއާގެ ހޯމްގެ ގޮތުގައި ދުބާއީގައި މި މެޗު ފަށާނީ މިރޭ ހަތެއް ޖަހާއިރު އެވެ.
Advertisement
Leave a Reply