ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލާނަން: ރޮނާލްޑޯ

Advertisement

ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލާނަން: ރޮނާލްޑޯ

ޢަލީ ޝަހީމް

ގައުމީ ފުޓްބޯޅަށް ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން ރެކޯޑް ހަދާފައިވާ އީރާނުގެ ކުރީގެ ފޯވާޑް އަލީ ދާއިގެ ރެކޯޑް މުގުރާލާނެކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ. ރޭ ރޮނާލްޑޯގެ އެހީތެރިކަމާއެކު ޕޯޗުގަލް ވަނީ ރަށުން ބޭރުގައި ލަގްޒެމްބާގް 2-0 އިން ބަލިކޮށް އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދައިފަ އެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް އަލީ ދާއީގެ އަތުގައި އޮތީ 109 ގޯލާއެކު އެވެ. ރޭ ލަގްޒެމްބާގް ކޮޅަށް ޖެހި ގޯލާއެކު ރޮނާލްޑޯ 34 އަހަރުގެ ރޮނާލްޑޯ ވަނީ މިހާތަނަށް ގައުމީ ޓީމަށް 99 ގޯލު ޖަހައިފަ އެވެ. އަލީ ދާއީގެ ރެކޯޑާ ހަމަކުރަން ރޮނާލްޑޯ އިތުރަށް ބޭނުންވަނީ 10 ގޯލެވެ. އެކަމަކު އެ ރެކޯޑު މުގުރާލާނެ ކަމުގެ ޔަގީންކަމާއެކު ރޮނާލްޑޯ އިތުރަށް 11 ގޯލު ޖަހަންޖެހޭނެ އެވެ. ޕޯޗުގަލާއެކު ރޮނާލްޑޯ ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ އަހަރުގެ މާޗް މަހު އަންނަ ބައިނަލްއަގްވާމީ ފުޓްބޯޅަ ބްރޭކުގަ އެވެ.

Advertisement

ގައުމީ ޓީމަށް ނުވަ ހެޓްރިކް ރޮނާލްޑޯ ހެދިއިރު އޭގެތެރެއިން ހަތް ހެޓްރިކް ހެދީ 30 އަހަރުގެ ފަހުންނެވެ. އަނެއްކޮޅުން ރޭ ޖެހި ގޯލާއެކު މި އަހަރު ރޮނާލްޑޯ ވަނީ 14 ގޯލު ޕޯޗުގަލް ޓީމަށް ޖަހައިދީފަ އެވެ. މީގެ ކުރިން އެއް އަހަރެއްގައި ރޮނާލްޑޯ އެންމެ ގިނަ ގޯލު ޖެހީ 2016 ވަނަ އަހަރު އެވެ. އެ އަހަރު ޖެހީ 13 ގޯލެވެ.

“ހުރިހާ ރެކޯޑަކީ ވެސް މުގުރާލެވޭނެ ރެކޯޑުތައް. އަހަރެން އެ ރެކޯޑް މުގުރާލާނަން” ޗެމްޕިއަން ޕޯޗުގަލް ޔޫރޯއަށް ކޮލިފައިކޮށްދިން މެޗަށް ފަހު އަލީ ދާއީގެ ރެކޯޑް މުގުރާލާނެ ކަމުގެ ޔަގީންކަން ދެމުން ރޮނާލްޑޯ ބުންޏެވެ.

ރޭގެ މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ގޯލު ބެނާޑޯ ސިލްވާގެ އެހީތެރިކަމާއެކު ފުރަތަމަ ހާފުގައި ޖަހައިދިނީ ސްޕޯޓިން ލިސްބަންގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އެވެ. ޕޯޗުގަލަށް ލީޑު ފުޅާކޮށްދިން ގޯލު ރޮނާލްޑޯ ޖެހީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. އެޓީމުގެ ޑިއޯގޯ ޖޯޓާ ފޮނުވާލި ބޯޅަ ރޮނާލްޑޯ ގޯލުގެ ތެރެއަށް ވައްދާލީ ރޮނގުމަތިންނެވެ.

ޕޯޗުގަލް ހިމެނުނު ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ޔޫރޯއިން ފުރުސަތު ޔޫކްރޭން އެވެ. އެޓީމުން އަށް މެޗުގައި 20 ޕޮއިންޓް ހަމަކުރިއިރު ޕޯޗުގަލަށް އަށް މެޗުން ލިބުނީ 17 ޕޮއިންޓެވެ. ރޭ އަމިއްލަ ދަނޑުގައި ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވުމުން މި ގްރޫޕުގެ ތިން ވަނަ 14 ޕޮއިންޓާއެކު ލިބުނީ ސާބިއާ އަށެވެ. ޔޫރޯގެ ޖާގައެއް ހޯދަން އެޓީމުން ޖެހޭނީ ޕްލޭ އޮފްގައި ވާދަކުރާށެވެ.

ކޮލިފައިންގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ރޮނާލްޑޯ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. ޕޯޗުގަލާއެކު ކޮލިފައިންގެ ދެ މެޗު ކުޅުމުގެ ކުރިން ރޮނާލްޑޯ ކުޅެމުން އަންނަ އިޓަލީގެ ޔުވެންޓަސްގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ކޯޗު މައުރީޒިއޯ ސާރީ، ރޮނާލްޑޯ ބަދަލުކުރުމާއި ގުޅިގެން އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ރޭގެ މެޗަށް ފަހު ރޮނާލްޑޯ ބުނީ އޭނާ އަދިވެސް އެއްކޮށް ފިޓު ނޫންކަމަށެވެ.

“އަހަރެން ހުރީ 100 ޕަސެންޓް ފިޓުކޮށެއް ނޫން އަދި މިހާރުވެސް އެވަރަށް ފިޓެއް ނޫން. މިދިޔަ ތިން ހަފްތާ އަހަރެން ކުޅުނީ އަސްލު ހުންނަންޖެހޭ ފިޓްނެސްގައި ހުރެގެނެއް ނޫން” ރޮނާލްޑޯ ބުންޏެވެ.

“އެކަމަކު އަހަރެންގެ ކްލަބާއި ގައުމަށް އަމިއްލަ ނަފްސު ގުރުބާންކުރަންޖެހުނީމަ އަހަރެން އެކަން ކުރާނީ ފަހުރާއެކު” އުމުރުން 34 އަހަރުގައި ވެސް އެއް ފެންވަރެއްގައި ކުޅެމުން އަންނަ ރޮނާލްޑޯ ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *