އެހެން ހަރުފަތަކަށް ދާން މިއީ އެންމެ މުހިއްމު މެޗް: އަކްރަމް

ގައުމީ ފުޓްބޯޅަ ޓީމު އޭޝިއަން ކަޕަށްދާން ކުރާ މަސައްކަތުގައި އެންމެ މުހިއްމީ މިއަދު ފިލިޕީންސްގެ މައްޗަށް ކާމިޔާބު ހޯދުން ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) ބުނެފި އެވެ. މިއަދުގެ މެޗުގެ ކުރިން އިއްޔެ އޮތް ޕްރެސް ކޮންފަރެންސްގައި އަކްރަމް ބުނީ މުޅި މެޗަށް ޓީމު އޮތީ ވަރަށް ރޫހުގައި ކަމަށާއި އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ އެހީއާއެކު ފިލިޕީންސް ބަލިކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
މިއަދު ފިލިޕީންސާ ދެކޮޅަށް ނުކުންނައިރު މިދިޔަ 10 އަހަރުތެރޭ ރާއްޖޭން ވަނީ އެގައުމާ ދެކޮޅަށް ތިން މެޗު ކުޅެފަ އެވެ. 2009 ވަނަ އަހަރު ކުޅުނު ރަހްމަތްތެރިކަމުގެ މެޗުން ފިލިޕީންސް އަތުން ރާއްޖެ 3-2 އިން މޮޅުވި ނަމަވެސް 2014 ވަނަ އަހަރު ކުޅުނު އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލާއި ޖެހިގެން އައި އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ ވަނީ ފިލިޕީންސް އަތުން ބަލިވެފަ އެވެ. ޗެލެންޖް ކަޕްގެ ސެމީ ފައިނަލުގައި ގަލޮޅު ދަނޑުގައި 3-2 އިން ބަލިވިއިރު ފަހު މެޗުގައި ރާއްޖެ ބަލިވީ 2-0 އިންނެވެ.
“ހުރިހާ ކުދިންވެސް ވަރަށް ބޮޑަށް ތައްޔާރުވެގެން ތިބީ. އެންމެންވެސް ކިޔަނީ ފިލިޕީންސް އަތުން އަޅުގަނޑުމެން ސަލާމަތްވެފަ ނެތްކަމަށް ފަހުގެ ތާރީހެއްގައި. އަޅުގަނޑު ދެކޭ ގޮތުގައި މި މެޗަކީ ހުރިހާ ކުޅުންތެރިންވެސް އެއްކޮށް މަސައްކަތް ކޮށްފިއްޔާ ފަސޭހަކަމާއެކު ކާމިޔާބުކުރެވޭނެ މެޗެއް. އަޅުގަނޑުމެންގެ ގައުމުގައި އަމިއްލަ ދަނޑުގައި މި ކުޅެނީ. އެންމެން އެއް ރޫހެއްގައި ދިވެހި ސަޕޯޓަރުންނާއެކު އެންމެން އެކީގަ މަސައްކަތް ކޮށްފިއްޔާ މިއީ ކާމިޔާބު ކުރެވޭނެ މެޗެއް” މިދިޔަ އަހަރު ރާއްޖޭން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން ބުންޏެވެ.
އަކްރަމް ބުނީ އަމާޒަކީ މޮޅު ކުޅުމެއް ދައްކައި ތިން ޕޮއިންޓާއެކު ކޮލިފައިންގައި ކުރިއަށްދާން ފުރުސަތު ބޮޑުކުރުން ކަމަށެވެ. ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން މިދިޔަ މަހު ސީރިއާއާ ދެކޮޅަށް ދުބާއީގައި ކުޅުނު މެޗަށް އަކްރަމް ހުރީ ސަސްޕެންޑް ވެފަ އެވެ. ސަސްޕެންޝަނަށް ފަހު ކުރިއަށް އޮތް މުހިއްމު ދެ މެޗަށް ކެޕްޓަން ޓީމާ ގުޅުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ކޯޗު ޕީޓަ ސެގާޓް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
“އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެހެން ސްޓެޕަކަށް ދާން. މިހާރު ތިބި ހިސާބަށްވުރެ މައްޗަށް ދާން މަސައްކަތް ކުރާއިރު މި މެޗަކީ އެންމެ މުހިއްމު މެޗު ކުރިއަށް ދާން. މި މެޗުން މޮޅުވެއްޖިއްޔާ އަޅުގަނޑުމެންނަށް ވަރަށް ފުރުސަތު ބޮޑުވާނެ. އިރާދަކުރެއްވިއްޔާ މޮޅު މެޗެއް ކުޅެ ކާމިޔާބުކުރަން އުއްމީދުކުރަނީ” ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ އިތުބާރު ޑިފެންޑަރު ބުންޏެވެ.
ކޮލިފައިންގައި މިއަދު ފިލިޕީންސާއި އަންނަ އަންގާރަ ދުވަހު ގުއާމާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ފުޓްބޯޅަ ޓީމުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. މި ދެމެޗުގެ ކުރިން ގައުމީ ޓީމު މެލޭޝިއާގައި ތަމްރީނު ކޭމްޕެއް ކުރިއަށް ގެންދިޔައިރު އެ ގައުމާ ދެކޮޅަށް ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން 2-1 އިން ބަލިވި ނަމަވެސް އެމެޗުގައި ރާއްޖޭގެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މެޗުގައި ރާއްޖޭގެ ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ތަމްރީނު ދަތުރުގައި ބައިވެރިވި 25 ކުޅުންތެރިންނަށް ވެސް ކޯޗު ސެގާޓް ވަނީ މެލޭޝިއާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ދީފަ އެވެ. އަކްރަމް ބުނީ ޓްރެއިނިން ކޭމްޕުގެ ސަބަބުން މުޅި ޓީމަށް ލިބުނީ ހިތްވަރެއް ކަމަށާއި އޭގެ ސަބަބުން ހުރިހާ ކުޅުންތެރިންނަށް ވެސް މެޗަށް ތައްޔާރުވެވުނު ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.
“އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ޓްރެއިނިން ކޭމްޕެއް މި ލިބުނީ މެލޭޝިއާގަ. ވަރަށް ރަނގަޅު ފެސިލިޓީސްއާ އެއްކޮށް ހަމަ 25 ކުޅުންތެރިންނާއެކު ޓްރެއިނިން ކޭމްޕް ނިންމާލާފާ ވަރަށް ކާމިޔާބުކަމާއެކު އަޅުގަނޑުމެން މިއައީ. ހުރިހާ ކުދިންގެ މޫނުމަތިންވެސް ފެންނަނީ ވަރަށް އުފާވެރި މަންޒަރުތަކެއް އެއީ ހުރިހާ ކުދިންނަށްވެސް އިހުސާސް ވަނީ ވަރަށް ރަނގަޅަށް ޕްރެކްޓިސްކޮށްލާ ވަރަށް ރަނގަޅަށް ތައްޔާރުވެވިއްޖޭ މި ދެމެޗަށް ވެސް. އެހެންވީމަ އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެން ނެރޭނަން” އޭޝިއަން ކަޕަށް ކޮލިފައިވާން ކުރާ ދަތުރުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އަކްރަމް ބުންޏެވެ.
ފިލިޕީންސް ޓީމުގެ ކެޕްޓަން ސްޓެފަން ޝްރޮކް ބުނީ ރާއްޖެއާ ދެކޮޅަށް ނުކުންނައިރު އެޓީމުން ޖެހިލުންނުވާ ކަމަށާއި، އެކަމަކު މެޗަށް ނުކުންނާނީ ފުރިހަމަ އިހްތިރާމް ދީގެން ކަމަށެވެ. 33 އަހަރުގެ ޝްރޮކް އަކީ 2014 ވަނަ އަހަރު ގަލޮޅު ދަނޑުގައި 3-2 އިން ރާއްޖެ އަތުން ފިލިޕީންސް މޮޅުވި މެޗުގައި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އެންމެ ފުރަތަމަ ޖަރުމަނުގެ ޒުވާން ގައުމީ ޓީމުތަކަށް ކުޅުނު ޝްރޮކް ފިލިޕީންސަށް ރަށްވެހިކަން ބަދަލުކޮށް ޓީމުން ފުރުސަތު ލިބުނީ 2011 ވަނަ އަހަރު އެވެ. ޝްރޮކްގެ މަންމަ ފިލިޕީންސަށް ނިސްބަތްވާއިރު ބައްޕަ އަކީ ޖަރުމަނު މީހެކެވެ. ފިލިޕީންސަށް ރަށްވެހިކަން ބަދަލުކުރުމަށް ފަހު ވެސް ޝްރޮކް ވަނީ ޖަރުމަނު ލީގުގައި ކުޅެފަ އެވެ. 2013 ވަނަ އަހަރު އެއިންޓްރަކް ފްރެންކްފާޓް ޓީމަށް ޝްރޮކް ކުޅުނުއިރު އެޓީމާއެކު ޝްރޮކް އެންމެ ފުރަތަމަ ނުކުތީ ގަދަފަދަ ބަޔާން މިއުނިކާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުގަ އެވެ. އޭގެފަހުން ޝްރޮކް ވަނީ ޔޫއެފާ ޔޫރޮޕާ ލީގުގައި ކުޅޭ ގޯލު ވެސް ޖަހައިފަ އެވެ.
މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ދަނޑުގައި ކުޅުނު ނަމަވެސް ޝްރޮކް ބުނީ އެއީ ވަރަށް ދިގު މުއްދަތެއް ކަމަށާއި މިއަދުގެ މެޗުގައި އެއްވެސް ޓީމަކަށް އެމެޗުގެ ނަތީޖާ މުހިއްމު ނުވާނެ ކަމަށެވެ. ޔޫރަޕްގެ ތަޖުރިބާހުރި ޝްރޮކް މިހާރު ކުޅެމުން އަންނަނީ ފިލިޕީންސްގެ ކްލަބަކަށެވެ.
ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން ހަތަރެއް ޖަހާއިރު އެވެ.
Advertisement


Leave a Reply