ފިންލެންޑް އަލަށް ޔޫރޯ އަށް ކޮލިފައިވެ މުޅި ގައުމަށް އުފާވެރިކަމެއް

Advertisement

ފިންލެންޑް އަލަށް ޔޫރޯ އަށް ކޮލިފައިވެ މުޅި ގައުމަށް އުފާވެރިކަމެއް

ފަހުމިނެޓް

ޔޫރޯ ކޮލިފައިންގައި ރޭ ފިންލެންޑުން އަމިއްލަ ދަނޑުގައި ލިކްޓެންސްޓައިން 3-0 އިން ބަލިކޮށް އަންނަ އަހަރުގެ ޔޫރޯ މުބާރާތުން ޖާގަ ކަށަވަރު ކޮށްފިއެވެ. މިއީ ފިންލެންޑްގެ ތާރީހުގައި ވެސް އެގައުމު މުބާރާތަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

ކޮލިފައިން ގުރޫޕް ޖޭގައި ބާކީ އެއް މެޗު އޮއްވާ ފިންލެންޑުން ޔޫރޯގެ ޖާގަ ކަށަވަރުކުރީ ގުރޫޕްގައި ހިމެނޭ އިޓަލީގެ ފަހަތުން ގުރޫޕްގެ ދެވަނަ ޔަގީން ކޮށްގެންނެވެ. ރޭގެ މެޗުގައި ފިންލެންޑުން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ ޔާސޭ ތުމިނެން އެވެ. މިއީ 24 އަހަރުގެ ފޯވަޑް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ފިންލެންޑްގެ ދެވަނަ ގޯލާއި ތިންވަނަ ގޯލް މެޗުގެ ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ނޯވިޗް ސިޓީގެ ފޯވަޑް ޓީމޫ ޕޫކީ އެވެ. 29 އަހަރުގެ ޕޫކީ ވަނީ ކޮލިފައިން ގައި ފިންލެންޑުން މިހާތަނަށް ކުޅުނު 9 މެޗުން 9 ގޯލް ޖަހާދީފައެވެ.

ފުރިހަމަ ވަގުތު ހަމަވުމުން ރެފްރީގެ ކަށީގަނޑާއެކު މެޗް ބަލަން ދަނޑަށް ވަދެ ތިބި އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ޓީމާއެކު އުފާފާޅު ކޮށްފައެވެ. ދަނޑުމަތީގައި ކުޅުންތެރިންނާއި ޓީމް އޮފިޝަލުންނާއެކު އެއްވެތިބި ސަޕޯޓަރުން އުފާފާޅުކުރަމުން ދިޔައިރު، ދަނޑު ކައިރީގައި ހަވާއެރުވުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފިންލެންޑް 18 ޕޮއިންޓާއެކު ގުރޫޕްގެ ދެވަނައިގައި އޮތީ، ތިންވަނައިގައި އޮތް 2004 ގެ ޔޫރޯ ޗެމްޕިއަން ގްރީސްއަށް ވުރެން 7 ޕޮއިންޓް ކުރީގައެވެ. ކޮލިފައިން ފަހު މެޗުގައި ފިންލެންޑް އަންނަ ހޯމަ ދުވަހުގެ ރޭ ނުކުންނާނީ ގްރީސް އާ ދެކޮޅަށެވެ.

ފިންލެންޑް 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތަށް ކޮލިފައި ވުމާއެކު އެޓީމުން ވަނީ ވޭތުވެދިޔަ 81 އަހަރުތެރޭ ވޯލްޑް ކަޕް އަދި ޔޫރޯ ކޮލިފައިންގައި ވާދަކުރި 32 ފަހަރު ކުރިމަތިވި ނާކާމިޔާބީ އަށް ނިމުމެއް ގެނެސްފައެވެ. މީގެ ކުރިން 2008 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިން ގައި ފިންލެންޑް ގުރޫޕްގެ ހަތަރުވަނައިގައި ނިންމާލީ މޮޅުވާން މަޖުބޫރުވި ފަހުމެޗުގައި ޕޯޗުގަލްއާ ކުޅެ އެއްވަރުވުމުންނެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިން ގައި ވެސް ފިންލެންޑް ނިންމާލީ ގުރޫޕްގެ ހަތަރު ވަނައިގައި އޮވެއެވެ.

ފިންލެންޑް ގައުމީ ޓީމުގެ ކޯޗަކީ އެގައުމުގެ ކުރީގެ ޑިފެންޑަރ މާކޫ ކަނޭވާއެވެ. 55 އަހަރުގެ ކަނޭވާ އަކީ މީގެ 10 އަހަރު ކުރިން އެގައުމުގެ 21 އަހަރުން ދަށުގެ ޓީމު އެ އުމުރުފުރާގެ ޔޫރޯ މުބާރާތަށް ކޮލިފައި ކޮށްދިން ކޯޗެވެ. އަދި ޓީމްގެ ކެޕްޓަން، 32 އަހަރުގެ ޓިމް ސްޕާވް އަކީ 2009 ވަނަ އަހަރުގެ 21 އަހަރުން ދަށުގެ ޔޫރޯ މުބާރާތުގައި ވެސް ފިންލެންޑް ޓީމުގެ ކެޕްޓަނެވެ. ހަމަ އެއާއެކު ޓީމޫ ޕޫކީ އާއި ޑިފެންޑަރު ޔޫނާ ތޮއިވޯ އާއި ޔޫކާ ރަތިއާލާ އަކީ ވެސް އެއަހަރުގެ 21 އަހަރުން ދަށުގެ ޓީމުގައި ހިމެނިގެން ކުޅުނު ކުޅުންތެރިންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *