1000 ވަނަ މެޗުން ސްޓައިލްގައި މޮޅުވެ އިންގްލެންޑް ޔޫރޯ އަށް

އިންގްލެންޑް ފުޓްބޯޅަ ޓީމުން ކުޅުނު 1000 ވަނަ މެޗުގައި ބޮޑު ތަފާތަކުން މޮންޓެނީގްރޯ ބަލިކޮށް އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގައެއް ކަށަވަރުކޮށްފި އެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ހާއްސަ މެޗުން އިންގްލެންޑް ރޭ މޮޅުވީ 7-0 އިންނެވެ. މި މެޗުގެ ކުރިން އިންގްލެންޑުން ވަނީ ކުރީގެ ލެޖެންޑުންނާއެކު ޕެރޭޑެއް ބާއްވައި އަދި 1966 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމުގެ ކުޅުންތެރިންނަށް މެޗަށް ދައުވަތުދީފަ އެވެ.
ފުޓްބޯޅައިގައި އިންގްލެންޑުން ކުޅުނު 1000 މެޗުގެ ތެރެއިން އެގައުމުން ވަނީ 569 މެޗު ކާމިޔާބުކޮށްފަ އެވެ. 241 މެޗުން އެއްވަރުވިއިރު ބަލިވީ 190 މެޗުންނެވެ. އަނެއްކޮޅުން ރޭގެ ހާއްސަ މެޗު ހަތް ގޯލުގެ ތަފާތަކުން ކާމިޔާބުކުރުމާ އެކު މިއީ 1987 ވަނަ އަހަރުގެ ފަހުން އެންމެ ބޮޑު ތަފާތަކުން އަމިއްލަ ގައުމުގައި އެޓީމުން މެޗެއް ކާމިޔާބުކުރި ފަހަރެވެ. އެންމެ ބޮޑު ތަފާތަކުން އިންގްލެންޑުން މެޗެއް ކާމިޔާބުކުރީ 1987 ވަނަ އަހަރު 8-0 އިން ތުރުކީ ބަލިކޮށްގެންނެވެ.
ރޭގެ މެޗަށް އިންގްލެންޑް ނުކުތުމުގެ ކުރިން އެޓީމުގެ ސްކޮޑުން ރަހީމް ސްޓާލިން ވަނީ ބާކީކޮށްފަ އެވެ. ސްޓާލިން ބާކީކުރީ އިންގްލެންޑުގެ ފަރިތަކުރުންތަކުގައި ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޯމޭޒްއާ ހަމަނުޖެހުން ހިންގުމުންނެވެ. މި ދެކުޅުންތެރިންގެ ހަމަނުޖެހުން އެންމެ ފުރަތަމަ ފެށުނީ މިދިޔަ އާދީއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން 3-1 އިން މެންޗެސްޓަރ ސިޓީ ބަލިކުރި މެޗުގަ އެވެ. އެ މެޗުގައި މައްސަލަ ފެށުނީ ލިވަޕޫލްގެ ޑިފެންޑަރު ގޯމޭޒް ސްޓާލިންއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ރޭގެ މެޗުގައި ސްޓާލިން ނުކުޅުނު ނަމަވެސް ދެ ވަނަ ހާފުގައި ގޯމޭޒް ބެންޗުން ކުޅެން އެރުމުން އިންގްލެންޑުގެ ސަޕޯޓަރުން ވަނީ ގޯމޭޒްއާ ދިމާކޮށްފަ އެވެ. ގޯމޭޒްއާ ސަޕޯޓަރުން ދިމާކުރުމުން ސްޓާލިން ވަނީ ގޯމޭޒްގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ. މެޗަށް ފަހު ސްޓާލިން ބުނީ މައްސަލަ ގޯސްވީ އޭނާގެ ސަބަބުން ކަމަށާއި ސަޕޯޓަރުން ގޯމޭޒްއާ ދިމާކުރުމުން ދެރަވާ ކަމަށެވެ.
“އަހަރެންނަށް ވަރަށް އުނދަގޫވި އަހަރެންގެ ސަބަބުން ވީ ކަމެއްގައި ސަޕޯޓަރުން ގޯމޭޒްއާ ދިމާކުރީމަ” ސްޓާލިން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
ރޭގެ މެޗުގައި އިންގްލެންޑުން ޖެހި ހަތް ގޯލުގެ ތެރެއިން ކެޕްޓަން ހެރީ ކޭން ވަނީ ހެޓްރިކް ހަދައިފަ އެވެ. ރޭގެ ހެޓްރިކާއެކު ކޭން ވަނީ އިންގްލެންޑަށް މިހާތަނަށް 31 ގޯލު ޖަހައިދީފަ އެވެ. ކޭންގެ އިތުރުން އެޓީމަށް ގޯލުތައް ޖަހައިދިނީ އަލެކް އޮކްސްލޭޑް ޗެމްބަލައިން އާއި މާކަސް ރަޝްފާޑް އަދި ޓަމީ އަބްރަހަމް އެވެ. އިންގެލުން ހަ ވަނަ ގޯލަކީ މޮންޓެނީގްރޯގެ އަލެކްސަންޑަ ސޮފްރަނަޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އިންގްލެންޑް ހިމެނޭ ގްރޫޕް އޭއިން ރޭ ޗެކްރި ޕަބްލިކް ވެސް ވަނީ ޔޫރޯގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ރޭ އެޓީމުން ވަނީ ޔޫރޯގެ ޖާގައެއް ހޯދުމަށް މަސައްކަތްކުރި ކޮސޯވޯގެ މައްޗައް އަމިއްލަ ދަނޑުގައި 2-1 އިން ކުރި ހޯދާފަ އެވެ. ކޮލިފައިންގެ ފަހު މެޗުތަކަށް ދާއިރު އިންގްލެންޑް ވަނީ 18 ޕޮއިންޓާއެކު ގްރޫޕުގެ އެއް ވަނަ ކަށަވަރުކޮށްފަ އެވެ. ދެ ވަނަ 15 ޕޮއިންޓާއެކު ޗެކްރި ޕަބްލިކަށް ލިބުނުއިރު ތިން ވަނައިގައި އޮތް ކޮސޯވޯއަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.
އަންނަ އަހަރު އޮންނަ ޔޫރޯގައި އިންގްލެންޑް ހިމެނޭނީ ގްރޫޕް ޑީގަ އެވެ. އަމިއްލަ ގައުމުގައި ކުޅެ މި ގްރޫޕުން އެއް ވަނަ ހޯދައިފި ނަމަ ދެ ވަނަ ބުރުގެ މެޗު އިންގްލެންޑް ކުޅެން ޖެހޭނީ އަޔަލެންޑްގެ ޑަބްލިންގަ އެވެ. އޭރުން ކުއާޓާ ފައިނަލް މެޗު އޮންނާނީ އިޓަލީގެ ރޯމްގަ އެވެ. ގްރޫޕުގެ ދެ ވަނައިގައި އިންގްލެންޑް ނިންމާލައިފި ނަމަ ދެ ވަނަ ބުރުގެ މެޗު އޮންނާނީ ޑެންމާކުގެ ކޯޕެންހާގަން ނުވަތަ ރަޝިއާގެ އެސްޓީ ޕީޓަސްބާގްގަ އެވެ. ގްރޫޕުގެ ތިން ވަނަ ޓީމުގެ ގޮތުގައި އިންގްލެންޑް ދެ ވަނަ ބުރަށް ކޮލިފައިވެއްޖެ ނަމަ މެޗުތައް ކުޅޭ ސްޓޭޑިއަމް ޔަގީންވާނީ ފަހުންނެވެ.
Advertisement


Leave a Reply