ޔޫރޯގެ ޖާގައެއް ހޯދަން ވޭލްސް އާއި ހަންގޭރީ ގަދަހިފުމަކަށް ނުކުންނަނީ!

Advertisement

ޔޫރޯގެ ޖާގައެއް ހޯދަން ވޭލްސް އާއި ހަންގޭރީ ގަދަހިފުމަކަށް ނުކުންނަނީ!

ޢަލީ ޝަހީމް
ވޭލްސްގެ ބޭލް ގޯލެ ޖެހުމަށް ފަހު ޓީމުގެ ކުޅުންތެރިންނާއެކު. މިރޭ އެޓީމަށް ހަންގޭރީ ބަލިކުރަން ވަނީ މަޖުބޫރުވެފަ

އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ 24 ޖާގައިގެ ތެރެއިން 19 ގައުމަކުން ފުރުސަތު ހޯދާފައިވާއިރު މިހާރު ކުޅެމުން ދަނީ ކޮލިފައިންގެ ފަހު ބުރުގެ މެޗުތަކެވެ. ކޮލިފައިންގެ މެޗުތައް މިރޭ ނިމޭއިރު ސީދާ ޖާގަ ނުލިބޭ ބައެއް ޓީމުތަކުން އަންނަ އަހަރުގެ މުބާރާތުން ޖާގައެއް ކަށަވަރުކުރަން ޖެހޭނީ ޕްލޭ އޮފްގައި ކުޅޭށެވެ. ޕްލޭ އޮފްގައި ކުޅޭ ޓީމުތަކަށް ކަށަވަރުވާނީ ކޮލިފައިންނާއި ޔޫއެފާ ނޭޝަންސް ލީގުގައި ގައުމުތަކުން ހޯދާފައިވާ ނަތީޖާތަކަށް ބަލައިގެންނެވެ.

ކޮލިފައިންގެ ފަހު މެޗުތަކަށް ނުކުންނައިރު އެންމެ ވާދަވެރި ގްރޫޕަކީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ވާދަކުރި ކްރޮއޭޝިއާއާއި، ހަންގޭރީ، ވޭލްސްގެ އިތުރުން ސްލޮވާކިއާ އަދި އަޒަރުބައިޖާން ވާދަކުރާ ގްރޫޕް އީ އެވެ. މި ގްރޫޕުގައި ވާދަކުރާ ފަސް ގައުމުގެ ތެރެއިން ކޮލިފައިންގެ ހުރިހާ މެޗެއް ކުޅެ 17 ޕޮއިންޓާއެކު އަންނަ އަހަރުގެ ޔޫރޯއިން ކްރޮއޭޝިއާ ވަނީ ފުރުސަތު ހޯދާފަ އެވެ. ޔޫރޯގެ ސީދާ ޖާގައެއް ކަށަވަރުކުރަން މިރޭ ތިން ޓީމެއް ނުކުންނާނެ އެވެ. އެއީ ވޭލްސް އާއި ހަންގޭރީގެ އިތުރުން ސްލޮވޭކިއާ އެވެ. ހަތް މެޗުން ލިބުނު އެއް ޕޮއިންޓާއެކު ފުލުގައި އޮތް އަޒަރުބައިޖާނަށް ވަނީ އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފަ އެވެ. ކްރޮއޭޝިއާގެ ފަހަތުން ދެ ވަނައިގައި އޮތް ހަންގޭރީއަށް 12 ޕޮއިންޓް ލިބިފައިވާއިރު ވޭލްސް އަށް ލިބިފައިވަނީ 11 ޕޮއިންޓެވެ. އަދި، މި ދެ ގައުމުގެ ފަހަތުން ވާދަކުރަމުން އަންނަ ސްލޮވޭކިއާ ހަތަރު ވަނައިގައި އޮތީ 10 ޕޮއިންޓާއެކު އެވެ.

ގްރޫޕް އީގެ މިރޭ ކުޅޭ އެންމެ ފޯރިގަދަ މެޗަކީ ވޭލްސްގެ ކާޑިފްގައި އެގައުމުން ހަންގޭރީއާ ދެކޮޅަށް ނުކުންނަ މެޗެވެ. ހަމަ އެގަޑީގައި ސްލޮވޭކިއާއިން އަމިއްލަ ގައުމުގައި އަޒަރުބައިޖާނާ ވާދަކުރާއިރު ސްލޮވޭކިއާއަށް ޔޫރޯގެ ފުރުސަތެއް ލިބެން އޮތީ އަޒަރުބައިޖާން އަތުން މޮޅުވެ ވޭލްސްއާ ހަންގޭރީ އެއްވަރުވެގެންނެވެ. ވޭލްސް އާއި ހަންގޭރީއާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށް އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން ފުރުސަތު ލިބޭނެ އެވެ. އެހެންވެ މިރޭގެ ވޭލްސްއާ ހަންގޭރީ ވާދަކުރާ މެޗު ވެގެންދާނީ ކޮލިފައިންގައި ފެނިގެންދާނެ އެންމެ ވާދަވެރި އެއް މެޗަށެވެ.

މިރޭގެ މެޗުގެ ކުރިން ވޭލްސްގެ ކެޕްޓަން ގަރެތު ބޭލް ބުނީ އެޓީމުން ހަންގޭރީއާ ދެކޮޅަށް ނުކުންނާނީ 2016 ވަނަ އަހަރު ޔޫރޯގައި ހޯދި ކާމިޔާބީ އާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުން، އެކަމުގެ ތަޖުރިބާއާއި އެކީގައި ކަމަށެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ވޭލްސް ބަލިވީ ޕޯޗުގަލް އަތުންނެވެ. ޔޫރޯގައި ހޯދި ބޮޑު ކާމިޔާބީއަށް ފަހު އެޓީމުގެ ވިދުން ފަނޑުގެ މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕުން ފުރުސަތެއް ނުލިބުނެވެ.

“މި މެޗަށް ނުކުންނައި އަހަރެމެނަށް ބޭނުންކުރެވޭނެ ކުރީގެ ތަޖުރިބާތައް (ޔޫރޯ އާއި ވޯލްޑް ކަޕް). ޔޫރޯއަށް އަލަށް ކޮލިފައިވެ އެންމެ ފަހުގެ މުބާރާތުގައި ހޯދި ކާމީޔާބީއާ ގުޅިގެން އަހަރެމެނަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބުނު. ބޭނުންވަނީ އެ އުފާވެރިކަން މި މެޗަށް ފިލާވަޅަކަށް ވާނެ. އަދި ވޯލްޑް ކަޕަށް ކޮލިފައިވާން ލިބުނު ފުރުސަތު ގެއްލުމުން ކުރެވޭ އިހުސާސް ވެސް އެނގޭ” ރެއާލް މެޑްރިޑްގެ ފޯވާޑް ބޭލް ބުންޏެވެ.

މިދިޔަ އަހަރު އޮތް ވޯލްޑް ކަޕުގައި ވާދަކުރުމުގެ ފުރުސަތު ވޭލްސްއަށް ގެއްލުނީ ކޮލިފައިންގައި ރިޕަބްލިކް އޮފް އަޔަލެންޑް އަތުން ބަލިވުމުންނެވެ. 2017 ވަނަ އަހަރު ކުޅުނު އެ މެޗަށް ވޭލްސް ނުކުތީ އަނިޔާގެ ސަބަބުން ބޭލް ނުލަ އެވެ. މިފަހަރުގެ ކޮލިފައިންގެ ފަހު މެޗުތަކަށް ނުކުތްއިރު ވެސް ބޭލް އާއި އާރޮން ރަމްސޭއަށް އަނިޔާގެ މައްސަލަތައް ދިމާވި ނަމަވެސް މިރޭގެ މެޗަށް އެ ދެކުޅުންތެރިން ވެސް ވަނީ ފިޓްވެފަ އެވެ. ބޭލް ބުނީ މީގެ އަހަރުތަކެއް ކުރިން ރިޕަބްލިކް އޮފް އަޔަލެންޑް އަތުން ބަލިވެ ވޯލްޑް ކަޕުން ފުރުސަތު ގެއްލުނު މެޗުން ލިބުނު ތަޖުރިބާ މިރޭގެ މެޗުގައި ބޭނުންކުރެވޭނެ ކަމަށެވެ.

58 އަހަރަށް ފަހު 2016 ވަނަ އަހަރު ބޮޑު މުބާރާތެއްގައި ފުރަތަމަ ފަހަރަށް ވާދަކޮށް ވޭލްސްއިން ސެމީ ފައިނަލަށް ކުރި ދަތުރަކީ އެގައުމުގެ ފުޓްބޯޅައިގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އޭގެކުރިން ވޭލްސްއިން ވަނީ 1958 ވަނަ އަހަރު ފްރާންސްގައި އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ ހުރިހާ ހަނދާނަކާއެކު މުޅި ވޭލްސް މިރޭގެ މެޗަށް ނުކުންއިރު، އެގައުމުގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި މިރޭގެ މެޗަކީ އެގައުމުގެ ފުޓްބޯޅައިގައި އެންމެ ހާއްސަ މެޗެވެ.

އެންމެ ފަހުން އަޒަރުބައިޖާނާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުން ކުޅެން އެރި ޔުވެންޓަސްގެ މިޑްފީލްޑަރު ރަމްސޭ މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނޭނެކަމަށް ބެލެވެ އެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވުމުން ވޭލްސްއިން ކޮލިފައިންގައި ކުޅުނު ހަ މެޗުގައި ރަމްސޭ ކުޅެފައެއްނުވެ އެވެ. ވޭލްސްގެ ކޯޗު ރަޔަން ގިގްސް ބުނީ ބޭލް އާއި ރަމްސޭ އެޓީމުގެ ފުރަތަމަ އެގާރައިން މިރޭ ފެނުމުގެ ފުރުސަތު ބޮޑުކަމަށެވެ.

“އެ ދެކުޅުންތެރިން ތިބީ ތައްޔާރަށް. އަހަރެމެނަށް ކުރިން މެޗުގައި ބޭލް ބަދަލުކޮށްފަ ރަމްސޭއަށް ކުޅުމުގެ ފުރުސަތު ދެވުނު. ޓީމުގައި ތިބި ހުރިހާ ކުޅުންތެރިން ވެސް ތިބީ މެޗު ކުޅެވޭނެ ހާލަތުގައި” މެންޗެސްޓަރ ޔުނައިޓެޑުގައި މުޅި ފުޓްބޯޅަ ކެރިއަރ ހޭދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދި ވޭލްސްއަށް އުފަން ގިގްސް ބުންޏެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުތަކުން ދަށް ނަތީޖާތަކެއް ނުކުތްނަމަވެސް ވޭލްސްއިން ފަހުން ވަނީ ކުޅުން ރަނގަޅުކޮށް މުހިއްމު މެޗުތަކެއް ކާމިޔާބުކޮށްފަ އެވެ. އަނެއްކޮޅުން ކްރޮއޭޝިއާއިން ކޮލިފައިންގައި އެންމެ ފަހުން ކުޅުނު މެޗުގައި ސްލޮވޭކިއާ ފަހަތުން އަރައި ބަލިކުރުމުން އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ވޭލްސްއަށް ލިބުނެވެ. ގިގްސް ބުނީ ކްރޮއޭޝިއާއިން ސްލޮވޭކިއާ ބަލިކުރުމުން ވޭލްސްއަށް ފަހިވި ފުރުސަތުގެ ބޭނުން ހިފުމަށް ޓީމުގެ ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށެވެ.

ބޮޑު މުބާރާތެއްގައި ނުކުޅޭތާ 32 އަހަރަށް ފަހު ހަންގޭރީ ވަނީ 2016 ވަނަ އަހަރުގެ ޔޫރޯއަށް ކޮލިފައިވެ ކުޅެ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މުބާރާތުގައި ގްރޫޕް ސްޓޭޖުގައި ޕޯޗުގަލާއި، އައިސްލެންޑް އަދި އޮސްޓްރިއާ ފަހަތަށް ޖައްސާލައި ހަންގޭރީން ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެކަމަކު ދެ ވަނަ ބުރުގައި ގަދަފަދަ ބެލްޖިއަމާ ވާދަކޮށް އެޓީމު ވަނީ 4-0 އިން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.

ވޭލްސްއާ ހަންގޭރީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12:45 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *