ނުވަ ވަނަ ހެޓްރިކާ އެކު ރޮނާލްޑޯ 100 އާ ގާތަށް

Advertisement

ނުވަ ވަނަ ހެޓްރިކާ އެކު ރޮނާލްޑޯ 100 އާ ގާތަށް

ޢަލީ ޝަހީމް

ގައުމީ ޓީމަށް ހަދައިދިން ނުވަ ވަނަ ހެޓްރިކާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ކެރިއަރ ގައި ޕޯޗުގަލަށް 100 ގޯލު ހަމަކުރުމާއި ގާތަށް ޖެހިލައިފި އެވެ. ޔޫރޯ ކޮލިފައިންގައި ރޭ ރޮނާލްޑޯ ހެދި ހެޓްރިކާއެކު އަމިއްލަ ދަނޑުގައި ޕޯޗުގަލުން ވަނީ 6-0 އިން ލިތުއޭނިއާ ބަލިކޮށްފަ އެވެ. ރޭގެ މެޗުގައި ޖެހި ގޯލުތަކާއެކު ރޮނާލްޑޯ ވަނީ ޕޯޗުގަލަށް 98 ގޯލު ޖަހައިދީފަ އެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީގެން ލިސްޓުގެ އެއް ވަނައިގައި އޮތީ އީރާނުގެ ކުރީގެ ފޯވާޑް އަލީ ދާއީ އެވެ. 109 ގޯލާއެކު އަލީ ދާއީ އެއް ވަނައިގައި އޮތްއިރު މި ރެކޯޑު މުގުރާލުމަށް ރޮނާލްޑޯ އިތުރަށް ބޭނުންވަނީ 12 ގޯލެވެ. ގައުމީ ޓީމަށް ޖަހައިދިން 98 ވަނަ ގޯލާއެކު އަލީ ދާއީގެ ރެކޯޑް މުގުރާލުމަށް ރޮނާލްޑޯ އަށް އޮތް އެންމެ ރަނގަޅު ފުރުސަތަކީ ކޮލިފައިންގެ ފަހު މެޗާއި ރަހްމަތްތެރިކަމުގެ މެޗުތަކުގެ އިތުރުން އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތެވެ.

ރޮނާލްޑޯގެ ނުވަ ހެޓްރިކްގެ ތެރެއިން ހަތް ހެޓްރިކް ހެދީ އުމުރުން 30 އަހަރުގެ ފަހުންނެވެ. މި އަހަރު ޕޯޗުގަލް ޓީމަށް ރޮނާލްޑޯ 13 ގޯލު ޖަހައިދީފައިވާއިރު މި އަދަދަށް ރޮނާލްޑޯ ވަނީ 2016 ވަނަ އަހަރު ވެސް ގައުމީ ޓީމަށް ގޯލު ޖަހައިދީފަ އެވެ. ޔޫރޯ ކޮލިފައިންގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ލަގްޒެމްބާގާ ދެކޮޅަށް ގޯލު ޖަހައިފިނަމަ މި އަހަރު ވެގެންދާނީ 34 އަހަރުގެ ރޮނާލްޑޯއަށް ގައުމީ ޓީމުގައި އެންމެ ގިނަ ގޯލު ޖަހައިދިން އަހަރަށެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ދެ ގޯލުވެސް ޖަހައިދިނީ ރޮނާލްޑޯ އެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ގޯލު ޖެހިއިރު ދެ ވަނަ ގޯލު ޖެހީ 22 ވަނަ މިނެޓުގަ އެވެ. ޕޯޗުގަލްގެ ފަހު ހަތަރު ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. ރޮނާލްޑޯގެ އިތުރުން އެޓީމުގެ އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ ޕިއްޒީ އާއި ގޮންސާލޯ ޕެޝިއެންޝިއާ އަދި ބެނާޑޯ ސިލްވާ އެވެ.

ޕޯޗުގަލް ހިމެނޭ ގްރޫޕް ބީ އިން ޔޫރޯ ކޮލިފައިންގެ ޖާގައެއް މިހާރު ޔަގީންކޮށްފައިވަނީ ޔޫކްރޭން އެވެ. 19 ޕޮއިންޓާއެކު ޔޫކްރޭނަށް އެއް ވަނަ ލިބޭއިރު ޕޯޗުގަލް ދެ ވަނައިގައި އޮތީ 14 ޕޮއިންޓް ހޯދައިގެންނެވެ. ޕޯޗުގަލާއެކު މި ގްރޫޕުން ކޮލިފައިވާން މަސައްކަތް ކުރަމުން އަންނަ ސާބިއާ ރޭ ވަނީ އަމިއްލަ ދަނޑުގައި 3-2 އިން ލަގްޒެމްބާގް ބަލިކޮށްފަ އެވެ. ސާބިއާއަށް 13 ޕޮއިންޓާއެކު ލިބެނީ ތިން ވަނަ އެވެ.

ކޮލިފައިންގެ އެހެން މެޗުތަކަށް ބަލާއިރު އިންގްލެންޑާއި ޗެކްރި ޕަބްލިކް އަދި ފްރާންސާއި ތުރުކީ ރޭ ވަނީ ޔޫރޯއަށް ކޮލިފައިވެފަ އެވެ. ފްރާންސް ހިމެނޭ ގްރޫޕުން ޔޫރޯގެ ފުރަތަމަ ޖާގަ ތުރުކީ ހޯދީ ރޭ އަމިއްލަ ދަނޑުގައި އައިސްލެންޑާ ވާދަކޮށް 0-0 އިން އެއްވަރުކޮށްގެންނެވެ. ތުރުކީން އައިސްލެންޑާ އެއްވަރުކުރުމުން ފްރާންސުން ރޭ އަމިއްލަ ދަނޑުގައި އެންޑޯރާ މެޗަށް ނުކުތުމުގެ ކުރިން ޔޫރޯގެ ޖާގައެއް ޔަގީންވި އެވެ. ރޭ ފްރާންސުން އެންޑޯރާ 2-1 އިން ބަލިކުރި މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ ޑިފެންޑަރު ރަފައެލް ވެރާން އާއި އޮލިވިއޭ ޖިރޫޑް އެވެ. ފްރާންސް މޮޅުވި ގޯލު މެޗުގެ 79 ވަނަ މިނެޓުގައި ޖިރޫޑް ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

ގްރޫޕް އެޗްގެ އެއް ވަނަ 22 ޕޮއިންޓާއެކު ފްރާންސަށް ލިބޭއިރު ތުރުކީއަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. މި ދެޓީމާއި އެންމެ ގާތުން ވާދަކުރި އައިސްލެންޑަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. ކޮލިފައިންގެ ފަހު މެޗުތަކުގައި ކޮންމެ ނަތީޖާއެއް ނުކުތަސް އައިސްލެންޑަށް ކޮލިފައިވުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *