ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ފެތުންތެރިންގެ ޓީމު އެކުލަވާލައިފި

އަންނަ މަހުގެ 1 އިން 10 އަށް ނޭޕާލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ފެތުންތެރިންގެ ޓީމު މޯލްޑިވްސް ސްވިމިން އެސޯސިއޭޝަނުން އެކުލަވާލައިފި އެވެ. މިއަދު އެކުލަވާލި ސްވިމިން ޓީމުގައި ހިމެނެނީ ހަތަރު އަންހެން ފެތުންތެރިންނާއި ހަ ފިރިހެން ފެތުންތެރިންނެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ ގައުމީ ޓީމަށް ފެތުންތެރިން ހޮވީ އެކަމަށް ބޭއްވުނު ހާއްސަ ޓްރަޔަލްތަކަށާއި ފެތުންތެރިން ވާދަކުރަން ހުރި ރިލޭތަކަށް ބެލުމަށްފަހުގައި ކަމަށެވެ.
ގޭމްސްގައި ވާދަކުރަން ހޮވި އަންހެން ފެތުންތެރިންނަކީ އައިޝަތު ސައުޝަން އާއި އައިޝަތު ސާޖިނާ އަދި އައިޝަތު އުލްޔާ ޝާއިގްގެ އިތުރުން ހަމްނާ އަހުމަދު އެވެ. ފިރިހެން ޓީމުގައި ހިމެނެނީ މުބާލް އައްޒާމް އިބްރާހީމް، އަލީ އިއްމާން، ހަސަން އަޝްރަފް، ހުސައިން ހާއިޝް ހަސަން އަދި ހުސައިން މުބާހު އެވެ. ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ނޭޕާލަށް ފުރުމުގެ ކުރިން ރާއްޖޭގެ ފެތުންތެރިން އިންޑިއާގައި ކޭމްޕު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާގައި 2016 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭން ވާދަކުރި ޓީމުގައި ހިމެނުނީ ފަސް އަންހެން ބައިވެރިންނާއި ފަސް ފިރިހެން ބައިވެރިންނެވެ. އެ އަހަރުގެ ގޭމްސްގައި ވާދަކުރި ޓީމުން ވަނީ 13 ގައުމީ ރެކޯޑް އާކޮށް އެއް ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އެ އަހަރު އިންޑިއާގައި ބޭއްވި ގޭމްސްގައި ވާދަކުރި ފެތުންތެރިންގެ ތެރެއިން މިފަހަރު ގައުމީ ޓީމުގައި ހިމެނެނީ ހަތަރު ފެތުންތެރިންނެވެ. އެއީ އަންހެން ޓީމުގައި ހިމެނޭ ސާޖިނާ އާއި ސައުޝަންގެ އިތުރުން ފިރިހެން ޓީމުގައި ހިމެނޭ މުބަލް އަދި އަޝްރަފް އެވެ.
ގައުމީ ޓީމުގައި މިހާރު ހިމެނޭ ކުޅުންތެރިންގެ ތެރެއިން އަލީ އިމްއާން ވަނީ ހަންގޭރީގައި މިދިޔަ އޮގަސްޓް މަހު ކުރިއަށްދިޔަ ވޯލްޑް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕުގައި 200 މީޓަރު ބެކްސްޓްރޯކް އަދި 50 މީޓަރު ބެކްސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑް އާކޮށްފަ އެވެ.
ރާއްޖޭގެ ގައުމީ ފެތުންތެރިންގެ ޓީމުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އިންޑޮނީޝިއާގެ ޖަކާޓާ އާއި ޕަލެމްބަންގައި ބޭއްވި އޭޝިއަން ގޭމްސް އާއި ޑިސެމްބަރު މަހު ޗައިނާގައި ކުރިއަށްދިޔަ ޝޯޓް ކޯސް ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ. އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލީ ޒުވާން ފެތުންތެރިޔާ ސާޖިނާ އެވެ. ރާއްޖޭގެ އެންމެ މޮޅު ފެތުންތެރިޔާގެ އެވޯޑުވެސް މީގެ ކުރިން ހޯދި ސާޖިނާ ވަނީ 2016 ވަނަ އަހަރު ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕުގައި ވާދަކޮށް ދެ ރިހި މެޑެއްޔާއި ލޯ މެޑަލެއް ހާސިލްކޮށްފަ އެވެ. ޗައިނާގައި މިދިޔަ އަހަރު އޮތް މުމުބާރާތުގައި ރާއްޖޭން ވަނީ ގައުމީ ފަސް ރެކޯޑެއް އާކޮށްފަ އެވެ.
ފެތުމަކީ ފަހަކަށް އައިސް ރާއްޖޭން ވާދަކުރަމުން އަންނަ ބައިނަލްއަގްވާމީ މުބާރާތްތަކުން ކާމިޔާބީ ހޯދަމުން އަންނަ ކުޅިވަރެކެވެ. އެކަމަކު ރާއްޖޭގެ ފެތުންތެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ފެންވަރުގެ ވަސީލަތްތަކެއް މި ކުޅިވަރަށް ގާއިމުކުރެވިފައި ނެތުމެވެ. އެހެންނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ކުރީ ސަރުކާރުން ހެދި އިންޑޯ ސްވިމިން ކޮމްޕްލެކްސްގެ ބޭނުންކުރަން ފަށައިފަ އެވެ. މިއާއެކު ފެތުންތެރިންނަށް ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ އިންޑޯ ޕޫލެއްގައި ތަމްރީނުތައް ހެދުމުގެ ފުރުސަތު ފަހިވެފަ އެވެ. ހުޅުމާލޭ ސިންތެޓިކް އެތުލެޓިކްސް ޓްރެކް ކައިރީގައި އެޗްޑީސީން ހެދި ކޮމްޕްލެކްސްގައި ފަސް ލޭނުގެ ޕޫލަކާއި ޗޭންޖިން ރޫމްތަކުގެ އިތުރުން ކުޅިބަލާ މީހުން ތިބޭނެ ގޮނޑިބަރިއެއް ވެސް ގާއިމުކޮށްފައި ހުރެ އެވެ.
އާ ޕޫލް ބޭނުންކުރަން ފެށުމާއެކު މިއަހަރުގެ ގައުމީ ފެތުމުގެ މުބާރާތްވެސް ކުރިއަށްގެންދަނީ އެ ޕޫލުގަ އެވެ. އެކަމަކު ޕޫލް މާބޮޑަށް ތިލަވުމާއި، ވޯމްއަޕް ޕޫލެއް ނެތުމުންނާއި އަދި އެތަނުގައި ފަސް ލޭން އޮތުމުން މުބާރާތުގެ ބައިވެރިންނާއި ބެލެނިވެރިން އަންނަނީ ޝަކުވާ ކުރަމުންނެވެ.
މި ސަރުކާރުން މިހާރު އަންނަނީ އޮލިމްޕިކް ސައިޒުގެ ޕޫލެއް ރާއްޖޭގައި އެޅުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އައިލެންޑް އޯޝަން ގޭމްސް (އައިއޯއައިޖީ) ގައި އެ ޕޫލްގެ ބޭނުންހިފުމެވެ.
Advertisement


Leave a Reply