ޗައިނާއާ އެއްވަރުވުމަކީ ރާއްޖެއަށް ވުރެ އަހަރެމެން މޮޅުވުމެއް ނޫން: ފިލިޕީންސް ކޯޗް

Advertisement

ޗައިނާއާ އެއްވަރުވުމަކީ ރާއްޖެއަށް ވުރެ އަހަރެމެން މޮޅުވުމެއް ނޫން: ފިލިޕީންސް ކޯޗް

ޢަލީ ޝަހީމް

ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސުން ޗައިނާއާ ދެކޮޅަށް ކުޅެ އެއްވަރުކުރުމަކީ އެޓީމު ރާއްޖެއަށްވުރެ މޮޅުވުން ނޫންކަމަށް ފިލިޕީންސް ޓީމުގެ ކޯޗު ސްކޮޓް ކޫޕާ ބުނެފި އެވެ. ކޮލިފައިންގައި މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ރާއްޖެއާ ދެކޮޅަށް ނުކުތުމުގެ ކުރިން މިއަދު މެންދުރުފަހު އޮތް ޕްރެސް ކޮންފަރެންސްގައި ކޫޕާ ވަނީ ރާއްޖޭން މިހާރު ދަށްކަމުން އަންނަ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

މާދަމާ ހަވީރު މެޗަށް ނުކުންނައިރު މި ގްރޫޕުގައި ކުޅުނު ތިން މެޗުން ފިލިޕީންސަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ރާއްޖެއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ސީރިއާ އަތުން 5-2 އިން ބަލިވި ނަމަވެސް ދެ ވަނަ މެޗުގައި ރަށުން ބޭރުގައި ގުއާމް ބަލިކޮށް އެންމެ ފަހުން ކުޅުނު މެޗުގައި ގަދަފަދަ ޗައިނާއާ އެޓީމުން ވަނީ 0-0 އިން އެއްވަރުކޮށްފަ އެވެ. ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ގުއާމް ބަލިކުރި ނަމަވެސް ޖެހިގެން އައި ދެ މެޗުން ވަނީ ބަލިވެފަ އެވެ. ގަލޮޅު ދަނޑުގައި ޗައިނާ އަތުން 5-0 އިން ބަލިވިއިރު ރަށުން ބޭރުގައި ސީރއާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް 2-1 އިން ބަލިވީ އެވެ.

ރާއްޖޭން ގަލޮޅު ދަނޑުގައި ޗައިނާ އަތުން ބަލިވި މެޗާއި ގުޅޭގޮތުން ކޫޕާ ބުނީ އެ މެޗުގައި ފެނުނީ ރާއްޖޭން ވަރަށް ރަނގަޅަށް ކުޅެމުން ދަނިކޮށް ނަސީބު ނެތުމުގެ ސަބަބުން މެޗު އެނބުރުތަން ކަމަށެވެ. ރާއްޖޭން މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމާއި އަދި އޭގެފަހުން ކުޅުނު މެޗުތަކުގައި ކުޅުން ރަނގަޅުކޮށްފައިވުމުން ކޫޕާ ވަނީ ދިވެހި ޓީމަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

“ރާއްޖޭން މިދިޔަ އަހަރު އިންޑިއާ 2-1 އިން ބަލިކުރި. ގުއާމްގައި މޮޅަށް ކުޅެ ގޯލެއް ނުވަދެ މެޗު ކާމިޔާބުކުރި. އަހަރެންގެ ނަޒަރުގައި މިތާ ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެ ވަރަށް ނަސީބު ދެރަ. ގާތްގަނޑަކަށް 30 މިނެޓު ވަންދެން ޗައިނާއިން ގޯލެއް ޖެހިޔަނުދީ ހިފެހެއްޓި. ދެތިން މިނެޓެއްގަ ވީ ކަމަކުން ގޯލުތަކެއް ވަނީ. ދާދިފަހުން ސީރިއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް. އަހަރެމެން ސީރިއާއާ ދެކޮޅަށް ކުޅުނު މެޗަށްވުރެ ރާއްޖޭން ސީރިއާ ދެކޮޅަށް މޮޅަށް ކުޅުނު. މެޗުން 2-1 އިން ބަލިވިޔަސް ފަހުކޮޅު ރާއްޖޭން ވަރަށް ބޮޑަށް މަސައްކަތްކުރި 2-2 އިން އެއްވަރުކުރަން” ވޭތުވެދިޔަ އަހަރެއްހާ ދުވަހު ރާއްޖޭން ނެރުނު ނަތީޖާތަކަށް ތައުރީފް ކުރަމުން ކޫޕާ ބުންޏެވެ.

ކޫޕާ ބުނީ ރާއްޖޭގައި ހުރީ މޮޅު ކޯޗެއް ކަމަށާއި އަދި ކުޅުމުން ފެންނަނީ ވަރަށް އޯގަނައިޒް ޓީމެއް ގޮތަށް ކަމަށެވެ. އަދި، ޗައިނާ މެޗާ އަޅާކިޔައި ތަފާސް ހިސާބުން މި މެޗަށް ލިބޭނެ އެއްވެސް އެއްޗެއް ނެތްކަމަށް ކޫޕާ ބުންޏެވެ.

“ޗައިނާ މެޗުގަ އަހަރެމެން އެއްވަރުކޮށްފަ ރާއްޖެ ޗައިނާ އަތުން 5-0 އިން ބަލިވުމަކުން އަހަރެމެން މޮޅުވާން (ރާއްޖެ މެޗުން) ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން. އެހެނެއް ނުވެސް ބުނާނަން އަހަރެމެން. އަނެއް ކޮޅަށް ބަލާނަމަ ސީރިއާ އަތުން އަހަރެމެން ބަލިވީ 5-2 އިން އެކަމަކު ރާއްޖެ ބަލިވީ 2-1 އިން. އެހެންވީމަ ތަފާތަކީ ކޮބާ؟” ކޫޕާ ބުންޏެވެ.

ރާއްޖޭން މާދަމާ ހަވީރު ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ރޭގަނޑު ހަތެއް ޖަހާއިރު ސީރިއާ އާއި ޗައިނާ ވާދަކުރާނެ އެވެ. ކޫޕާ ބުނީ ސީރިއާ އާއި ޗައިނާ ވާދަކުރާ މެޗުން އެތަނުން ޓީމަކަށް ޕޮއިންޓުތަކެއް ގެއްލުމުގެ ފައިދާ ރާއްޖެއާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ލިބޭނެ ކަމަށެވެ.

“ސީރިއާ އާއި ޗައިނާ ކުޅޭތީ މި މެޗުން ލިބޭ ޕޮއިންޓުން ފައިދާކުރާނެ. މި މެޗުން މޮޅުވާ ޓީމަކަށް ފުރުސަތު ތަނަވަސްވެގެންދާނެ. ގިނަ މެޗުތަކެއް ހުރީމަ ސީރިއާ އަދި ޗައިނާއަށް ވެސް އަދި ޔަގީންކަމެއް ނޯންނާނެ. ރާއްޖޭގެ ކޯޗުގެވެސް މިހާރު ހުންނާނީ އަހަރެން މި ގެންގުޅޭ ވިސްނުން. އެއީ ގްރޫޕުގައި ވާދަވެރިކޮށް ހިފަހައްޓާލުން. ޗައިނާ އާއި ސީރިއާ އަކީ ވަރުގަދަ ގައުމުތައް. އެކަމަކު ރާއްޖޭން ސީރިއާއާ ދެކޮޅަށް މޮޅަށް ކުޅުނުއިރު އަހަރެމެން ޗައިނާ ހިފެހެއްޓިން” އިނގިރޭސި ކްލަބް ލެސްޓަ ސިޓީގެ ޔޫތު ޓީމަށް 2011 ވަނަ އަހަރު އިރުޝާދުދިން ކޯޗު ބުންޏެވެ.

ދުވާލު ގަޑީގައި ރާއްޖެއާ ދެކޮޅަށް ކުޅޭ ޓީމުތަކަށް ކުރިމަތިވާ ގޮންޖެހުމަކީ ހޫނު ގަދަވުމުގެ ސަބަބުން ކުޅުމުގެ އަސްލު ފެންވަރު ނުދެއްކުމެވެ. ކޫޕާ ބުނީ ރާއްޖެއަކީ ހޫނުގަދަ ގައުމަކަށް ވިޔަސް ފިލިޕީންސްގެ ކުޅުންތެރިން ހޫނަށް ހޭނޭނެ ކަމަށާއި އެކަމުން މައްސަލައެއް ކުރިމަތިވާނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

“އަހަރެމެންގެ ވަރަށް ގިނަ ކުޅުންތެރިން އޭޝިއާގަ ކުޅޭ. އެހެންވީމަ އެކުޅުންތެރިން ހޫނަށް ހޭނޭނެ. ފިލިޕީންސްގައި ވެސް ވަރަށް ގިނަ މެޗުތައް ތިނެއް ހަތަރެއް އަދި ފަހެއް ޖަހާއިރު ކުޅޭނެ. ގިނަ ކުޅުންތެރިންތަކެއް ތައިލެންޑް ލީގުގަވެސް ކުޅޭ. އަހަރެންގެ އެނގިފަ އޮތް ގޮތުގައި ބެންގްކޮކް އަކީ އެވްރެޖްކޮށް ބަލާނަމަ މުޅި އަހަރުތެރޭ އެންމެ ހޫނުގަދަކޮށް އޮންނަ އެއް ސިޓީ” މި އަހަރުގެ ޖެނުއަރީ މަހު ފިލިޕީންސް ޓީމަށް ކޯޗެއްގެ ގޮތުގައި އިރުޝާދޭން ފެށި ކޫޕާ ބުންޏެވެ.

ރާއްޖޭން ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް އެންމެ ފަހުން ނުކުތީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލުގަ އެވެ. އެ މެޗުން ފިލިޕީންސް ވަނީ 3-2 އިން ރާއްޖެ ބަލިކޮށްފަ އެވެ. އެ މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު ހަތަރު ވަރަކަށް ކުޅުންތެރިން މިހާރުވެސް ފިލިޕީންސް ގައުމީ ޓީމުގައި އެބަތިއްބެވެ. އެކަމަކު އެއީ މީގެ ފަސް އަހަރު ކުރިއަށްވުމާއެކު ކޫޕާ ބުނީ އެ މެޗުގެ ތަޖުރިބާއިން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ކޫޕާ ބުނީ މެޗަށް ނުކުންނައިރު އެޑްވާންޓޭޖް އޮތީ ރާއްޖެއަށް ކަމަށާއި، ފުޓްބޯޅައިގައި ކުޅެން ނުކުންނަން ޖެހޭނީ ހުރިހާ ފައިދާއެއް ނުލިބޭނެކަން ގަބޫލުކޮށްގެން ކަމަށެވެ. އަދި، ހޯމް ޓީމަށް ލިބޭ ފައިދާތައް ނުލިބުމުން މެޗަށް ފަހު އެއްވެސް ޝަކުވާއެއް ނުކުރާނެކަމަށް ކޫޕާ ބުންޏެވެ.

“ބައެއް ފަހަރު ގަބޫލުކުރަން ޖެހޭނެ ހުރިހާ އެޑްވާންޓޭޖެއް ނުލިބޭނެކަން. އެއީ ދަނޑާއި ސަޕޯޓަރުން ދަނޑުގެ ސައިޒް އަދި މޫސުން އަހަރެމެން އެކްސްކިއުޒަކަށް ނުދައްކާނަން” ކޫޕާ ބުންޏެވެ.

ރާއްޖެ އާއި ފިލިޕީންސް ހިމެނޭ ގްރޫޕް އޭގައި އެންމެ މަތިން ރޭންކް ކުރެވިފައިވަނީ ޗައިނާ އާއި ސީރިއާ އެވެ. ތިން ވަނަ ޓީމުގެ ގޮތުގައި ފިލިޕީންސް ރޭންކް ކުރެވުނު އިރު އޭގެ ފަހަތުން އޮތީ ރާއްޖެ އާއި އެންމެ ފުލުގައި އޮތް ގުއާމް އެވެ. ކޫޕާ ބުނީ ގްރޫޕް އެގޮތަށް ރޭންކް ކުރެވިފައި އޮތަސް ރާއްޖެއަކީ އަކީ ފިލިޕީންސަށް ވުރެ ދަށް ޓީމެއް ނޫން ކަމަށެވެ.

“އަހަރެމެން މި ގްރޫޕުގައި ތިން ވަނައަށް ރޭންކް ކުރެވިފަ އޮތަސް ހަތަރު ވަނައިގައި އޮތް ރާއްޖެވެސް އެއީ ހަމަ އަހަރެމެންނާ އެއް ފެންވަރެއް” ރާއްޖޭގެ ފެންވަރު ރަނގަޅުވެފައިވާކަމަށް އިޝާރާތް ކުރަމުން ކޫޕާ ބުންޏެވެ.

ކޮލިފައިންގައި ރާއްޖެއާ ފިލިޕީންސް ވާދަކުރާ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *