ޒުވާން ކުޅުންތެރިންނަށް ކުރިއެރުން ލިބޭނީ ސަޕޯޓަރުން ދަނޑަށް ވަދެގެން: އަކްރަމް

Advertisement

ޒުވާން ކުޅުންތެރިންނަށް ކުރިއެރުން ލިބޭނީ ސަޕޯޓަރުން ދަނޑަށް ވަދެގެން: އަކްރަމް

ޢަލީ ޝަހީމް
ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން ގުއާމް މެޗަށް ތައްޔާރުވަނީ. ގައުމީ ޓީމުގައި ތިބި ޒުވާން ގިނަ ކުޅުންތެރިންނަށް ކުރިއރުން ލބޭނީ ސަޕޯޓަރުން ދަނޑަށް ވަދެ ސަޕޯޓް ދީގެން ކަމަށް ކެޕްޓަމް އަކްރަމް ވަނީ ބުނެފައި. - ފޮޓޯ: އެފްއޭއެމް

ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ގަލޮޅު ދަނޑުގައި ގުއާމާ ދެކޮޅަށް ނުކުންނައިރު ރާއްޖޭގެ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ކުރިއެރުން ލިބޭނީ ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ހިތްވަރު ދީގެން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) ބުނެފި އެވެ. މިއަދު ގުއާމާ ދެކޮޅަށް މޮޅުވާން މަޖުބޫރު މެޗަކަށް ނުކުތުމުގެ ކުރިން އަކްރަމް ވަނީ އެންމެ ފަހުން ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުގައި ސަޕޯޓަރުން ދިން ހިތްވަރުގެ ސަބަބުން ކުޅުންތެރިންނަށް އިތުބާރު ލިބުނު ކަމަށް ބުނެފަ އެވެ.

ކޮލިފައިންގައި ފިލިޕީންސް އަތުން ބަލިވުމުން ގްރޫޕުގެ ތިން ވަނައިގައި ނިންމާލަން ރާއްޖެއަށް މިހާރު ވަނީ ފުރުސަތު ހަނިވެފަ އެވެ. އެކަމަކު އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ސީދާ ޖާގައެއް ހޯދަން މިއަދުގެ މެޗުން ގުއާމް ބަލިކުރަން ދިވެހި ޓީމަށް މަޖުބޫރެވެ. އަމިއްލަ ދަނޑުގައި ފިލިޕީންސްގެ އިތުރުން ޗައިނާ އަތުން ވެސް ބަލިވުމުން މިއީ ސަޕޯޓަރުންގެ އިތުބާރު ހޯދަން ގައުމީ ޓީމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ. އަކްރަމް ބުނީ ނަތީޖާ ނެރުމުގައި ސަޕޯޓަރުންގެ ފަރާތުން ލިބޭ ތަރުހީބު މުހިއްމުވާނެ ކަމަށެވެ.

Advertisement

“އަޅުގަނޑުމެން މިތިބަ ޔަންގް ކުދިންނަކަށް އަދި ފީލްއެއް ނުވޭ ފުލް ކްރައުޑެއްގަ މެޗެއް ކުޅެލާކަށް. އެހެންވީމަ އެކަން ދައްކާލަދޭންޖެހޭ ހުރިހާ ބޭފުޅުން ވެސް. ހަމަ ވީހާވެސް ގިނަ ބޭފުޅުން ދަނޑަށް ވަޑައިގެން ދިވެހި ދަރިންނަށް ސަޕޯޓް ކޮށްދެއްވާށޭ. އޭރުންނޭ މި ކުދިން ކުރިއަށް އޮތް ތާނގަ އިތުރަށް ޑިވެލޮޕްވެގެން ނިކުމެ ދިވެހި ގައުމަށް ރީތި ނަން ހޯދައިދެވޭނީ” މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ބުންޏެވެ.

ފިލިޕީންސާ ދެކޮޅަށް ނުކުތް ގައުމީ ފުޓްބޯޅަ ޓީމް. – ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ޓީމުގައި މިހާރު ގިނައިން ތިބީ ޒުވާން ކުޅުންތެރިންނެވެ. ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ވެސް ދިވެހި ސަޕޯޓަރުންގެ ބޮޑު ކްރައުޑެއް އޮވެ މިހާތަނަށް މެޗެއް ކުޅެފައިވާ ކުޅުންތެރިންނެއް ނޫނެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ މެޗުތައް ބަލަން ވަންނަ ސަޕޯޓަރުން މިހާރު މަދުވުމުގެ ސަބަބަކީ ގަލޮޅު ދަނޑުގެ ދެ ފަޅި ބަންދު ކުރުމެވެ. އަކްރަމްގެ ވާހަކައިގައި މި މެޗަށް އިތުރު ސަޕޯޓަރުން ވަދެ ޓީމަށް ހިތްވަރު ދިނުމަށެވެ.

“ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ސަޕޯޓަކީ. ކުރިން ދުވަހު ވެސް އެއީ ފަހަކަށް އައިސް އެންމެ ގިނަ ސަޕޯޓަރުން ވަން މެޗު. ވަރަށް ބޮޑަށް ކުޅުންތެރިންނަށް ހިތްވަރު ލިބިގެންދިޔަ. ދެން މި މެޗަށް އިތުރަށް ސަޕޯޓަރުން ވަންނާނެކަމުގެ އުއްމީދާއެކު ހުރިހާ ކުދިން ވެސް ތިބީ. އެހެންވީމަ ސަޕޯޓަރުން ވަދެ ސަޕޯޓް ކުރި ވަރަކަށް އަޅުގަނޑުމެންނަށް މި މެޗު ކާމިޔާބުކުރަން ފަސޭހަވާނީ” މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކެޕްޓަން ބުންޏެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް އަދި އަކްރަމް. – ފޮޓޯ: އެފްއޭއެމް

އޭޝިއާގެ ކޮލިފައިންގެ ދެ ވަނަ ބުރުގެ ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު ސީރިއާ އެވެ. ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ޕޮއިންޓާއެކު ހަތަރު ވަނައިގައި ރާއްޖެ އޮތްއިރު ފުލުގައި އޮތް ގުއާމް ވަނީ ފުރަތަމަ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.

ރާއްޖޭގެ ޓީމުގެ ކޯޗު ސެގާޓް ބުނީ ގުއާމަކީ އެމެރިކާގެ ބައެއްކަމުން އެ ގައުމުގައި އެމެރިކާއަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ތިބޭނެ ކަމަށާއި ކޮލިފައިންގައި އެއްވެސް ޓީމެއް ބަލިކުރަން ފަސޭހަ ނުވާނެ ކަމަށެވެ. ރާއްޖެއަށް ކޮލިފައިންގައި މިހާތަނަށް ހަމައެކަނި މޮޅެއް ލިބުނީ ގުއާމް އަތުންނެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި މިދިޔަ ސެޕްޓެމްބަރު މަހު ގުއާމާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުން ރާއްޖެ މޮޅުވީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ޖަހައިދިން ގޯލުން 1-0 އިންނެވެ.

“ހުރިހާ ޓީމެއް ވެސް ވަރަށް ވާދަވެރި. އަހަރެމެން ގުއާމް އަތުން ވަރަށް އުނދަގޫ ކުޅުމަކަށް ފަހު މޮޅުވީން. ގުއާމްގަ އެބަތިބި އެމެރިކާއަށް ނިސްބަތްވާ ބައިވަރު ކުޅުންތެރިން. އެއީ އެމެރިކާގެ ބަޔަކަށް ވީމަ ގައުމީ ޓީމަށް ނުކުޅޭ ބައިވަރު ކުޅުންތެރިން ވެސް ތިބޭ. މެޗު ވަރަށް އުނދަގޫ ވާނެ. އަހަރެމެން ގުއާމަށް އިހުތިރާމްކޮށްގެން ނުކުންނާނީ. އަދި ވޯލްޑް ކަޕް ކޮލިފައިންގެ ހުރިހާ ޓީމަކަށް ވެސް އަހަރެމެން އިހުތިރާމް ކުރަންޖެހޭ. އެކަމަކު އަހަރެމެން ޖެހޭ މި މެޗުން މޮޅުވާން” މޮޅުވުން ނޫން ގޮތެއް ނެތް މެޗަށް ނުކުތުމުގެ ކުރިން ގައުމީ ކޯޗު ސެގާޓް ބުންޏެވެ.

ރާއްޖެއާއި ގުއާމް ވާދަކުރާ މެޗު ގަލޮޅު ދަނޑުގައި މިއަދު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ. އޭގެ ފަހުން ރާއްޖެ ގަޑިން މިރޭ ހަތެއް ޖަހާއިރު މި ގްރޫޕުގައި ހިމެނޭ ސީރިއާއާ ފިލިޕީންސް ވާދަކުރާނެ އެވެ. ސީރިއާގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި މި މެޗު ކުޅޭނީ ދުބާއީގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *