އިއްބެ މާޔޫސްވިޔަކަ ނުދޭނަން، އެއީ ހާއްސަ ކުޅުންތެރިއެއް: ސެގާޓް

Advertisement

އިއްބެ މާޔޫސްވިޔަކަ ނުދޭނަން، އެއީ ހާއްސަ ކުޅުންތެރިއެއް: ސެގާޓް

ޢަލީ ޝަހީމް

ގައުމީ ޓީމުގެ މުހިއްމު މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އަކީ މުޅި ގައުމަށް ވެސް ހާއްސަ ކުޅުންތެރިއެއް ކަމަށާއި އިއްބެ މާޔޫސްވިޔަ ނުދޭނެކަމަށް ބުނެ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް އިއްބެއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ހަވީރު ފިލިޕީންސާ ދެކޮޅަށް ނުކުތުމުގެ ކުރިން އިއްޔެ އޮތް ޕްރެސް ކޮންފަރެންސްގައި ކޯޗު ސެގާޓް ބުނީ އިއްބެ އަކީ މުޅި ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށާއި އެހެންވެ އިއްބެ ޓީމާއެކު ހުންނައިރު އަބަދުވެސް އިއްބެއަށް ބަލާނެކަމަށެވެ.

މާޒިޔާއަށް ކުޅެމުން އަންނަ ހދ. ނޮޅިވަރަންފަރަށް އުފަން އިއްބެ އަކީ ސެގާޓްގެ ކޯޗުކަމުގައި ބަރާބަރަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިއެކެވެ. ގައުމީ ޓީމުން މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު ނޭޕާލް 3-0 އިން ބަލިކޮށް ރާއްޖެ ފައިނަލަށް ދަތުރުކުރީ އިއްބެ ޖަހައިދިން ދެގޯލާއެކު އެވެ. އެއަށްފަހު އިއްބެގެ ބޭނުން އެންމެ ބޮޑަށް ހިފަން ކޯޗު ބޭނުންވީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައެވެ. އެކަމަކު ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅެން އޮތް މެޗަށް ތައްޔާރުވާން ސްރީ ލަންކާގައި ހުއްޓައި އިއްބެ އާއިލާގެ މެމްބަރުންތަކެއްގެ ކުއްލި މަރާއެކު އޭނާ ވަނީ ގައުމީ ޓީމު ދޫކޮށް ރާއްޖެ އައިސްފަ އެވެ.

ގުއާމް މެޗުގައި އިއްބެ ކުޅެފައިނުވާއިރު އޭގެފަހުން ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ޓީމުގައި އިއްބެ ހިމެނި އެވެ. އެކަމަކު އިއްބެގެ ހާލަތު އެންމެ ރަނގަޅުވެފައި ނުވާތީ ޗައިނާ މެޗުގައި އިއްބެ ބޭނުންކޮށްފައެއްނުވެ އެވެ. އޭގެފަހުން އިއްބެ ކުޅުމާ ދުރަށްދާން ޖެހުނީ މާޒިޔާގެ ފަރިތަކުރުންތަކުގައި އުޅެނިކޮށް ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. އެ އަނިޔާއާއި ގުޅިގެން ކޮލިފައިންގައި ރާއްޖޭން މިދިޔަ މަހު ރަށުން ބޭރުގައި ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އިއްބެ ހިމަނާފައެއްނުވެ އެވެ. އަދި މާޒިޔާއިން ލީގުގައި ކުޅުނު މެޗުތަކުގައި ވެސް އިއްބެ ފެނިފައެއްނުވެ އެވެ. އެކަމަކު މިއަދު ހަވީރު ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ އަންގާރަ ދުވަހު ގުއާމާ ދެކޮޅަށް ކުޅޭ މެޗަށް އިއްބެ ވަނީ ޓީމުގައި ހިމަނައިފަ އެވެ. މި ދެމެޗަށް ތައްޔާރުވާން މެލޭޝިއާގައި މި މަހުގެ ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި އިއްބެ ބައިވެރިވިއިރު މެލޭޝިއާއާ ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ މެޗުގައި ކުޅެން އަރައި އިއްބެ ވަނީ އަލުން ކުޅުމުގެ ތެރެއަށް އައިސްފަ އެވެ.

“ގައުމުގެ އެންމެންނަށް ވެސް އޭނައަށް ދިމާވި ހިތާމަވެރި ހާދިސާ އެނގޭނެ. އަހަރެން އިއްބެ މާޔޫސްވިޔަކަ ނުދޭނަން. އިއްބެ ޓީމާއެކު ހުންނައިރު ސަތޭކަ ޕަސެންޓް ޒިންމާ އަހަރެން ނަގާނަން. އޭނަ މިވަގުތު ސަތޭކަ ޕަސެންޓް ރެޑީއެއް ނޫން. އެކަމަކު އަހަރެން ބޭނުން މި ކުޅުންތެރިޔާއަށް ފުރުސަތުދޭން. އަހަރެންނަށް އިނގޭ އެއީ އެކަނި އަރައިގަންނަން އުނދަގޫ ކަމެއްކަން. އެހެންވެ އަހަރެމެން އިއްބެއަށް އެހީވާން މަސައްކަތް ކުރަން” ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރާއި ގުޅޭގޮތުން ސެގާޓް ބުންޏެވެ.

ސެގާޓް ބުނީ ގުއާމްގައި މެޗު ކުޅުނީ އިއްބެއަށްޓަކައި ކަމަށާއި، ނަތީޖާ ނެރުނީ އިއްބެއަށް ކޮށްދިން ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި، މިދިޔަ އަހަރު ރާއްޖޭން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމުގެ އެއް ސަބަބަކީ އިއްބެކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. ސުޒުކީ ކަޕް ކާމިޔާބު ކުރުމަށް ފަހު އިއްބެއަށް މިއަހަރު ކުރިމަތިވި ހިތާމަވެރި ހާދިސާއާއެކު މިހާރު އޭނާއަކީ މުޅި ޓީމަށާއި ގައުމަށް ވެސް ވަރަށް ހާއްސަ ކުޅުންތެރިއެއް ކަމަށް ސެގާޓް ބުންޏެވެ.

“އިއްބެ އަކީ ސާފް ސުޒުކީ ކަޕް އަހަރެމެންނަށް ކާމިޔާބުކުރެވުމުގެ އެއް ސަބަބު. ފަހުން އިއްބެއަށް ދިމާވި ކަންތަކުން އަހަރެމެންނަށް އަދި މުޅި ގައުމަށް ވެސް އޭނާއަކީ ހާއްސަ ކުޅުންތެރިއެއް. އެހެންކުޅުންތެރިން ނުނަގައިގެން ސަބަބު ހޯދަން އަހަރެންނަށް ސުވާލު ކުރެވިދާނެ. އެކަމަކު އިއްބެއާ ގުޅޭގޮތުން ކުރާނެ މަޝްވަރާއެއް ނޯންނާނެ. އިއްބެއަށް ދިމާވި ކަންތަކަށް ފަހު އަހަރެމެނަށް (ގައުމީ ޓީމަށް) މައްސަލަތައް ކުރިމަތިވި. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ކަމެއް ދިމާވެދާނެ” މާދަމާ 24 އަހަރުފުރޭ އިއްބެއަށް ތައުރީފްކުރަމުން ސެގާޓް ބުންޏެވެ.

އަނިޔާއިން ރަނގަޅުވެ އިއްބެ މިހާރު އަންނަނީ ބަރާބަރަށް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. ސެގާޓް ބުނީ އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ވެސް އިއްބެ ފެނުނީ ވަރަށް ރަނގަޅަށް ކަމަށާއި މިއީ އިއްބެއަށް އެހީތެރިވާން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

“ފަހަރެއްގަ އިއްބެ ދުއިސައްތަ ޕަސެންޓް ތައްޔާރު ނުވެދާނެ. އެކަމަކު މިއީ އޭނައަށް އެހީތެރިވާން ރަނގަޅު ފުރުސަތެއް. ފަހަރެއްގަ ގުއާމް މެޗަށް ދުއިސައްތަ ޕަސެންޓް އިއްބެ ފިޓްވެދާނެ” ގިނަ ދުވަސްތަކަކަށް ފަހު ވާދަވެރި މެޗަކަށް ނުކުންނަން އަމާޒު ހިފާފައިވާ އިއްބެއާ ގުޅޭގޮތުން ކޯޗު ސެގާޓް ބުންޏެވެ.

އިއްބެ އަލުން ގައުމީ ޓީމާއެކު ފެނުމަކީ ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބޭނެ އުފަލެކެވެ. ގައުމީ ޓީމުން ލިބޭ ކޮންމެ ފުރުސަތެއްގައި އިއްބެ އަންނަނީ އޭނާގެ މުހިއްމުކަން ގައުމަށް ސާބިތުކޮށްދެމުންނެވެ. ޔަގީނުން ވެސް ކޮލިފައިންގެ މުހިއްމު ދެ މެޗާއި ކުރިމަތިލާއިރު އިއްބެ ޓީމުގެ މެދުތެރެއިން ފެނުމަކީ ޓީމުގެ އިތުބާރު ބޮޑުވެ ސަޕޯޓަރުންގެ އުއްމީދުތައް ވެސް މަތިވާނެ ސަބަބެކެވެ.

ރާއްޖެއާ ފިލިޕީންސް ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން ހަތަރެއް ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *