އިޓަލީ އަށް ރެކޯޑް މޮޅެއް، ސްވިޒަލެންޑާއި ޑެންމާކް ވެސް ޔޫރޯ އަށް

Advertisement

އިޓަލީ އަށް ރެކޯޑް މޮޅެއް، ސްވިޒަލެންޑާއި ޑެންމާކް ވެސް ޔޫރޯ އަށް

ޢަލީ ޝަހީމް
އިޓަލީގެ އިމޯބިލޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ރޭގެ މޮޅަކީ އަމިއްލަ ދަނޑުގައި އިޓަލީން ހޯދި އެންމެ ތަފާތު ބޮޑު މޮޅު

ރޭ އަމިއްލަ ދަނޑުގައި އާރްމޭނިއާ 9-1 އިން ބަލިކޮށް އިޓަލީން ސަތޭކަ އިންސައްތަ ރެކޯޑަކާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ނިންމާލިއިރު ސްވިޒަލެންޑާއި ޑެންމާކުން ޔޫރޯގެ ޖާގައެއް ކަށަވަރުކޮށްފި އެވެ. ރޭގެ މެޗުގެ ކުރިން ވެސް އަންނަ އަހަރުގެ ޔޫރޯ އިން ފުރުސަތު ހޯދާފައިވާ އިޓަލީން ވަނީ ކޮލިފައިންގައި ކުޅުނު 10 މެޗުން ވެސް މޮޅުވެފަ އެވެ. ގްރޫޕް ޑީގައި ހިމެނޭ ސްވިޒަލެންޑުން ޔޫރޯގެ ޖާގައެއް ކަށަވަރުކުރީ ރަށުން ބޭރުގައި ރޭ ޖިބްރާލްޓާ 6-1 އިން ބަލިކޮށްގެންނެވެ. ހަމަ އެ ގްރޫޕުގައި ހިމެނޭ ޑެންމާކުން ޔޫރޯގެ ޖާގައެއް ހޯދީ ރަށުން ބޭރުގައި ރިޕަބްލިކް އޮފް އަޔަލެންޑާ 1-1 އިން އެއްވަރުކޮށްގެންނެވެ.

އިޓަލީ ހިމެނޭ ގްރޫޕް ޖޭގައި އާރްމޭނިއާ ކޮޅަށް ނުވަ ގޯލު ޖެހިއިރު މިއީ ކޮލިފައިން މެޗެއްގައި އެގައުމުން ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. އިޓަލީގެ ފުޓްބޯޅައިގެ ތާރީހުގައި އެޓީމުން އެންމެ ބޮޑު ތަފާތަކުން މެޗެއް ކާމިޔާބުކުރީ 1948 ވަނަ އަހަރު އެވެ. އެ އަހަރު އިންގްލެންޑުގެ ބްރެންޓްފޯޑްގައި ކުޅެ އިޓަލިން ވަނީ 9-0 އިން އެމެރިކާ ބަލިކޮށްފަ އެވެ. ރޭގެ ކާމިޔާބީއަކީ އަމިއް ގައުމުގައި އެގައުމުން ހޯދި ރެކޯޑް މޮޅެކެވެ.

Advertisement

ރޭގެ މެޗުގައި އިޓަލިން ޖެހި ނުވަ ގޯލުގެ ތެރެއިން ނިކޮލަ ޒަނިއޯލޯ އާއި ޗީރޯ އިމޯބިލޭ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އިމޯބިލޭ ވަނީ ކްލަބާއި ގައުމަށް އެންމެ ފަހުން ކުޅެދިން 18 މެޗުގައި 19 ގޯލު ޖަހައިފަ އެވެ. އަނެއްކޮޅުން ރޭގެ މެޗަކީ 20 އަހަރުގެ ޒަނިއޯލޯ ގައުމީ ޓީމަށް ގޯލު ޖަހައިދިން ފުރަތަމަ މެޗެވެ. އެޓީމުގެ އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އާއި ރިކާޑޯ އޮރްސޮލީނީ، ފެޑެރީކޯ ޗިއޭސާ އަދި އަލެސިއޯ ރޮމަނޯލީގެ އިތުރުން ނިކޯލޯ ބަރެއްލާ އެވެ.

މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން އެގައުމުގެ ކޯޗަކަށް ހަމަޖެއްސީ ކުރިން މެންޗެސްޓަރ ސިޓީގައި ކާމިޔާބީތައް ހޯދި ރޮބާޓޯ މަންޗީނީ އެވެ. މަންޗީނީގެ އިރުޝާދުގެ ދަށުން އިޓަލީން ވަނީ ކުޅުން ރަނގަޅުކޮށް ސަޕޯޓަރުންގެ އިތުބާރު ހޯދައިފަ އެވެ. މިއީ ސަތޭކަ އިންސައްތަ ރެކޯޑަކާއެކު އިޓަލީ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. މަންޗީނީއާ އެކު އިޓަލީން ވަނީ އެންމެ ފަހުން ކުޅުނު 11 މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ކޮލިފައިންގައި 37 ގޯލު ޖެހިއިރު އިޓަލީ ކޮޅަށް 10 މެޗުން ވަނީ އެންމެ ހަތަރު ގޯލެވެ.

ސްވިޒަލެންޑުގެ އިޓެން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ކޮލިފައިންގެ ގްރޫޕް ޑީގައި ރޭ ސްވިޒަލެންޑުން 6-1 އިން ޖިބްރާލްޓާ ބަލިކުރިއިރު ޗެޑްރިކް އިޓެން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ހަތަރު ގޯލު ޖަހައިދިނީ ގްރަނިޓް ޒަކާ އާއި ރުބެން ވާގާސް އަދި ކްރިސްޓިއެން ފަސްނެޗްގެ އިތުރުން ލޮރިސް ބެނީޓޯ އެވެ. މެޗުގައި ޖިބްރާލްޓާގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ޖެހީ ރީސް ސްޓައިޗް އެވެ.

ރޭގެ މެޗަށް ޑެންމާކާ ދެކޮޅަށް ރިޕަބްލިކް އޮފް އަޔަލެންޑުން ނުކުތީ މޮޅަކާއެކު ޔޫރޯގެ ޖާގައެއް ކަށަވަރު ކުރުމަށެވެ. އެކަމަކު 1-1 އިން މެޗު އެއްވަރުވުމުން ޑެންމާކަށް ޔޫރޯ މުބާރާތުން ފުރުސަތު ލިބި އަޔަލެންޑަށް ޖެހުނީ އަންނަ އަހަރު އޮންނަ ޕްލޭ އޮފްގައި ވާދަކުރާށެވެ. ރޭގެ މެޗުގެ 73 ވަނަ މިނެޓުގައި ޑެންމާކަށް ލީޑު ނަގައިދިނީ މާޓިން ބްރެއިތުވެއިޓް އެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އަޔަލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޓް ޑޮހަޓީ އެވެ.

މި ގްރޫޕުގެ އެއް ވަނަ 17 ޕޮއިންޓާއެކު ސްވިޒަލެންޑް ހޯދިއިރު ޑެންމާކަށް ދެ ވަނަ ލިބުނީ 16 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައަށް ދިޔަ ރިޕަބްލިކް އޮފް އަޔަލެންޑަށް ލިބުނީ 13 ޕޮއިންޓެވެ.

ރޭގެ މެޗުތަކާއެކު ކޮލިފައިންގައި ޔަގީންކުރާ 20 ޖާގައިގެ ތެރެއިން 19 ޖާގައެއް މިހާރު ވަނީ ކަށަވަރުވެފަ އެވެ. ކޮލިފައިންގެ ފަހު މެޗުތައް މިރޭ ކުޅޭއިރު ފަހު ޖާގައަށް ވާދަކުރާނީ ވޭލްސް، ހަންގޭރީ އަދި ސްލޮވޭކިއާ އެވެ. 24 ޓީމަކުން އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާއިރު ބާކީ ހަތަރު ޖާގަ ކަށަވަރުވާނީ އަންނަ އަހަރު އޮންނަ ޕްލޭ އޮފް މެޗުތަކަށް ފަހު އެވެ.

މިހާތަނަށް ޔޫރޯގެ ޖާގަ ކަށަވަރުކޮށްފައިވާ ގައުމުތައް:

އޮސްޓްރިއާ، ބެލްޖިއަމް، ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، ޑެންމާކް، އިންގްލެންޑް، ފިންލެންޑް، ފްރާންސް، ޖަރުމަނު، އިޓަލީ، ނެދަލެންޑްސް، ޕޮލެންޑް، ޕޯޗުގަލް، ރަޝިއާ، ސްޕެއިން، ސްވިޑެން، ސްވިޒަލެންޑް، ތުރުކީ އަދި ޔޫކްރޭން

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *