ތުލުސްދޫ ދާއިރާ އަށް ހާއްސަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވަނީ

Advertisement

ތުލުސްދޫ ދާއިރާ އަށް ހާއްސަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވަނީ

ޢަލީ ޝަހީމް

ކ. ތުލުސްދޫގެ މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިއެޓް) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ތުލުސްދޫ ދާއިރާގެ ރަށްތަކާއި މާލޭގެ އުތުރުން އޮންނަ ކ. އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ “މިއެޓް ފުޓްސަލް ފިއެސްޓާ 2019” ގައި ބައިވެރިވުމުގެ މުއްދަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ. ތުލުސްދޫގެ އިތުރުން އެ ދާއިރާގައި ހިމެނެނީ ދިއްފުށި، ހިންމަފުށި އަދި ހުރާ އެވެ.

މިއީ މިއެޓް ޖަމިއްޔާއިން މި މުބާރާތް ކުރިއަށްގެންދާ ދެ ވަނަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރި ހަތް ޓީމުގެ ތެރޭގައި ދެ ރިސޯޓު ވެސް ހިމެނެ އެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ މި އަހަރުގެ މުބާރާތުގައި ބޮޑު ހިތި އައިލެންޑް ރިސޯޓުން ވާދަކުރާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. މުބާރާތުގެ ބައިވެރިވުމަށް އެދޭ ޓީމުތަކުން  9753437، 9632117 އަދި 7904543 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް މިއެޓް ޖަމިއްޔާއިން ވަނީ އެދިފަ އެވެ. މި އަހަރުގެ މުބާރާތް ތުލުސްދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާނީ އަންނަ މަހުގެ 5 ވަނަ ދުވަހުން 13 ވަނަ ދުވަހާއި ހަމައަށެވެ.

ތުލުސްދޫގައި އަޅާފައިވާ ފެންވަރު ރަނގަޅު ޓާފް ފުޓްސަލް ދަނޑުގައި ކުރިއަށްގެންދިޔަ މި މުބާރާތުގައި މިދިޔަ އަހަރު ހަތް ޓީމަކުން ވާދަކުރިއިރު ޗެމްޕިއަންކަން ހޯދީ ތުލުސްދޫ ކަންމަތި އެފްސީ އެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހިންމަފުށީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން ކޯޗު ސުޒޭން ކުޅުންތެރިންނާ ސަލާން ކުރަނީ

މިދިޔަ އަހަރު ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިންނާއި ފުޓްބޯޅަ ކުޅުންތެރިން ވަނީ ކުޅެފަ އެވެ. މިގޮތުން ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ އިބްރާހީމް ސިނާހް (ސިނާ) އާއި އަލީ ހާފިޒް (ހާއްޕެ) އަދި ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ނާއިޒް ހަސަން (ދާދު) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކެއް އެ މުބާރާތުގައި ކުޅުނެވެ.

މުބާރާތުގައި ވާދަވެރިކަން މިދިޔަ އަހަރު ވަރަށް ބޮޑަށް ފެނިގެންދިޔައިރު ފައިނަލް މެޗު ބެލުމަށް ހިންމަފުށީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ތުލުސްދޫއަށް ގޮސްފަ އެވެ. މުބާރާތް އިންތިޒާމުކުރާ މިއެޓް ޖަމިއްޔާއިން ބުނީ ވޭތުވެދިޔަ އަހަރު މުބާރާތަށް ލިބުނު މަގްބޫލުކަމާއެކު މިއަހަރުގެ މުބާރާތް އިތުރަށް ފުރިހަމަވާނެ ކަމަށެވެ.

“ފުރަތަމަ މުބާރާތް ވެސް މި ފެނުނީ ވަރަށް ވާދަވެރި ވަރަށް ފޯރިގަދަ މުބާރާތެއްގެ ގޮތުގައި. މިއެޓް ޖަމިއްޔާއިން މި އަހަރުގެ މުބާރާތަށް މިދަނީ އިތުރަށް ތައްޔާރުވަމުން. މިދިޔަ އަހަރަށްވުރެ މުބާރާތުގެ ހުރިހާ ކަމެއްވެސް މި އަހަރު މާ ފުރިހަމަ ވާނެ. ޓީމުތައް ގިނަވި ވަރަކަށް މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެންދާނެ” ފިއެސްޓާގެ ކޯޑިނޭޓަރު އަދި ޖަމިއްޔާގެ ނާއިބު ރައީސް އަހުމަދު އަޝްފާގު “ފަހުމިނެޓް” އާ ވާހަކަ ދައްކަމުން ބުންޏެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ކަންމަތި އެފްސީ ތަށި އުފުލާލަނީ

މި މުބާރާތުގެ މިދިޔަ އަހަރުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭންގެ އިތުރުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީގެ މަގާމުގައި ހުންނެވި ނާއިފް ޝައުކަތު އެވެ. މިއެޓް ޖަމިއްޔާއިން ބުނީ މުބާރާތް ބޭއްވުމުގެ މަގްސަދަކީ ދާއިރާގެ ރަށްތަކަކީ ފުޓްބޯޅައިގެ ހުނަރު އޮންނަ ރަށްތަކަށް ވެފައި ގިނަ ރިސޯޓުތަކެއް ވެސް އަތޮޅުގައި އޮތުމާއެކު ޗުއްޓީއާ ދިމާކޮށް ފޯރިގަދަ ފުޓްސަލް މުބާރާތެއް ބޭއްވުން ކަމަށެވެ.

އެކި ބޭނުންތަކަށް ކައިރި ރަށްތަކުންނާއި ރިސޯޓުތަކުން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ތުލުސްދޫއަށް ޒިޔާރަތް ކުރެ އެވެ. އަދި ފެންވަރު ރަނގަޅު ގެސްޓް ހައުސްގެ ހިދުމަތް އެރަށުން ލިބޭތީ ފަތުރުވެރިންގެ މެދުގައިވެސް އެރަށަކީ މިހާރު މަގްބޫލު ރަށެކެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އައި އިންޑިއާގެ ބެންގަލޫރު އެފްސީން މެޗުގެ ކުރިން ކޭމްޕް ކުރީ ތުލުސްދޫގައި ހުންނަ ސީޒަން ޕެރެޑައިޒް ގެސްޓް ހައުސްގަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ދުވަހު ކުޅެން އޮތް މެޗަށް ބެންގަލޫރު އެފްސީ ރާއްޖެ އައިސް ތުލުސްދޫގައި ކޭމްޕް ކުރިއިރު އެފަހަރު އެޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީވެސް އެރަށުގައި އޮންނަ ޓާފް ދަނޑުގަ އެވެ. އެއީ އޭފްއެފްސީ ކަޕް ކުޅެން ރާއްޖެ އައި ބޭރުގެ ޓީމެއް އަތޮޅުތެރޭގެ ރަށެއްގައި ކޭމްޕްކުރި ފުރަތަމަ ފަހަރެވެ. އެފަހަރު ބެންގަލޫރު ޓީމު ތިބި ސީޒަން ޕެރެޑައިޒް ގެސްޓް ހައުސްއަކީ ރާއްޖޭގައި ހުރި އެންމެ ހިތްގައިމު އަދި އެންމެ ބޮޑު އެއް ގެސްޓް ހައުސް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 10،000 ރުފިޔާ ދޭނެ އެވެ. މިދިޔަ އަހަރު މި މުބާރާތުގެ ރަނަރަޕް ޓީމަށް ދިނީ 5000 ރުފިޔާ އެވެ.

“މި މުބާރާތް ކުރިއަށް ގެންދަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު. އެ ހުރިހާ ފަރާތްތަކަށް މި ޖަމިއްޔާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއަހަރުގެ މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލެވިފަ. އަޅުގަނޑުމެންގެ ނަންބަރަށް ގުޅުއްވައިގެން ސްޕޮންސަރ ކުރުމުގެ ހުރިހާ މައުލޫމާތެއް ލިބޭނެ” އަޝްފާގު ބުންޏެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *