ބަލިވުމުން ސެގާޓް އެދުނީ މައާފަށް!
ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އިއްޔެ ހަވީރު ފިލިޕީންސް އަތުން 2-1 އިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިވި މެޗަށް ފަހު ކޯޗު ޕީޓަ ސެގާޓް ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިއްޖެ އެވެ. އެންމެ ދަށްވެގެން ގްރޫޕުގެ ތިން ވަނަ ހޯދުމަށް އިއްޔެގެ މެޗު ކާމިޔާބުކުރަން ރާއްޖެއަށް އޮތީ މަޖުބޫރުވެފަ އެވެ. އެކަމަކު މެޗުން ބަލިވުމުން ގްރޫޕުގައި އިތުރަށް ކުރިއަށް ދިއުމުގައި ރާއްޖެއަށް މިވަނީ ގިނަ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ފިލިޕީންސާ ދެކޮޅަށް ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމުން އިއްޔެ މޮޅު ކުޅުމެއް ދެއްކި ނަމަވެސް އެޓީމުން ރާއްޖޭގެ މައްޗަށް ކުރި ހޯދީ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުންނެވެ. ފުރަތަމަ ހާފުގައި ފިލިޕީންސަށް ލިބުނު ޕެނަލްޓީއެއް ޕެޓްރިކް ރެއިޝެލްޓް ފޮނުވާލުމުން ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ ހުށިޔާރުކަމާ އެކު ޕެނަލްޓީ މަތަކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ފިލިޕީންސަށް ލީޑު ނަގައިދިން ގޯލު ޖަހައިދިނީ އިއާން ރަމްސޭ އެވެ. އޭގެ އިރުކޮޅެއް ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ޕެޓްރިކް އެވެ. މެޗުގައި ރާއްޖޭގެ ހަމައެކަނި ގޯލު އިތުރު ވަގުތުގައި ޖެހީ ނާއިޒް ހަސަން (ދާދު) އެވެ.
“ސަޕޯޓަރުން ގެނެސްދިން ފޯރިއަށް ޝުކުރުއަދާކުރަން. ކުޅުންތެރިންވެސް ހުރިހާ މަސައްކަތެއް ކުރި. އަހަރެން ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން މޮޅުނުވެވުނީމަ. އަދި ފަހުން އެއްވަރު ނުކުރެވުނީ. އަހަރެން އަބަދުވެސް ހުންނާނީ ކުޅުންތެރިންނާއެކު” މެޗަށް ފަހު މާފަށް އެދެމުން ސެގާޓް ބުންޏެވެ.
ރާއްޖޭން އިއްޔެގެ މެޗު ފެށީ އަސަދުﷲ އަބްދުﷲ އާއި އަލީ ފާސިރު (ސެންޓޭ) އަދި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ޓީމުގައި ތިބި އަނެއް ތިން ފޯވާޑުން ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) އަދި ދާދު އިނީ ބެންޗުގަ އެވެ. މެޗުގައި ދަގަނޑޭ އާއި ދާދު ފުރަތަމަ އެގާރައިގައި ނުހިމެނުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. މި ދެކުޅުންތެރިންނާއި ރިޒޭގެ ބޭނުން ސެގާޓް ހިފީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
ފުރަތަމަ ހާފުގައި ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅައެއް ފިލިޕީންސަށް ކުޅޭ އިނގިރޭސި ކްލަބް ކާޑިފް ސިޓީގެ ގޯލްކީޕަރު ނީލް އެތެރިޖް މަތަކުރިއިރު އޭގެ ފަހުން ރާއްޖޭގެ ފޭދޫ އިއްބެ އާއި ސެންޓޭ ގުޅިގެން ފިލިޕީންސް ގޯލަށް ނުރައްކާކުރަން ވަނީ މަސައްކަތްކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ފިލިޕީންސުން ކައުންޓަ އެޓޭކުގައި ބޮޑަށް ރާއްޖެއަށް ނުރައްކާ ކުރިއިރު އެޓީމުގެ ރަމްސޭ އާއި ޖޯން-ޕެޓްރިކް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ރަމްސޭއަށް ލިބުނު ބޯޅަ ބޮލުގައި ލައްވާނުލިއިރު ޕެޓްރިކް ފޮނުވާލި ހަމަލާ ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ ވަނީ ބްލޮކްކޮށްފަ އެވެ. މެޗުގައި ފިލިޕީންސަށް ޕެނަލްޓީ ލިބުނީ 31 ވަނަ މިނެޓުގަ އެވެ. މިއީ އެޓީމުން ނެގި ކޯނަރެއްގައި ރާއްޖޭގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ފައިސަލް ވަނީ ވިސްނުންތެރިކަމާއެކު އެ ޕެނަލްޓީ މަތަކޮށްފަ އެވެ.
ރާއްޖެއަށް މެޗުގައި ގޯލު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ ދެ ވަނަ ހާފު ފެށިގެން ފޭދޫ އިއްބެ އަށެވެ. އަސަދުﷲ ހުސްކޮށްލާފައި ފޭދޫ އިއްބެއަށް ދިން ބޯޅަ ހިފައިގެން ގޮސް ގޯލަށް ޖަހަން އުޅުނު ވަގުތު އެބޯޅައަށް ހުރަސްއެޅީ ފިލިޕީންސްގެ ތަޖުރިބާކާރު ގޯލްކީޕަރު އެތެރިޖް އެވެ. ފޭދޫ އިއްބެއަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުން ފިލިޕީންސުން ވަނީ 53 ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. ރާއްޖޭގެ މެދުތެރެއިން ދޫވި ބޯޅައެއްގައި ރަމްސޭއަށް ލިބުނު ބޯޅަ ހިފައިގެން ގޮސް ވައްދާލީ ގޯލުގެ މަތީ ދާގަނޑަށެވެ. މި ގޯލު ރަމްސޭ ޖެހިއިރު ރާއްޖޭގެ ޑިފެންސަށް ރަމްސޭ އޮފްސައިޑް ކޮށްލުމުގެ ފުރުސަތު ވެސް ލިބުނެވެ. އެކަމަކު އެވަގުތު ފެނުނީ ޑިފެންސް ރޫޅިފައި އޮތްތަނެވެ. ފިލިޕީންސުން މެޗުގެ ދެ ވަނަ ގޯލު 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕެޓްރިކް އެވެ. އެޓީމުގެ ކުޅުންތެރިން ފުލުފުލުގައި ފޮނުވާލި ހަމަލާތަކުގައި ބޯޅަ ދެ ފަހަރު ވަނީ ހުރަސް ދަނޑީގައި ވެސް ޖެހިފަ އެވެ. ދެ ވަނަ ފަހަރު ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ޕެޓްރިކް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ހުހަށް ހުރެ އެވެ. މެޗުގެ ބާކީ ބައިގައި ދަގަނޑޭ އާއި ރިޒޭ އަދި ދާދު ކުޅެން އެރުވުމުން ރާއްޖޭން ވަނީ ކުރިއަށް ޖެހި ހަމަލާތައް ވަރުގަދަކޮށްފަ އެވެ. ފޭދޫ އިއްބެ ދިން ބޯޅައެއް ރިޒޭ ފޮނުވާލުމުން ކީޕަރު އެތެރިޖް މަތަކުރިއިރު އޭގެ ފަހުން ދަގަނޑޭއަށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ މަތިންނެވެ. މެޗުގެ އިތުރު ވަގުތުގައި ދާދު ގޯލު ޖެހީ ދަގަނޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މެޗަށް ފަހު ސެގާޓްގެ ވާހަކައިގައި އިތުރަށް ބުނީ ފިލިޕީންސަށް ލިބުނީ ނަސީބު މޮޅެއް ކަމަށާއި ނަތީޖާ ދިޔައީ ބޭނުންވި ގޮތަށް ނޫން ކަމަށެވެ.
“މެޗު ދިޔަގޮތް އެންމެނަށް ވެސް ފެންނާނެ. އަހަރެން ދެކޭގޮތުގައި ފިލިޕީންސަށް މިއީ ނަސީބު މޮޅެއް. ރާއްޖޭގެ ޓީމުގެ ނަސީބު ދެރައީ. މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ ލީޑު ނަގަން އަހަރެމެން ފުރުސަތުވެސް ތަނަވަސްކުރިން. އެކަމަކު 100 ޕަސެންޓް ޔަގީންކަމާއެކު ނިންމާލެވެން ޖެހޭ ފުރުސަތު ވެސް ލިބި މިހެން މިވީ” މެޗަށް ދުރާލާ ތައްޔާރުވެ ޕޮއިންޓެއް ނުލިބުމުން މާޔޫސްވެފައިހުރި ސެގާޓް ބުންޏެވެ.
ކޮލިފައިންގައި ރާއްޖޭން ދެން މެޗެއް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި ގުއާމާ ދެކޮޅަށެވެ. އެއަށްފަހު ކޮލިފައިންގައި ބާކީ މެޗުތައް ކުޅޭނީ އަންނަ އަހަރު އެވެ. ގުއާމް މެޗުގެ އިތުރުން ރާއްޖެއަށް ބާކީ އޮންނާނީ ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ ފަހު މެޗެވެ.
މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ސީރިއާ އިން ވަނީ 2-1 އިން ރޭ ޗައިނާ ބަލިކޮށްފަ އެވެ. ސީރިއާގެ ހޯމް ދަނޑުގެ ގޮތުގައި ދުބާއީގައި ކުޅުނު މެޗުން އެޓީމު މޮޅުވުމުން ގްރޫޕްގެ އެއް ވަނައިގައި ވަނީ ފަސް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސީރިއާއަށް 12 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ރާއްޖެއަށް ތިން ޕޮއިންޓާއެކު ހަތަރު ވަނަ ލިބޭއިރު ފުލުގައި އޮތް ގުއާމަށް ތިން މެޗުން ޕޮއިންޓެއް ނުލިބެ އެވެ. އޭޝިއަން ކަޕްގެ ސީދާ ޖާގައެއް ލިބޭނީ އަށް ގްރޫޕުގެ އެއް ވަނަ ޓީމުތަކަށާއި ދެ ވަނަ ހޯދާ އަށް ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާގައި ދެ ވަނަ ހޯދާ ހަތަރު ޓީމަކަށެވެ.
ރޭ ސީރިއާ އަތުން ބަލިވި މެޗަށް ފަހު 2006 ވަނަ އަހަރު އިޓަލީއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ތަޖުރިބާކާރު ކޯޗު މާސެލޯ ލިއްޕީ ވަނީ ޗައިނާގެ ކޯޗުކަމުން ވަކިވެފަ އެވެ. ލިއްޕީ އިސްތިއުފާ ދިންއިރު ކޮލިފައިންގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ރޭ ބަލިވިއިރު އޭގެ ކުރިން ފިލިޕީންސް ދަނޑުގައި ވަނީ ގޯލެއް ނުޖެހި އެއްވަރުވެފަ އެވެ. ލިއްޕީ އަށް މޮޅެއް ލިބުނީ ރާއްޖެ އާއި ގުއާމް އަތުންނެވެ. ޗައިނާގެ ނަތީޖާތަކާއި ގުޅިގެން ލިއްޕީ އަށް ފާޑުކިޔުން އަމާޒުވިއިރު މިއީ އޭނާ އެގައުމުގެ ކޯޗުކަމުން އިސްތިއުފާދިން ދެ ވަނަ ފަހަރެވެ. ލިއްޕީ އެންމެ ފުރަތަމަ އިސްތިއުފާ ދިނީ މި އަހަރުގެ ޖެނުއަރީ މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި އޮތް އޭއެފްސީ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުގައި އިރާން އަތުން ބަލިވެ ޗައިނާ ކެޓުމުންނެވެ. ލިއްޕީ އިސްތިއުފާ ދިނުމުން ޗައިނާއިން ވަނީ ކުޑަ ދުވަސްކޮޅަކަށް ލިއްޕީގެ އިރުޝާދުގެ ދަށުން ވޯލްޑް ކަޕް ކާމިޔާބުކުރި ކެޕްޓަން ފަބިއޯ ކަނަވާރޯއާ ޓީމު ހިންގުން ހަވާލުކޮށްފަ އެވެ. އެކަމަކު ޗައިނާގެ ކްލަބަކަށް އޭރު ކޯޗުކޮށްދެމުން ދިޔަ ކަނަވާރޯ ވެސް ފަހުން ގައުމީ ކޯޗުކަން ދޫކޮށްލި އެވެ. ވޯލްޑް ކަޕް ކޮލިފައިންއާ ގާތްވެފައި އޮތްވައި ލިއްޕީއާ އަލުން ޗައިނާގެ ކޯޗުކަން ހަވާލުކުރީ އެހެން ކޯޗެއް ހޯދުމަށް ވަގުތު ނެތުމާއި ރަނގަޅު ކޯޗެއްގެ ހުށަހެޅުން ޗައިނާއަށް ނުލިބުމުންނެވެ.
Advertisement
Leave a Reply