ދިވެހި ފުޓްބޯޅައަށް މުހިއްމު ދުވަހެއް، އެންމެން ބޮޑު އުއްމީދެއްގައި!

Advertisement

ދިވެހި ފުޓްބޯޅައަށް މުހިއްމު ދުވަހެއް، އެންމެން ބޮޑު އުއްމީދެއްގައި!

ޢަލީ ޝަހީމް

ރާއްޖޭގެ ކުޅިވަރުގައި އަބަދުވެސް އެންމެ ހާއްސަ އެއް ދުވަހަކީ ގައުމީ ފުޓްބޯޅަ ޓީމު މެޗު ކުޅޭ ދުވަހެވެ. ފުޓްބޯޅައިގެ ފޯރި ވަޅުޖެހެމުން ދިޔަނަމަވެސް ގައުމީ ޓީމު ކުޅޭ މެޗުތަކުގައި ގައުމީ ޖޯޝުގައި ދިވެހިންގެ ލޭ ކައްކުވާލަ އެވެ. ގައުމީ ޓީމުގެ މެޗުތައް ބަލަން ފަހަކަށް އައިސް ދަނޑަށް ވަންނަ މީހުންގެ އަދަދު މަދުވި ނަމަވެސް ދިވެހިން އަބަދު ވެސް ތިބެނީ ޓީމާއެކު އެވެ. ފުޓްބޯޅައިގެ ފޯރި ފަނޑުވަމުން ދިޔަނަމަވެސް ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެފްއޭއެމާއި ގައުމީ ޓީމުގެ ކަންކަމަށް ލަފާ ދިނުމަށް އެކުލަވާލި ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކާއެކު ފުޓްބޯޅައިގެ ފޯރި މިވަނީ އަލުން ގެނެސްފައޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ.

ގައުމީ ޓީމަށް ހިތްވަރާއި ސާބަސް ދިނުމަށް ގެނައި މި ފޯރިއަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގާ ގުޅިފައިވާ ކަމެކެވެ. ފުޓްބޯޅައިގައި ރާއްޖޭން އޭއެފްސީ އޭޝިއަން ކަޕަށް ދާން ކުރާ މަސައްކަތުގައި މިއަދަކީ އެ ފޯރި ނެރެ އަހަރެމެނަށް މިކަން ވާނެކަން ދައްކުވައިދޭން ބޭނުންވާ ދުވަހެކެވެ. ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި މިއަދު ހަވީރު ފިލިޕީންސް ބަލިކުރުމަކީ މުޅި ދިވެހި ގައުމުގެ އެދުމެވެ.

ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ވެސް ވަނީ ފުޓްބޯޅައިގެ ފޯރި އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. ސެގާޓް ބުނީ ފިލިޕީންސާ ގުއާމާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ޓީމުން ބޭނުންވި ވަރަށް ތައްޔާރުވެވުނު ކަމަށާއި އެކަމާއި ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މެޗަށް ތައްޔާރުވުމުގެ ގޮތުން މެލޭޝިއާގައި ކުރިއަށްގެންދިޔަ ކޭމްޕުގެ ކާމިޔާބުކަން ސިފަކުރަމުން ސެގާޓް ވަނީ އެކަމަށްޓަކައި އެފްއޭއެމަށް ޝުކުރު އަދާކޮށްފަ އެވެ. އެ ހުރިހާ ކަމަކާއެކު ސެގާޓް ބުނީ ރާއްޖޭގެ ޓީމާއެކު ނަތީޖާ ނެރުމަކީ އޭނާއަށް އޮތް ޕްރެޝަރެއް ކަމަށެވެ. އަދި، މިހާރު ސަޕޯޓަރުންގެ ފޯރި އިތުރަށް ގަދަވުމާއެކު ރާއްޖޭގެ ޓީމަށް ރަނގަޅު ނަތީޖާއެއް ނެރެދޭން ބޭނުންވާކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.

“ރާއްޖެ އައި ފުރަތަމަ ދުވަހުން ފެށިގެން އަހަރެންނަށް ޕްރެޝަރު އޮވޭ. އަހަރެމް މިތަނަށް އައީ ޖީލެއް ބަދަލުކުރަން. މާޗް 2018 ގައި އެންމެން ވެސް އަހަރެން ގާތު ބުނި ފުޓްބޯޅައިގެ ސްޓައިލް ބަދަލުކޮށް. އަހަރެމެން އާ ޖީލަކާއެކު ނުކުމެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިން. އެކަމަކު އިތުރު ކާމިޔާބީއަށް ދާން އަހަރެމެން ޖެހޭނެ ދުވަސްވެފައި ތިބި ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ވެސް ބޭނުންކުރަން” މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުންޏެވެ.

ގައުމީ ކޯޗް ސެގާޓް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ. ފޮޓޯ: އެފްއޭއެމް

ކޮލިފައިންގައި ފިލިޕީންސާ ގުއާމާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭ މެޗަށް ތައްޔާރުވާން މިނިސްޓަރު އަލީ ވަހީދު އިސްކޮށް ހުންނަވައިގެން ކޮމިޓީގެ މެމްބަރުން އަދި އެފްއޭއެމާއެކު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ފުޓްބޯޅަ ޓީމަށް ފުރިހަމަ ތަމްރީނު ކޭމްޕެއް ހޯދައިދިންއިރު މެޗުތަކުގެ މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި މިފަހަރު ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. މެޗަށް ތައްޔާރުކޮށްގެން ހާއްސަ ސަޕްލިމެންޓެއް ނެރުނުއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ގައުމީ ޖާޒީއާ އެކު އެ ސަޕްލިމެންޓް ހަދިޔާކުރައްވައިފަ އެވެ. މެޗަށް ސަޕޯޓަރުން ވެއްދުމަށް ފަހަކަށް އައިސް މަސައްކަތް ނުކުރާ ވަރަށް އެފްއޭއެމާއި ކޮމިޓީ ގުޅިގެން މަސައްކަތް ކުރިއިރު މިއަދު އެކަމުގެ ނަތީޖާ ގަލޮޅު ދަނޑުން ފެންނާނެ އެވެ. މިއަދުގެ މެޗަށް ގައުމީ ޓީމު ނުކުތުމުގެ ކުރިން ރޭ ވަނީ މެޗުގެ ފޯރިގަދަ ކުރުމަށް ބޮޑުބެރުގެ ހަރަކާތްތަކާއެކު ހާއްސަ ޝޯއެއް ކުރިއަށް ގެންގޮސްފަ އެވެ. ކޮމިޓީގެ ޗެއާމަން އަދި ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރުގެ ލިރިކްސްއާއެކު އާއްމުކުރި ފުޓްބޯޅައިގެ އާ ލަވައަކީވެސް މި ފޯރި ގެނައުމަށް ކުރެވުނު މުހިއްމު މަސައްކަތެކެވެ.

ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމަށް ފެށި މި ބުރަ މަސައްކަތުގެ ސަބަބުން މުޅި ޓީމަށް ވަނީ ހިތްވަރު ލިބިފަ އެވެ. އެކަން ކުޅުންތެރިން ފާހަގަކުރާއިރު، ކޯޗު ސެގާޓް ވެސް ވަނީ އެ ފޯރިގަދަވުމުގައި މުހިއްމު ސަބަބުތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ.

“ފެޑެރޭޝަން އަދި އެންމެންގެވެސް އުއްމީދުތައް ވެސް މިހާރު ވަރަށް ސާފު. ސުޒުކީ ކަޕްގައި ނެރުނު ރަނގަޅު ނަތީޖާއަށް ފަހު އަދި ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ރަނގަޅު މެޗުތަކާއެކު އެންމެންގެ އުއްމީދުތައްވެސް މަތިވެއްޖެ. ރާއްޖޭގެ ސަޕޯޓަރުންނަށް އަހަރެން ކުރަން އޮތް އެންމެ ބޮޑު ތައުރީފަކީ ފޯރި އަލުން ގެނައުމުގެ ތައުރީފް. ސަރުކާރު، މީޑިއާ އަދި ކުޅުންތެރިން ފަހަކަށް އައިސް ކުޅުނު ސްޓައިލް ވެސް އެއީ ފޯރިގަދަވި ސަބަބެއް” ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު ވަރުގަދަ ސްކޮޑެއް ހިމެނޭ ރާއްޖޭގެ ޓީމުގެ ކޯޗު ބުންޏެވެ.

ކޮންމެއަކަސް މިއަދު ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗު ފޯރިގަދަ ކުރުމަށް މަސައްކަތް ކުރުމުގެ އެންމެ މުހިއްމު މަގްސަދަކީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމެވެ. ރާއްޖޭގެ ތިން ހާހެއްހާ ސަޕޯޓަރުންގެ ފޯރީގެ އަޑު މިއަދު ތަފާތު ދަށްކާނެކަމާ މެދު ޝައްކެއް ނެތެވެ. ސަޕޯޓަރުންގެ އުއްމީދުތައް ހާސިލްކޮށްދިނުމުގައި ކުޅުންތެރިން ތިބީ މިއަދު ކޮންމެ ގުރުބާނީއެއް ވާން ވެސް ތައްޔާރަށެވެ. ކޯޗު ސެގާޓް ބުނީ ރައްޔިތުންނަށްޓަކައި ނަތީޖާ ނެރެދޭން އޭނާ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

“އަހަރެން ބޭނުންވަނީ ރާއްޖޭގެ ރައްޔިތުންނަށްޓަކައި ރަނގަޅު ނަތީޖާއެއް ނެރެން. ނަތީޖާ ނެރެވިއްޖެ ނަމަ އަދިވެސް ދެން އޮތް ހަރުފަތަށް (އޭޝިއަން ކަޕަށް ކޮލިފައިވުން) އުއްމީދު ކުރެވޭނެ. ސަބަބަކީ އަހަރެމެންގެ މިހާރުގެ އަމާޒަކީ އޭޝިއަން ކަޕަށް ދިއުން. އަހަރެންގެ ބެސްޓް ދޭނަށް މިކަން ކުރުމަށް” ސެގާޓް ބުންޏެވެ.

        ޗައިނާ މެޗަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ. ސެގާޓް ހުރިހާ ކުޅުންތެރިންނަށް ތައުރީފް ކުރި. ފޮޓޯ: މިހާރު

މިއަދުގެ މެޗަށް ނުކުންނައިރު ރާއްޖޭގެ ޓީމުގައި އަނިޔާގެ މައްސަލައެއް ނެތްއިރު މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭން އެކުލަވާލި އެންމެ ވަރުގަދަ ޓީމެވެ. ރާއްޖޭގެ ކޮންމެ ޑިޕާޓްމަންޓެއްގައިވެސް ފެންވަރު ރަނގަޅު ކުޅުންތެރިން ތިބިއިރު ސެގާޓް ބުނީ މިއަދުގެ މެޗު ކާމިޔާބުކުރަން ރާއްޖޭގެ ޑިފެންސިވް ޑިސިޕްލިން މުހިއްމުވާނެ ކަމަށެވެ.

އެންމެ ފަހުން ސީރިއާ ދެކޮޅަށް ރާއްޖޭން މޮޅު ކުޅުމެއް ދެއްކިއިރު އެ މެޗަށް ޓީމު ނުކުތީ މުހިއްމު ކުޅުންތެރިންތަކެއް ނުލަ އެވެ. ސަސްޕެންޝަނުގެ ސަބަބުން ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އާއި އިބްރާހީމް މަހުދީ ހަސަން (ފޭދޫ އިއްބެ) ނުކުޅޭއިރު އަނިޔާގެ ސަބަބުން އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ޓީމުގައި ހިމަނާފައެއްނުވެ އެވެ. އަދި ގައުމީ ޓީމަށް ނަގާފައިވަނިކޮށް ގުއާމް މެޗަށް ޓީމާއެކު ނުދިއުމުން އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ވެސް މިހާތަނަށް ކޮލިފައިންގެ މެޗެއްގައި ކުޅެފައެއްނުވެ އެވެ. އެކަމަކު މިއަދުގެ މެޗަށް ރާއްޖޭގެ ޓީމުން ނުކުންނާނީ މި ހުރިހާ ކުޅުންތެރިންނާއެކު އެވެ. މި ކުޅުންތެރިންނާއެކު ރާއްޖޭގެ ޓީމު ވަރުގަދަވެގެން ދިޔަނަމަވެސް ފަހަކަށް އައިސް ގައުމީ ޓީމުގެ ފުރަތަމަ އެގާރަގައި ހިމެނިގެން ކުޅޭ ޒުވާން ފޯވާޑް މުހައްމަދު ނާއިމަށް އަނިޔާ ވުމުގެ ސަބަބުން މިފަހަރުގެ ޓީމުގައި ހިމަނާފައެއްނުވެ އެވެ.

ކެޕްޓަން އަކްރަމް ސީރިއާ މެޗަށް ސަސްޕެންޝަނުގައި ހުރިނަމަވެސް އެ މެޗުގައި ޓީމުގެ ފަހަތުގައި ކުޅުނު އަހުމަދު ނޫމާން (ހެލްމެޓް) އާއި އަލީ ސަމޫހު (ސަމުއްޓޭ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސެގާޓް ވަނީ އަކްރަމް ނެތި އެތަން ފޫބައްދަން އެ މެޗުގައި ކުޅުނު ސަމުއްޓޭ އާއި ހެލްމެޓްގެ ކުޅުން ފާހަގަކޮށްފަ އެވެ.

“ސަމުއްޓޭ އަކޫ އަދި ހެލްމެޓްއާ އެކު އަހަރެމެންގެ ވަރުގަދަ ތިން ޑިފެންޑަރުން އެބަތިބި މިހާރު. އަހަރެންނަށް އެތަނުން ވަކި ކުޅުންތެރިއަކު ނަގަން ވެސް އުނދަގޫ. އެކަމަކު އަކޫ ކުޅޭނެ. ސީރިއާ މެޗަށް އަކޫ ސަސްޕެންޝަނުގައި ހުރި ނަމަވެސް ސަމުއްޓާއާ ހެލްމެޓް ދެއްކީ ވަރަށް މޮޅު ކުޅުމެއް. އެއް ފެންވަރެއްގެ ކުޅުންތެރިން ތިބުމަކީ ކުރިމަގަށް އޮތް ރަނގަޅެއް” ޑިފެންސުގައި ކުޅޭ ކުޅުންތެރިންނަށް ތައުރީފް ކުރަމުން ސެގާޓް ބުންޏެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކެއް ސީނިއާ ޓީމުގައި ހިމެނޭއިރު ސެގާޓް ބުނީ އެއްވެސް ކުޅުންތެރިއަކު އޭނާއަށް ތަފާތު ނުވާނެ ކަމަށެވެ. އަލީ އަޝްފާގް (ދަގަނޑޭ) އެކޭ އެއްގޮތަށް 18 އަހަރުގެ ފޯވާޑް ހަސަން ނަޒީމް (ޗޯޓު) ވެސް ގައުމީ ޓީމަށް މުހިއްމު ކަމަށް ސެގާޓް ބުންޏެވެ. ހުރިހާ ކުޅުންތެރިންނަށް ތައުރީފް ކުރަމުން ސެގާޓް ބުނީ މެޗަށް އަރާ ފުރަތަމަ އެގާރަ ކުޅުންތެރިންނަށް ވުރެ އޭނާއަށް މުހިއްމީ މުޅި މެޗުގެ ނަތީޖާ ކަމަށެވެ.

މިއަދުގެ މެޗަށް ނުކުންނައިރު ކޮލިފައިންގެ ގްރޫޕް އޭގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ސީރިއާ އެވެ. ދެ ވަނަގައި އޮތް ޗައިނާއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު ފިލިޕީންސް ތިން ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ރާއްޖެއަށް ތިން ޕޮއިންޓާއެކު ހަތަރު ވަނަ ލިބޭއިރު ގްރޫޕުގެ ފުލުގައި އޮތް ގުއާމަށް ޕޮއިންޓެއް ނުލިބެ އެވެ. މިއަދު ފިލިޕީންސްގެ މައްޗަށް ކާމިޔާބު ހޯދިއްޖެ ނަމަ ރާއްޖެއަށް ގްރޫޕުގެ ތިން ވަނައަށް އެރުމުގެ ފުރުސަތު ލިބޭނެ އެވެ. ރާއްޖެއާ ފިލިޕީންސް ވާދަކުރާ މެޗުގެ އިތުރުން މިއަދު އިރުއޮއްސި ހަތެއް ޖަހާއިރު ސީރިއާ އާއި ޗައިނާ ވާދަކުރާ މެޗު ދުބާއީގައި ކުޅޭނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *