މެސީ ބްރެޒިލް ކޮޅަށް ގޯލް ޖަހައި އާޖެންޓީނާ މޮޅުކޮށްދީފި
ފުޓްބޯޅައިގައި ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ވާދަވެރި ދެ ގައުމު ކަމަށްވާ އާޖެންޓީނާ އާއި ބްރެޒިލް ރޭ ވާދަކުރި ބައިނަލްއަގްވާމީ ރަހްމަތްތެރިކަމުގެ މެޗްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ގޯލާއެކު އެޓީމުން ބްރެޒިލް ބަލިކޮށްފިއެވެ. ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ކުޅުނު މި މެޗުން އެންމެ ފަހުގެ ކޮޕާ އެމެރިކާ ޗެމްޕިއަން ބްރެޒިލްގެ މައްޗަށް އާޖެންޓީނާ އިން ކުރި ހޯދީ 0-1 އިންނެވެ.
ރޭގެ މެޗަކީ މިއަހަރުގެ ޖުލައި މަހު ބްރެޒިލްގައި އޮތް ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ތަމްސީލްކުރި ފަހުން އެޓީމްގެ ޖޯޒީގައި މެސީ ކުޅުނު ފުރަތަމަ މެޗެވެ. މެޗްގައި އާޖެންޓީނާއިން ޖެހި ހަމައެކަނި ގޯލް މެޗްގެ 13 ވަނަ މިނެޓްގައި މެސީ ކާމިޔާބުކޮށްދިން އިރު މި ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއެއް މެސީ ފޮނުވާލުމުން ބްރެޒިލްގެ ގޯލްކީޕަރު އެލިސަން މަތަކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު އަލުން އެ ބޯޅަ ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މިއީ މިހާތަނަށް މެސީ އާޖެންޓީނާ އަށް ކާމިޔާބުކޮށްދިން 69 ވަނަ ލަނޑެވެ. ކޮޕާ އެމެރިކާއަށް ފަހު އާޖެންޓީނާގެ ޓީމުން މެސީ ނުފެނި ދިޔައީ އެ މުބާރާތް އިންތިޒާމްކުރާ ފަރާތް ކަމަށްވާ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓްބޯޅައިގެ މައި އިދާރާ ކޮމްބޮލް އަށް ނިސްބަތްކޮށް މެސީ ކުރި ތުހުމަތުތަކާއި ގުޅިގެން އެކަމުގެ އަދަބެއްގެ ގޮތުން އެފަރާތުން މެސީ ތިން މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރުމުންނެވެ. އެ މުބާރާތުގެ ސެމީ ފައިނަލްގައި ބްރެޒިލް އަތުން އާޖެންޓީނާ ބަލިވި މެޗަށްފަހު މެސީ ބުނެފައިވަނީ ކޮޕާ އެމެރިކާ މުބާރާތަކީ ބްރެޒިލްއަށް ފައިދާވާ ގޮތަށް ބާއްވައިފައިވާ މުބާރާތެއް ކަމަށެވެ.
ރޭގެ މެޗްގައި އާޖެންޓީނާއިން ގޯލްޖެހުމުގެ ކުރިން ބްރެޒިލްއަށްވެސް ޕެނަލްޓީ އެއް ލިބުނެވެ. އެކަމަކު މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ފޯވާޑް ގަބްރިއެލް ޖެސުސް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނެވެ ބޭރަށެވެ. މެޗްގައި އާޖެންޓީނާ އަށް ލީޑް ފުޅާ ކުރަން އިތުރު ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު ކެޕްޓަން ލިއޮނަލް މެސީ އާއި ލައުޓާރޯ މާޓިނޭޒް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.
ރޭގެ މެޗަކީ ކޮޕާ އެމެރިކާ މުބާރާތަށްފަހު ބްރެޒިލް އިން ކުޅުނު ފަސް ވަނަ މެޗަށް ވީއިރު އެ ފަސް މެޗްވެސް ނިމިފައިވަނީ މޮޅެއް ނުހޯދިއެވެ. ބްރެޒިލް އިން ދެންކުޅޭ ރަހްމަތްތެރިކަމުގެ މެޗްގައި އަންނަ އަންގާރަ ދުވަހު ދެކުނު ކޮރެއާ އާއި ދެކޮޅަށް ޔޫއޭއީ ގެ ވެރިރަށް އަބޫދާބީގައި ނުކުންނަން ހަމަޖެހިފައިވާއިރު އާޖެންޓީނާ އަންނަ ހޯމަދުވަހު ވާދަކުރަން ހަމަޖެހިފައިވަނީ އުރުގުއޭ އާއެވެ. އެކަމަކު އިޒްރޭލް ގެ ވެރިރަށް ޓެލް އަވީވް ގައި ކުޅެން ހަމަޖެހިފައިވާ އެ މެޗް މިހާރު އެ ސަރަހައްދުގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ކެންސަލްވުމަކީ ގާތްކަމެކެވެ.
Advertisement
Leave a Reply