ގޭމްސް އަށް ތައްޔާރުވާން ގައުމީ ފިރިހެން އަދި އަންހެން ވޮލީ ޓީމް ލަންކާ އަށް

Advertisement

ގޭމްސް އަށް ތައްޔާރުވާން ގައުމީ ފިރިހެން އަދި އަންހެން ވޮލީ ޓީމް ލަންކާ އަށް

ޢަލީ ޝަހީމް
ސެންޓްރަލް ޒޯން މުބާރާތުގައި ރިހި މެޑަލް ހޯދި އަންހެން ވޮލީ ޓީމަށް މިނިސްޓަރު މަހުލޫފް މަރުހަބާ ދަންނަވަނީ. - ފޮޓޯ: ވީއޭއެމް

މިމަހު ފަހުކޮޅު ނޭޕާލުގައި ފެށުމަށް ހަމަޖެހިފައިވާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން އަދި އަންހެން ގައުމީ ވޮލީބޯލް ޓީމު އިތުރު ތަމްރީނުތަކަށް ރޭ އަވައްޓެރި ސްރީ ލަންކާއަށް ގޮސްފި އެވެ.

ރޭ ވޮލީގެ ދެ ޓީމު ލަންކާއަށް ފުރިއިރު މިފަހަރުގެ ޓްރެއިނިން ކޭމްޕުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފަރިތަކުރުންތަކުގައި ގައުމީ އަންހެން ޓީމަށް، ފިރިހެން ޓީމުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. ލަންކާގައި ކުރިއަށްގެންދާ ކޭމްޕް ނިންމާލުމަށް ފަހު ގޭމްސްގައި ވާދަކުރުމަށް ވޮލީގެ ދެ ޓީމު ވެސް ނޭޕާލަށް ދިއުމަށް އަންނަ އާދީއްތަ ދުވަހު ފުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އަންހެން އަދި ފިރިހެން ވޮލީ ޓީމު ލަންކާއަށް ފުރުމުގެ ކުރިން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ވަނީ ކުޅުންތެރިންނާ ބައްދަލުކޮށްފަ އެވެ.

ގޭމްސްއަށް ތައްޔާރުވާން ވޮލީގެ ދެ ޓީމު ލަންކާއަށް ފުރިއިރު އަންހެން ވޮލީ ޓީމު ވަނީ ދާދިފަހުން ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދިޔަ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދައިފަ އެވެ. މިއީ އަންހެން ވޮލީގައި ރާއްޖޭން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. އެ މުބާރާތުގައި އަންހެން ޓީމުން ވަނީ ލީގު ބުރުގައި ބަންގްލަދޭޝް އާއި އަފްގާނިސްތާން އަދި ކިރިގިސްތާން ބަލިކޮށްފަ އެވެ. ރާއްޖެ ބަލިވީ ލީގު ބުރުގަޔާއި ފައިނަލުގައި ނޭޕާލާ ވާދަކުރި މެޗުންނެވެ.

ރޭ ލަންކާއަށް ފުރުމުގެ ކުރިން އަންހެން އަދި ފިރިހެން ވޮލީ ޓީމް. – ފޮޓޯ: ވީއޭއެމް

ގޭމްސްގައި ވާދަކުރާ ފިރިހެން ޓީމު އިއްޔެ އެކުލަވާލިއިރު ކޯޗު މިރޮލަޑް ވަނީ ތިން ކުޅުންތެރިއަކަށް ގައުމީ ޓީމުން ފުރުސަތުދީފަ އެވެ. މިފަހަރުގެ ޓީމުން ފުރުސަތު ލިބުނީ ސެޓަރު ހުސައިން ޝާހިދު (ޝާޑު) އާއި މުހައްމަދު ޝާއިން (ޝާއިންޓެ) އަދި އަޝްފާގު އާދަމް (އައްކަޅޭ) އަށެވެ. މިއީ ދިވެހި ސިފައިންގެ ކްލަބަށް ކުޅެމުން އަންނަ ޝާޑު އަށް ގައުމީ ޓީމުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ޝާއިންޓެ އާއި އައްކަޅޭ އަކީ ގައުމީ ޓީމަށް ކުރިން ކުޅެ ތަޖުރިބާ ލިބިފައިވާ ދެ ކުޅުންތެރިންނެވެ. ޓީމުގައި އަލަށް ތިން ކުޅުންތެރިން ހިމެނިއިރު މިފަހަރުގެ ޓީމުން އަހުމަދު އަނިލް އާއި އަހުމަދު ޝިމާއު އަށް ފުރުސަތު ލިބިފައެއްނުވެ އެވެ. މި ދެކުޅުންތެރިންގެ އިތުރުން ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމަށް ކުޅެ އޮގަސްޓް މަހު ނިމުނު ސެންޓްރަލް ޒޯން މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލި އަހުމަދު އަބްދުލްކަރީމް (ލޯންގޭ) ޓީމުގައި ނުހިމެނެ އެވެ.

އަންހެން ޓީމެކޭ އެއްގޮތަށް ރާއްޖޭގެ ފިރިހެން ޓީމު ވެސް ވަނީ މި އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކޮށްފަ އެވެ. ނޭޕާލުގައި މިދިޔަ އޮގަސްޓް މަހު އޮތް އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކޮށް ފިރިހެން ޓީމަށް ލިބުނީ ހަތަރު ވަނަ އެވެ. އެ މުބާރާތުގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ތުރުކެމެނިސްތާނާ ވާދަކޮށް ރާއްޖޭގެ ޓީމު ބަލިވީ ސީދާ ސެޓުންނެވެ.

ސާބިއާއަށް އުފަން ދުނިޔޭގެ ފެންވަރުގެ ކޯޗު މިރޮލަޑް ފިރިހެން ޓީމުގެ ކޯޗަކަށް ހަމަޖެއްސުމުގެ ކުރިން އެޓީމަށް އިރުޝާދުދިނީ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. މިރޮލަޑް ފިރިހެން ޓީމުގެ ކޯޗަކަށް ހަމަޖެއްސި ނަމަވެސް ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރި ގައުމީ އަންހެން ޓީމު މާލޭގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ރާއްޖޭގެ ފިރިހެން ޓީމާ ހަވާލުވުމަށް ފަހު ކުޅުންތެރިން ނެގުމަށް މިރޮލަޑް ވަނީ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) ގެ އެހީތެރިކަމާއެކު ގައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމުގެ ގޮތުން މި މަހުގެ ކުރީކޮޅު ޓްރަޔަލްތަކެއް ބާއްވާފަ އެވެ.

މި އަހަރުގެ ގޭމްސްގައި ރާއްޖޭގެ ފިރިހެން ޓީމު ވެސް ހިމެނެނީ ލަންކާ އާއި ޕާކިސްތާނާއެކު އެއް ގްރޫޕެއްގަ އެވެ. އަނެއް ގްރޫޕުގައި ހިމެނެނީ މުބާރާތް ބާއްވާ ނޭޕާލާއި ބަންގްލަދޭޝް އިންޑިއާ އަދި ބޫޓާނެވެ. ގޭމްސް ރަސްމީކޮށް ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. އެކަމަކު ވޮލީ އިވެންޓުގެ މެޗުތައް މި މަހުގެ 27 ވަނަ ދުވަހު ފަށަން ވަނީ ތާވާލުކޮށްފަ އެވެ. ނޭޕާލުގައި ގޭމްސް ކުރިއަށްދާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *