ޖަރުމަނު، ނެދަލެންޑްސް އަދި ކްރޮއޭޝިއާ ޔޫރޯ އަށް ކޮލިފައިވެއްޖެ

Advertisement

ޖަރުމަނު، ނެދަލެންޑްސް އަދި ކްރޮއޭޝިއާ ޔޫރޯ އަށް ކޮލިފައިވެއްޖެ

ޢަލީ ޝަހީމް

ޔޫއެފާ ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން ޕޮއިންޓް ކަށަވަރުކޮށް ޖަރުމަނާއި، ނެދަލެންޑްސް އަދި ކްރޮއޭޝިއާ އަންނަ އަހަރު އޮންނަ ޔޫރަޕިއަން ޗެމްޕިއަންޝިޕަށް ކޮލިފައިވެއްޖެ އެވެ. ކޮލިފައިންގައި ނެދަލެންޑްސް އާއި ޖަރުމަނަށް އަދި ބާކީ އެއް މެޗު އޮތްއިރު ކްރޮއޭޝިއާ ވަނީ ހުރިހާ މެޗެއް ކުޅެފަ އެވެ.

ޖަރުމަނު ޔޫރޯގެ ޖާގައެއް ކަށަވަރުކުރީ ރޭ 4-0 ގެ ބޮޑު ތަފާތަކުން ބެލަރުސް ބަލިކޮށްގެންނެވެ. މި ގްރޫޕުން ނެދަލެންޑްސް ފުރުސަތު ހޯދީ ރަށުން ބޭރުގައި ނޮދަލް އަޔަލެންޑާ 0-0 އިން އެއްވަރުކޮށްގެންނެވެ. މޮޅަކާއެކު ޖާގައެއް ޔަގީންކުރަން ނުކުން ކްރޮއޭޝިއާ ރޭ ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ސްލޮވާކިއާ ބަލިކޮށްފަ އެވެ.

Advertisement

ގްރޫޕް ސީގައި ރޭ ޖަރުމަނުން ބެލަރުސް ބަލިކުރި މެޗުގައި ގޯލުތައް ޖަހައިދިނީ މަތިއެސް ގިންޓާ އާއި ލިއޮން ގޮރެޓްޒްކާ އަދި ޓޯނީ ކްރޫސް އެވެ. ކްރޫސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. ޖަރުމަނުގެ އިތުރުން މި ގްރޫޕުން ނެދަލެންޑްސް އަށް ޔޫރޯއިން ފުރުސަތު ލިބުނީ ރޭ ކުޅުނު އަނެއް މެޗުގައި ނޮދަން އަޔަލެންޑަށް ނެދަލެންޑްސް ބަލިނުކުރެވުމުންނެވެ. މި މެޗަށް ނެދަލެންޑްސް ނުކުތްއިރު އެޓީމަށް މަދުވެގެން ޕޮއިންޓެއް ހޯދުން އޮތީ މަޖުބޫރުވެފަ އެވެ. ކޮލިފައިންގެ ކުރީކޮޅު ނޮދަން އަޔަލެންޑް ގްރޫޕުގެ ކުރީގައި އޮތްނަމަވެސް އެޓީމަށް މައްސަލަތައް ކުރިމަތިވީ ފަހުން ކުޅުނު މެޗުތަކުން ބަލިވުމުންނެވެ. ރޭ އަމިއްލަ ސަޕޯޓަރުން ކުރިމަތީ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގަން ނޮދަން އަޔަލެންޑަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފަ އެވެ. އެޓީމުގެ ކެޕްޓަން ސްޓީވެން ޑޭވިސް ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިންނެވެ. ރޭގެ މެޗުން އެއްވަރުވެ ގްރޫޕުގެ ގަދަ ދެޓީމުގެ ތެރޭގައި ހިމެނިގެން ޔޫރޯއިން ފުރުސަތު ނުލިބުނު ނަމަވެސް އަންނަ އަހަރު އޮންނަ ޕްލޭއޮފް ބުރު ކާމިޔާބުކޮށްގެން ނޮދަން އަޔަލެންޑަށް ޔޫރޯގެ ފުރުސަތު ލިބޭނެ އެވެ.

ގްރޫޕް ސީގެ އެއް ވަނައިގައި މިހާރު އޮތީ ހަތް މެޗުން 18 ޕޮއިންޓް ހޯދާފައިވާ ޖަރުމަނެވެ. ދެ ވަނައިގައި އޮތް ނެދަލެންޑްސް އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ނޮދަން އަޔަލެންޑަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ހަތަރު ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތް ބެލަރުސް އާއި ޕޮއިންޓަކާއެކު ފުލުގައި އޮތް އެސްޓޯނިއާ އަށް މާކުރިން ވަނީ ފުރުސަތު ގެއްލިފަ އެވެ.

ނެދަލެންޑްސް އެންމެ ފަހުން ބޮޑު މުބާރާތެއްގައި ކުޅުނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށް ފަހު 2016 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާއި މިދިޔަ އަހަރު އޮތް ވޯލްޑް ކަޕުން އެގައުމަށް ފުރުސަތެއް ނުލިބުނެވެ. އެކަމަކު އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކައި އެޓީމު ވަނީ އަލުން ޔޫރަޕްގެ ގަދަ ބާރަކަށް ވެފަ އެވެ. އަންނަ އަހަރުގެ ޔޫރޯއިން ފުރުސަތު ހޯދިއިރު ނެދަލެންޑްސް ވަނީ ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ވެސް މި އަހަރު ކުޅެފަ އެވެ. ފައިނަލުގައި އެގައުމު ބަލިވީ ޕޯޗުގަލް އަތުންނެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އިން ރޭ ސްލޮވޭކިއާ ބަލިކުރީ ފަހަތުން އަރައި ޖެހި ގޯލުތަކުންނެވެ. މެޗުގައި ސްލޮވޭކިއާއަށް ލީޑު ނަގައިދިނީ 32 ވަނަ މިނެޓުގައި ރޮބާޓް ބޮޒެނިކް ޖަހައިދިން ގޯލުންނެވެ. ކްރޮއޭޝިއާ އިން ނަތީޖާ އެޓީމު ކޮޅަށް އަނބުރާލީ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުންނެވެ. އެޓީމުގެ ފުރަތަމަ ގޯލު ނިކޮލާ ވްލަސިޗް 56 ވަނަ މިނެޓުގައި ޖެހިއިރު އޭގެ ހަތަރު މިނެޓު ފަހުން ލީޑު ނަގައިދިނީ ބްރޫނޯ ޕެޓްކޮވިޗް އެވެ. ސްލޮވޭކިއާއަށް މައްސަލަތައް ކުރިމަތިވީ މެޗުގެ 66 ވަނަ މިނެޓުގައި އެޓީމުގެ ރޮބާޓް މެކް އަށް ރެފްރީ ރަތްކާޑު ދެއްކުމުންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ސްލޮވޭކިއާ ކޮޅަށް ކްރޮއޭޝިއާގެ ތިން ވަނަ ގޯލު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗް އެވެ.

މެޗުން ބަލިވިޔަސް ގްރޫޕުގެ ފަހު މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ސްލޮވޭކިއާއަށް އަދިވެސް ޔޫރޯއަށް ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ. މި ގްރޫޕުގައި ރޭ ވޭލްސް ވަނީ ރަށުން ބޭރުގައި 2-0 އިން އަޒަރުބައިޖާން ބަލިކޮށްފަ އެވެ.

ގްރޫޕް އީގެ އެއް ވަނަ ކްރޮއޭޝިއާ ކަށަވަރުކުރީ ކުޅުނު ހުރިހާ މެޗަކުން 18 ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުގައި ބާކީ އޮތް ހަތަރު ޓީމަށް އަދި ބާކީ މެޗެއް އެބައޮތެވެ. ދެ ވަނައިގައި 12 ޕޮއިންޓާއެކު ހަންގެރީ އޮތްއިރު ތިން ވަނައިގައި އޮތީ 11 ޕޮއިންޓް ލިބިފައިވާ ވޭލްސް އެވެ. ހަތަރު ވަނައިގައި 10 ޕޮއިންޓާއެކު ސްލޮވާކިއާ އޮތްއިރު ޔޫރޯއަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވަނީ ޕޮއިންޓަކާއެކު ފުލުގައި އޮތް އަޒަރުބައިޖާނަށެވެ.

ގްރޫޕް ސީގެ ފަހު މެޗުތަކުގައި ވޭލްސް އަމިއްލަ ދަނޑުގައި ހަންގެރީއާ ދެކޮޅަށް ނުކުންނައިރު އަމިއްލަ ދަނޑުގައި ސްލޮވޭކިއާ ނުކުންނާނީ އަޒަރުބައިޖާނާ ދެކޮޅަށެވެ. ވޭލްސްއާ ހަންގެރީ ވާދަކުރާ މެޗު އެއްވަރުވެ އަޒަރުބައިޖާން އަތުން ސްލޮވޭކިއާ މޮޅުވެއްޖެ ނަމަ އެޓީމަށް ޔޫރޯއިން ފުރުސަތު ލިބޭނެ އެވެ. ވޭލްސް އަންނަ އަހަރުގެ މުބާރާތުން ފުރުސަތު ލިބޭނީ ހަންގެރީ ބަލިކޮށްގެންނެވެ. ހަންގެރީއަށް ވެސް ކޮލިފައިންގެ ޖާގައެއް ކަށަވަރު ކުރެވެން އޮތީ ފަހު މެޗުގައި ވޭލްސް ބަލިކޮށްގެންނެވެ. އެކަމަކު ސްލޮވޭކިއާއަށް އަޒަރުބައިޖާން ބަލިނުކުރެވި ހަންގެރީން ވޭލްސް އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ޔޫރޯއިން ފުރުސަތެއް އެޓީމަށް ލިބޭނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *