އަންހެން ވޮލީ ޓީމަށް ރިހި މެޑަލް، ކުރި ހިތްވަރަށް ސާބަސް
އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވަރުގަދަ ނޭޕާލާ ވާދަކޮށް ބަލިވެ ރާއްޖޭގެ އަންހެން ވޮލީ ޓީމުން ރިހި މެޑަލާ އެކު މުބާރާތް ނިންމާލައިފި އެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޝަހީދު ސުރަވާރުދީ އިންޑޯ ސްޓޭޑިއަމްގައި މިއަދު މެންދުރު ފަހު ކުޅުނު ފައިނަލް މެޗުން ރާއްޖޭގެ އަންހެން ވޮލީ ޓީމް ބަލިވީ ތިން ސެޓުންނެވެ.
މިއީ ބައިނަލްއަގްވާމީ މުބާރާތުން ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. މިފަހަރުގެ މުބާރާތަށް ދިޔައިރު ރާއްޖޭގެ ޓީމުން އަމާޒުހިފީ އެންމެ ދަށްވެގެން މެޑަލެއް ކަށަވަރު ކުރުމަށެވެ. އެހެންނަމަވެސް، ކުޅުންތެރިންގެ ހިތްވަރުން ލީގު ބުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ރާއްޖޭގެ ޓީމު ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއަދުގެ މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ 25-13، 25-12 އަދި 25-08 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖޭން ވަނީ މޮޅަށް ކުޅެ ލީޑު ނަގައިފަ އެވެ. އެކަމަކު އިސްކޮޅާއި ތަޖުރިބާގެ ބޭނުންހިފައި ނޭޕާލް ޓީމުން ވަނީ ފަހަތުން އަރައި ރާއްޖޭގެ މައްޗަށް ލީޑު ނަގައި ފުރަތަމަ ސެޓު ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ ހަތް ޕޮއިންޓާއި ހަމައިން ރާއްޖެ ލީޑުގައި އޮތްއިރު މި ސެޓުގައި ނޭޕާލުން ލީޑު ނެގީ އަށް ވަނަ ޕޮއިންޓާ ހަމައިންނެވެ. އެއަށްފަހު މި ސެޓުގެ ބާކީ ބައިގައި ނޭޕާލުން ވަނީ އިތުބާރާއެކު ކުޅެ 25-13 އިން ސެޓު ގެންގޮސްފަ އެވެ.
ދެ ވަނަ ސެޓު ފަށައިގެން ނޭޕާލުން ވަނީ އެއް ރޫހެއްގައި ކުޅެ ފަސޭހަކަމާ އެކު 25-12 އިން ސެޓު ކާމިޔާބުކޮށްފަ އެވެ. މި ސެޓުގައި ރާއްޖޭގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނުއިރު ނޭޕާލުން ފޮނުވާލި ގިނަ ހަމަލާތައް ބްލޮކް ކުރުމުގައި ވަނީ ނާކާމިޔާބުވެފަ އެވެ. އަދި ސަރވިސް ނުބައިވެ މި ސެޓުގައި ރާއްޖެއަށް ބައެއް ޕޮއިންޓުތައް ވަނީ ގެއްލިފަ އެވެ.
މެޗުގެ ތިން ވަނަ ސެޓަށް ނުކުތްއިރު ރާއްޖޭގެ ޓީމުން ފުރަތަމަ ދެ ސެޓުގައި ނެރުނު ހިތްވަރު ނުފެނުނެވެ. އޭގެ ބަދަލުގައި ނޭޕާލުން ވަނީ ޖޯޝުގައި ކުޅެ ސެޓު ފެށިގެން ނިމެންދެން ބޮޑު ލީޑެއްގައި އޮވެ 25-08 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.
ލީގު ބުރުގައި ރާއްޖޭން ކުޅުނު ހަތަރު މެޗުގެ ތެރެއިން ހަމައެކަނި ބަލިވީ ނޭޕާލް އަތުންނެވެ. ލީގު ބުރުގައި ކުޅުނު މެޗުން ވެސް ނޭޕާލް ވަނީ ތިން ސެޓުން ރާއްޖެ ބަލިކޮށްފަ އެވެ. ފަސް ގައުމުން ވާދަކުރި މުބާރާތުގެ ލީގު ބުރުގެ ދެވަނަ ހޯދައިގެން ރާއްޖެ ފައިނަލަށް ދަތުރުކުރީ ކިރްގިސްތާނާއި މުބާރާތް ބޭއްވި ބަންގްލަދޭޝް އަދި އަފްގާނިސްތާން ބަލިކޮށްގެންނެވެ. ކިރްގިސްތާން އަތުން 3-2 އިން ރާއްޖެ މޮޅުވިއިރު ބަންގްލަދޭޝާއި އަފްގާނިސްތާން އަތުން ރާއްޖެ މޮޅުވީ ސީދާ ތިން ސެޓުންނެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ގައުމީ ފިރިހެން ވޮލީބޯލް ޓީމުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔަޗް ވެސް ވަނީ އަންހެން ޓީމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މިފަހަރުގެ އޭވީސީ މުބާރާތުގައި އަންހެން ޓީމަށް އިރުޝާދުދެނީ އެސިސްޓެންޓް ކޯޗު މުހައްމަދު ފައިސަލެވެ.
Advertisement
Leave a Reply