ދަންވަރު ބޭރަށް ނުކުތުމުން ޓީސީގެ ބިމަލް ނޭޕާލް ޓީމުން ބޭރުކޮށްފި

Advertisement

ދަންވަރު ބޭރަށް ނުކުތުމުން ޓީސީގެ ބިމަލް ނޭޕާލް ޓީމުން ބޭރުކޮށްފި

ޢަލީ ޝަހީމް

ވޯލްޑް ކޮލިފައިންގައި ކުވޭތާ ދެކޮޅަށް ކުޅެން އޮތް މެޗަށް ތައްޔާރުވާން ނޭޕާލްގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ކޭމްޕުގައި އުޅުނު ޒުވާން ފޯވާޑް ބިމަލް ގާތީ މަގަރް، ޓީމުގެ ހުއްދައެއް ނެތި ދަންވަރު ބޭރަށް ނުކުތުމުން އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަނުން (އަންފާ) އިން އޭނާ ޓީމުން ބާކީކޮށްފި އެވެ. ޓީމުގެ ހުއްދައެއް ނެތި ދަންވަރު ބޭރުގައި އުޅުމުން ބިމަލްގެ އިތުރުން ގައުމީ ޓީމުގެ އިތުރު ތިން ކުޅުންތެރިއަކު ވެސް ވަނީ ބާކީކޮށްފަ އެވެ. އުމުރުން 21 އަހަރުގެ ބިމަލް އަކީ މި ސީޒަނުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.

ކޮލިފައިންގައި ކުވޭތާ ދެކޮޅަށް ނޭޕާލުން އަންނަ އަންގާރަ ދުވަހު މެޗު ކުޅެން ކުރިން ހަމަޖެއްސީ އެގައުމުގެ އެންމެ ބިޔަ ފުޓްބޯޅަ ސްޓޭޑިއަމް، ދަސާރާތު ރަންގަސާލާ ސްޓޭޑިއަމްގަ އެވެ. އެކަމަކު މެޗުގެ ކުރިން އެ ދަނޑުގެ މަރާމާތުގެ މަސައްކަތް އަންފާއަށް ނިންމާނުލެވުމުން މިހާރު މެޗު ކުޅޭގޮތަށް ހަމަޖެހިފައިވަނީ ބޫޓާނުގެ ތިންޕޫގަ އެވެ. އެ މެޗަށް ތައްޔާރުވުމަށް ބާކީކުރި ހަތަރު ކުޅުންތެރިން ނުލައި ނޭޕާލްގެ ފުޓްބޯޅަ ޓީމު އިއްޔެ ވަނީ ބޫޓާނަށް ގޮސްފަ އެވެ.

ބިމަލްގެ އިތުރުން ގައުމީ ޓީމުން ބާކީކުރި އަންޖަން ބިސްތާ އާއި ޑިނޭޝް ރާޖްބާންޝީ އަދި ސަންޓޯޝް ޓަމާންގް އެވެ. ނޭޕާލުގެ ކުޅިވަރު ނޫސް ގޯލް ނޭޕާލަށް ދިން އިންޓަވިއުއެއްގައި އަންފާގެ ސްޕޯކްސްޕާސަން ކިރަން ރާއީ ބުނެފައިވަނީ ބިމަލްއާ އެކު އަނެއް ތިން ކުޅުންތެރިން ބާކީކުރަން ނިންނީ ޓީމުން ކަނޑައަޅާފައިވާ އުސޫލާ ހިލާފުވެފައިވާތީ ކަމަށެވެ. ރާއީ ބުނީ ތިން ކުޅުންތެރިންވެސް ޓީމުގެ ކޭމްޕުގައި ތިބެފައި ރޭގަނޑު ވަގުތުން މަޖާ ކުރުމަށް ބޭރަށް ދިއުމަކީ ޓީމުގެ ގަވާއިދާ ހިލާފު އަމަލެއް ކަމަށެވެ.

ޓީމުގެ ކޭމްޕުގައި ތިބެފައި މި ހަތަރު ކުޅުންތެރިން ބޭރަށް ނުކުތީ ހޮނިހިރު ދުވަހުގެ ރެ އެވެ. މި ކުޅުންތެރިން ދަންވަރު ގަޑީގައި ބޭރަށް ނުކުމެ ވަގުތު ހޭދަކުރީ އެގައުމުގެ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަމެލްގަ އެވެ. ތަމެލްއަކީ ފަތުރުވެރިންނަށް އަމާޒުކޮށްގެން ރޭގަނޑު ގަޑީގައި އެކި ހަރަކާތްތައް އޮންނަ އަވަށެވެ.

ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނާއި ހަވާލާދީ ރާއީ ބުނީ ކުވޭތު މެޗަށް ފަހު އެ ކުޅުންތެރިންގެ މައްސަލަ އިތުރަށް ބަލައި ހަރުކަށި އަދަބު ދޭނެ އެވެ.

“މިއީ އަހަރެމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. ކުވޭތު މެޗަށް ފަހު ބައްދަލުވުމެއް ބާއްވާފައި މި ކުޅުންތެރިންނަށް ހަރުކަށި އަދަބު ދޭނަން” ރާއީ ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުން ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަނުން ބޭނުންވަނީ މި ކުޅުންތެރިން ދިގު މުއްދަތަކަށް ޓީމުން ސަސްޕެންޑް ކުރާށެވެ. ކޯޗު ޖޯހަން ކާލިންގެ މަޝްވަރާއާއެކު މި ކުޅުންތެރިން ޓީމުން ބާކީކުރިއިރު ބަދަލުގައި ހިމަނާފައިވަނީ އެންމެ ކުޅުންތެރިއެކެވެ. ކުވޭތާ ވާދަކުރުމަށް އިއްޔެ ބޫޓާނަށް ދިޔަ ނޭޕާލްގެ ގައުމީ ޓީމުގައި މިހާރު ހިމެނެނީ 20 ކުޅުންތެރިންނެވެ.

ކޮލިފައިންގެ ދެ ވަނަ ބުރުގެ ގްރޫޕް ބީގައި ހިމެނޭ ނޭޕާލުން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ހަމައެކަނި މޮޅެއް ލިބުނީ ޗައިނީސް ތައިޕޭ އަތުންނެވެ. ނޭޕާލާއި ކުވޭތު އަދި ޗައިނީސް ތައިޕޭގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ އޮސްޓްރޭލިއާ އާއި ޖޯޑަން އެވެ.

ޓީމާއެކު ކޭމްޕުގައި ތިބެފައި ގަވާއިދާ ހިލާފުވާ ކުޅުންތެރިންނަށް ފުޓްބޯޅަ އިދާރާތަކުން މީގެ ކުރިން ވެސް ވަނީ ހަރުކަށި އަދަބުދީފަ އެވެ. ނޭޕާލުގެ ކުޅުންތެރިންނަށް ދިން އަދަބާއި ގުޅިގެން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެއީ ކުޅުންތެރިންގެ ފަރާތުން ފެނިގެންވާނެ އަމަލެއް ނޫންކަމަށް ބުނެ އެސޯސިއޭޝަނުގެ ނިންމުން ދިފާއުކޮށްފަ އެވެ.

ބިމަލްއަކީ ނޭޕާލުގެ ގައުމީ ޓީމުގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. 2012 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގައި ބަރާބަރަށް ހިމެނެމުން އަންނަ ބިމަލް ވަނީ އެގައުމަށް ކުޅެދިން 35 މެޗުގައި 8 ގޯލު ޖަހައިފަ އެވެ. ބިމަލްގެ ކުޅުން އެންމެ ބޮޑަށް ފާހަގަކުރެވުނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ސާފް ސުޒުކީ ކަޕްގަ އެވެ.

ގައުމީ ޓީމުން ބިމަލް ދިގު މުއްދަތަކަށް ބާކީކުރާނެ ކަމަށް ބެލެވޭއިރު އޭނާ ކުޅެމުން އަންނަ ޓީސީ ސްޕޯޓްސް ކްލަބް ލީގުގައި އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ފ. ނިލަންދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *